Photo: Khánh Hoà Newspaper Online
Photo: Khánh Hoà Newspaper Online
ވިއެޓްނާމަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ޚާން ހޯއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ އުމުރުން 39 އަހަރުގެ މުޙައްމަދު އަނިލްގެ މައްޗަށެވެ. އަދި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ އެ ޤައުމުން ޑީޕޯޓްކޮށްލުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ހާދިސާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، 8 ޑިސެމްބަރު 2025 ގައި ތައިލެންޑުގެ ބެންކޮކުން ފުރައިގެން ވިއެޓްނާމްގެ ކާމް ރާން އިންޓަނޭޝަނަލް އެއާޕޯޓަށް އަނިލް ދިއުމުން އޭނާގެ ޗެކް-އިން ލަގެޖާއި އަތްދަބަސް ސްކްރީން ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ތަކެތި ފެނިގެން ކަސްޓަމްސް އޮފިސަރުން ވަނީ އޭނާ ހިފަހައްޓާފައެވެ. އެއަށްފަހު އިތުރަށް ބަލައި ފާސްކުރިއިރު، އޭނާގެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޕެކެޓްތަކެއް ވަނީ ފެނިފައެވެ. ނަމަވެސް، ޓެސްޓުތަކުން ދައްކާފައިވަނީ އަނިލް އަމިއްލައަށް އެއްވެސް މަސްތުވާތަކެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މައްސަލައިގެ ތަޙުޤީޤުން ހާމަވެފައިވަނީ، 7 ނޮވެމްބަރު 2025 ގައި އަނިލް ބެންކޮކްގެ ހޮޓަލެއްގައި ހުރި ދުވަސްވަރު، ތައިލެންޑުގެ ޕަޓާޔާގައި އުޅޭ "އަފޫ" ނަމަކަށް ކިޔާ މީހަކު ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ ޕެކެޓް ގެންގޮސްދިނުމަށް އޭނާއަށް ހުށަހަޅާފައިވާ ކަމަށެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުން 1،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށް ވަޢުދުވެ، ކެއުމާއި ދަތުރުގެ ޚަރަދަށް 500 ޑޮލަރު ކުރިން ވަނީ އަނިލްއަށް ދީފައެވެ. އަދި ވިއެޓްނާމަށް ދިއުމުން އެ ތަކެއްޗާ ހަވާލުވާން މީހަކު ގުޅާނެ ކަމަށް ބުނެ، އަފޫ ވަނީ އެ ޕެކެޓްތައް އަނިލްގެ ފޮއްޓަށް އަޅާފައެވެ.

އަނިލް އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1،545.6893 ގްރާމެވެ. އޭގެ ތެރޭގައި ހިމެނެނީ 1،067.2293 ގްރާމްގެ މެފެޑްރޯން އާއި 478.46 ގްރާމްގެ އަލްފާ-ޕީއައިއެޗްޕީއެވެ.

މި މައްސަލަ ބެލުމަށްފަހު ޚާން ހޯއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ވަނީ އަނިލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ވިއެޓްނާމުން ފޮނުވާލުމަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް