އީޝާ އަޝްރަފު
އީޝާ އަޝްރަފު
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ބައެއް ތުހުމަތުތައްކޮށް 'އަދަދު' ނޫހުން އާއްމުކުރި ޑޮކިއުމެންޓްރީއަށް މައުލޫމާތު ފޯރުކޮށްދިން ކަމަށް ފުލުހުން ތުހުމަތުކުރާ އީޝާ އަޝްރަފުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އަދަދު ނޫހުން މި ޑޮކިއުމެންޓްރީ ނެރުނު ކަމަށްވަނީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ޑޮކިއުމެންޓްރީގައި ވާހަކަ ދެއްކި ފަރާތުގެ މޫނާއި އަޑު ސިއްރުކޮށްފައި ވިޔަސް، އޭގެ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފައެވެ. މި ތަހުގީގާ ގުޅިގެން އީޝާ އަޝްރަފު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

ޕީޖީ އޮފީހުން މިރޭ 'ރަސް އޮންލައިން' އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، އީޝާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ގަޒުފުކުރުމުގެ ކުށުގެ ދައުވާއެކެވެ. ނަމަވެސް، މި ދައުވާއާ ގުޅޭ އިތުރު ތަފްސީލެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވެއެވެ. އަދި މިދިޔަ މޭ މަހު ޕީޖީ އޮފީހުން ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް