މަކުނުދޫ އެއާޕޯޓުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
މަކުނުދޫ އެއާޕޯޓުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހދ. މަކުނުދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޕެސެންޖަރ ޓާމިނަލް ހިމެނޭހެން މައިގަނޑު އިމާރާތްތަކުގެ އުމްރާނީ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން މަޢުލޫމާތު ދެއްވި ގޮތުގައި، އެއާޕޯޓުގެ މައި އިމާރާތްތަކުގެ ބިންގަލުގެ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ތަނބުތަކަށް ބޭނުންވާ ދަގަނޑު ބެންޑުކުރުމާއި، ކޮލަމް ކޮންކްރީޓް ކުރުމުގެ މުހިންމު މަސައްކަތްތަކެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 85.44 މިލިއަން ރުފިޔާއަށެވެ.

މަކުނުދޫ އެއާޕޯޓް ތަރައްޤީ ކުރުމަށްޓަކައި އެ ރަށާއި ހުރާއާ ދެމެދު އޮތް ފަޅުން ޖުމްލަ 43.12 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އޭގެ ތެރޭގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިމުގެ އިތުރުން، ރަށުގެ އިޖުތިމާޢީ އަދި ބޯހިޔާވަހިކަމުގެ އެކި ބޭނުންތަކަށް ޚާއްޞަކޮށްގެން ހިއްކި 22 ހެކްޓަރުގެ ބިން ވެސް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 258.21 މިލިއަން ރުފިޔާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައިވަނީ މަކުނުދޫގައި ސަރަޙައްދީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރުގެ ޒަމާނީ އެއާޕޯޓެއް ޤާއިމުކުރުމަށެވެ. އެގޮތުން، މި އެއާޕޯޓުގައި 1,800 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި 3,493 މީޓަރުގެ ބޮޑުހިލައާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، ޒަމާނީ ރަންވޭ ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ އިތުރުން އެއާޕޯޓް ހިންގުމަށް ބޭނުންވާ އިދާރީ އެކި އިމާރާތްތައް ބިނާކުރުން މި މަޝްރޫޢުގައި ހިމެނެއެވެ.

އެކަހެރިކޮށް އޮންނަ މަކުނުދޫގެ ދަތުރުފަތުރުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ މި އެއާޕޯޓުގެ ޢަމަލީ މަސައްކަތްތައް ނިމުމުން، އެތަން އޮޕަރޭޓްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.



ކިޔުންތެރިންގެ ހިޔާލު