އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދީނީ ދަޢުވަތު ފެތުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ މަސައްކަތްތަކަށް ބޭނުންވާ އެކި ވަސީލަތްތައް ހޯދައިދިނުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ މިއަދު ފެށި ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ މި ޚަރަދުތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ފައިސާ މައިގަނޑު ގޮތެއްގައި ހޭދަކޮށްފައިވަނީ ދަޢުވަތުގެ މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމަށާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ތަފާތު ވަސީލަތްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ. މީގެއިތުރުން، ހިންގުން ވަރުގަދަ އަދި ހަރަކާތްތެރި ޖަމްޢިއްޔާތަކަށް މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވުޒާރާއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާއިތުވި ދެތިން އަހަރަކީ އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގާތުން ގުޅިގެން، ބޮޑެތި އެހީތެރިކަން ފޯރުކޮށްދެވުނު ދުވަސްތަކެއްކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިވަމުންދާ މި ޒަމާނުގައި، އެ މަސައްކަތް މުޅި ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެއް ޖަމްޢިއްޔާ އަނެއް ޖަމްޢިއްޔާއަކަށް ވާންޖެހޭނީ އެއްބަޔަކު އަނެއްބައެއްގެ މަސައްކަތް ފުރިހަމަކޮށްދޭ އެކުވެރި ބަޔަކަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދީނީ ދަޢުވަތު ފުޅާކުރުމާއި ޖަމްޢިއްޔާތައް ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ބޭއްވި މިއަހަރުގެ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ޖުމްލަ 53 ޖަމްޢިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު