ސައިބަރ ސެކިއުރިޓީ މާހިރުން
ސައިބަރ ސެކިއުރިޓީ މާހިރުން
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ފާހަގަކުރެވުނު މި އީމެއިލްތަކަކީ، އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައިވާ ސައްހަ އެއްޗެއްގެ ގޮތުގައި މީހުންނަށް އޮޅޭނެހެން ފަރުމާކޮށްފައިވާ އީމެއިލްތަކެކެވެ.

މީގެއިތުރުން، މި އީމެއިލްތަކުގައި ރަސްމީ އިންވިޓޭޝަނެއް ނުވަތަ ފައިލް ޝެއަރިންގ ލިންކެއްގެ ސިފަޖައްސައި، ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންގެ އަތްމައްޗަށް ގޮސް، ސަރުކާރުގެ މުއައްސަސާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ނެޓްވޯކްތަކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު ބޮޑެވެ.

ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ސައިބަރ ހަމަލާއެކެވެ. އެހެންކަމުން، މި ހަރަކާތްތައް މޮނިޓަރކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތައް ބްލޮކްކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، މައްސަލައިގެ ތަހުގީގާއި ޓެކްނިކަލް އެނަލިސިސްގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިފަދަ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، އީމެއިލްތަކާއެކު އަންނަ ލިންކުތަކާއި އެޓޭޗްމަންޓްތަކުގެ ރައްކާތެރިކަން ކަށަވަރުނުވަނީސް ނުހުޅުވުމަށާއި، ދަންނަ މީހަކު ފޮނުވި އީމެއިލްއެއް ކަމުގައިވިޔަސް އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ ފޯނުން ގުޅައިގެން އެކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި އީމެއިލް ލިންކުތަކުން ހުޅުވޭ ޕޭޖުތަކުގައި ލޮގިން މައުލޫމާތު ނުޖެހުމަށާއި، މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމުގެ އިތުރުން ސިސްޓަމްތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމަށް އިރުޝާދުދެއެވެ. ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެނަމަ އައި.ޓީ ޓީމަށް ރިޕޯޓުކުރުމަށާއި، ނުރައްކާތެރި ފައިލެއް ހުޅުވިއްޖެނަމަ ވަގުތުން ސިސްޓަމް ނެޓްވޯކުން ވަކިކޮށް އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް