ޞާދިރު ޢަލީދީދީ   4 ނޮވެމްބަރު 2020 - 14:24
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 23

................

[ހެޔޮނުވާނެ އަހަރެން ސަލާމަތްކުރޭ. އަހަރެން ސަލާމަތްކުރޭ.] ޖޯޖް ސަލާމަތަށް އެދި ގޮވަމުން ނިކަން ބާރަށް ދުއްވައިގެންފިއެވެ. ހަންޑި ބާރަށް ހޭންފެށިއެވެ.

[ކިތަންމެ ބާރަށް ދުވިޔަސް، ނިކުމެވޭނީ އަހަރެންގެ ކުރިމައްޗަށް. ރީޙާންގެ ލޯބިވާ ނަޝްވާއާ ކައިވެނި ކުރުމުގެ ފުރްޞަތު ކަލެއަކަށް ނުދޭނަން. ނަޝްވާއަކީ ރީޙާންގެ މިލްކެއް. ނަޝްވާގެ ލޯބީގެ ޙައްޤުވެރިޔަކީ ރީޙާން. ނުދުވެ މަޑުކުރޭ. އެހެން ދިމާޔަކުން އަހަރެން ފެންނައިރު މިއަށްވުރެން ނާމާންވާނެ.] އޭތީގެ އަޑު އަންނަނީ ހަތަރު ފަސް މީހެއްގެ އަޑު އަންނަހެންނެވެ.

ދުވަމުން ދުވަމުން ގޮސް ޖޯޖަށް ނިކުމެވުނީ އަނެއްކާވެސް އޭތީގެ ކުރިމައްޗަށެވެ. ޖޯޖް ރޮއިގެންފައި އަނެއްކާވެސް ސަލާމަތަށް އެދެން ފަށައިފިއެވެ.

އެވަގުތެވެ. ނަޝްވާ އޭނާގެ ކޮޓަރިން ބޭރަށް ނިކުތީ ކަރު ހިއްކައިގެންފައިވާތީ، ބަދިގެޔަށް ދިޔުމަށްޓަކައެވެ. އެވަގުތު ޖޯޖް އޮތް ކޮޓަރީގެ ދޮރު އެކަށް ހުޅުވާފައި ވަނިކޮށް ފެނުނީމާ ނަޝްވާ ފެން ބޮއިގެން އެ ކޮޓަރިޔާ ދިމާއަށް ހިނގައިގެންފިއެވެ.

ކޮޓަރިތެރެޔަށް ބޯދިއްކޮށްލެވުމާއެކު، ނަޝްވާ ހިސާބަކަށް ޙައިރާންވިއެވެ. ކޮޓަރިތެރެޔަކު ޖޯޖެއް ނެތެވެ.

[ޖޯޖް....] ދެތިންފަހަރު ޖޯޖަށް ގޮވުމަށްފަހު ފާޚާނާތެރެވެސް ބަލާލުމަށްފަހު ނަޝްވާ ގޭގެ މައިދޮރު ހުޅުވާލިއެވެ. މަގުމައްޗަކުވެސް ޖޯޖް ފެންނާކަށް ނެތެވެ.

ނަޝްވާ އޭނާގެ ބޭބެ ނާއިލަށް ގޮވީ، ބައިގަޑިއެއްހާއިރު ޖޯޖް އާދޭތޯ އިންތިޒާރު ކުރުމަށްފަހުގައެވެ.

[ބޭބޭ...ޖޯޖް ގެޔަކު ނެތް. މި ފުރަދަންވަރު އެކަނިމާއެކަނި ކޮންތާކަށްބާ ގޮސްގެން އުޅެނީ. މިހާ ދަންވަރު ބޭރު މީހަކު އެކަނި ނިކުމެ އުޅެން ހެޔޮވެސް ނުވާނެ. ފަހަރެއްގައި ލިންކް ރޯޑްގައި ފިނިކުރަންވެސް ގޮސް ހުރެދާނެ.] ނާއިލް ކޮޓަރިން ނިކުތީމާ ނަޝްވާ ބުންޏެވެ.

[ހިނގާބަލަ ލިންކްރޯޑަށް ދަމާ...] ނާއިލް ދެލޯ އުނގުޅަމުން ބޭރަށް ނިކުތެވެ. ފަހަތުން ނަޝްވާވެސް ނިދާ ހެދުމުގައި ނިކުތެވެ. ފުރަތަމަ ނާއިލާއި ނަޝްވާ ހޯދީ އެގެޔާ ގޯތިތެރެޔާވީ ސަރަޙައްދެވެ. ނަމަވެސް ޖޯޖްގެ އެއްވެސް ހިލަމެއްނުވީމާ އެމީހުން ދެން މިޞްރާބުޖެހީ ލިންކް ރޯޑަށެވެ. ނަމަވެސް ލިންކް ރޯޑްގެ އެގެޔާވީ ސަރަޙައްދަކުންވެސް އެމީހުންނަކަށް ޖޯޖެއް ނުފެނުނެވެ. ވުމާއެކު، ގަޑިއެއްހާއިރު ޖޯޖް ހޯދުމަށްފަހު، އަނެއްކާވެސް ނަޝްވާމެން ދިޔައީ ގެޔަށެވެ.

[މިހާރު ކޮޓަރީގައި އޮތްތޯ ބަލާލަބަލަ.] ނާއިލް ބުންޏެވެ. ނަޝްވާ ގޮސް ޖޯޖްގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެއިން މީހަކު ފެންނަން ނެތް ކަމުގައިވިޔަސް، ފާޚާނާތެރޭން ފެން ބޭނުންކުރާ އަޑު އިވުމުން ނަޝްވާ ޖޯޖަށް ގޮވިއެވެ.

[ޖޯޖް...ކޮންތާކުން ތިއައީ. އަހަންނާ ބޭބެ ޖޯޖް ހޯދަން މުޅި ސަރަޙައްދު ކުޑަކޮށްފިން.] ނަޝްވާ ކޮޓަރިއަށް ވަނެވެ.

އިރުކޮޅަކުން ޖޯޖް ފާޚާނާއިން ނިކުތެވެ.

[ރަށުތެރޭގައި ހިނގާލީ....ނަޝްދޭ ނިދަން. ދެން އަހަރެންވެސް މިއުޅެނީ ނިދަން...] ޖޯޖް އޮށޯތެވެ. އެންމެ ރަނގަޅޭ، ދަންވަރު އެކަނި ބޭރަށް ނިކުންނާކަށް ނުވާނެޔޭ ބުނެފައި، ނަޝްވާ އެތަނުން ނިކުތެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ނަޝްވާ ތެދުވެ އެންމެ ފުރަތަމަވެސް ދިޔައީ ޖޯޖް އޮތް ކޮޓަރިޔަށެވެ. އޭނާ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށުމާއެކު، ޖޯޖް ދޮރު ހުޅުވާލިއެވެ.

[އަވަހަށް ހިނގާ ސައިބޯން...މިރަށުން ކާންވާނީ ދިވެހި ކެއުން. އެހެން ނޫނީ މިރަށު ފެނަށް ނުދިރޭނެ.] ނަޝްވާ ޖޯޖްހުރި ކޮޓަރިއަށް ވަނެވެ.

އޭރު ޖޯޖްހުރީ ތައްޔާރުވެގެނެވެ. ނަމަވެސް، ޖޯޖްގެ މޫނުމަތީގެ އަސަރު ކުރިޔާ ތަފާތެވެ. އެކަން ވަރަށް އަވަހަށް ނަޝްވާ ދެނެގަތްވެސްމެއެވެ.

[ޖޯޖް....ހީވަނީ ކޮންމެވެސް ކަމަކާ އެބަ ފިކުރުކުރޭހެން. އަނެއްކާ ކިހިނެއްބާވީ؟] ނަޝްވާ ޖޯޖްގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ.

[އެއްވެސް ކަމެއްނުވޭ. ކުއްލިއަކަށް ޤައުމަށްދާހިތްވެއްޖެ. އަހަރެން ދިރިއުޅޭކަށް މިތަން އެހާ ރަނގަޅެއް ނޫން. ނަޝްވާ އަހަންނާ ކައިވެނިކޮށްގެން ކެނެޑާގައި އުޅެން އެއްބަސްވެދާނަންތަ؟] ޖޯޖް ނަޝްވާއާއެކު ކާކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ.

[އަހަރެންގެ ޢާއިލާ އެއްބަހެއް ނުވާނެ، އެހެންތާކު ދިރިއުޅޭކަށް. އަހަންނަށް ރަނގަޅީ، ޖޯޖް އަހަންނާއެކު ރާއްޖޭގައި އުޅެން ވިސްނިއްޔާ.] ނަޝްވާ ބުންޏެވެ.

[ތިޔަހެން ވެއްޖެއްޔާ، ކައިވެނި ކުރެވޭނީ އަހަރެން މައިންބަފައިން ކައިރިޔަށް ރަށަށް ގޮސްލާފައި. އެންމެ ރަނގަޅުތަ؟] ޖޯޖްގެ ޚިޔާލު ބަދަލުވިއެވެ.

[އާނ...މައްސަލައެއް ނެތް. އަހަރެން އިންތިޒާރު ކުރާނަން. އަހަރެން މަންމަމެން ގާތުވެސް ތިވާހަކަ ބުނެލާނަން. އެކަމަކު ޖޯޖް ކިހާ ދުވަހެއްވާނެބާ؟ ނަޝްވާ އެއްސެވެ.

[އަދި ނޭނގެ...އަހަރެން އެކޮޅަށް ގޮސް ފޯނު ކުރާނަން. މިހާރު މި ވިސްނަނީ، މާދަމަޔަށް ފުރޭގޮތްވިޔަސް، މިރަށުން ފުރަން.] ޖޯޖް މިހެން ބުނެފައި، ނާސްތާ ކުރަން ފަށައިފިއެވެ.

[މިއަތޮޅު ރަނގަޅަށް ބަލައިވެސްނުލާތަ ދަނީ. އަދި މިރަށާއި ގަން ފިޔަވައި އިތުރު ރަށެއް ޖޯޖަކަށް ނުފެނެއެއްނު. އަހަންނަށް ފެންނަނީ، ފުރުން ލަސްކުރަން.] ނަޝްވާ ބޭނުންވަނީ ޖޯޖް ހިފަހައްޓާށެވެ.

ނަމަވެސް، ޖެހިގެން އައި ދުވަހު ޖޯޖް އޭނާގެ ޤައުމަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. ކުއްލިއަކަށް ޖޯޖްގެ ވިސްނުން ބަދަލުވެ، ރަށަށް ފުރައިގެން ދިޔުމުން، ނަޝްވާގެ ޢާއިލާގެ މީހުންނަށް ވަރަށްބޮޑު ޙައިރާންކަމެއް ލިބުނެވެ. އެންމެ ތިންދުވަސްވެސް ނުވަނީސް ޖޯޖް ފުރައިގެން ދިޔުމަކީ، ކުރިން ނަޝްވާ އުއްމީދުކުރި ގޮތެއް ނޫނެވެ. އޭނާ ޖޯޖް ގޮވައިގެން އައީ، ރާއްޖެ އައުމަށް ޖޯޖް ވަރަށް ބޮޑަށް ބޭނުންވެ، އޭނާ އެކަމަށް އެދުނުވަރުންނެވެ.

ނަމަވެސް، ކުއްލިއަކަށް ޖޯޖްގެ ޚިޔާލު ބަދަލުވެ، ޖޯޖް ރަށަށް ފުރައިގެން ދިޔުމުގެ ޙަޤީޤަތެއް، އެއްވެސް މީހަކަށް ޖޯޖް ކިޔައެއްނުދެއެވެ. ފުރުމުގެ ކުރިން އޭނާ ނަޝްވާ ގާތު ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނުހެންވެސް ހީވިއެވެ. ނަމަވެސް، އޭނާ ފުރައިގެން ދިޔައީ އެއްވެސް ސިއްރެއް ހާމަނުކޮށް، ހުރިހާ ސިއްރުތަކެއް ހިތުގައި ރައްކާކޮށްގެނެވެ. އޭނާ ނަޝްވާދެކެ ކިތަންމެހާވެސް ލޯބިވެއެވެ. ޙަޤީޤަތުގައި ނަޝްވާޔާއެކު އޭނާ ރާއްޖެ އައީވެސް ނަޝްވާގެ ލޯބި ބޭނުންވާތީއެވެ. ނަމަވެސް، ލޯތްބާ ބެހޭގޮތުން މާބޮޑު ފިކުރުތަކެއް ކުރުމަކާނުލައި، އޭނާ ފުރައިގެން ދިޔައީއެވެ. އެންމެ ކުޑަމިނުން އޭނާ ފުރައިގެން ދަމުން، ނަޝްވާ ގާތު އިންތިޒާރު ކުރާށެކޭވެސް ނުބުނެއެވެ.

[ކީއްވެތަ ކުއްލިއަކަށް ފުރީ! ނުވެސްބުނޭތަ، އަންނާނެ ދުވަހެއްވެސް؟] ނަޝްވާގެ ރަޙްމަތްތެރިޔާ ނަޖްވާ ނަޝްވާ ގާތު އެއްސެވެ.

[އަހަރެން ތި ސުވާލު ކުރީމާވެސް، ޖޯޖް ފުރައިގެން ދިޔައީ އެއްވެސް ޖަވާބެއްނުދީ. އެކަމަކު ބުނި ގޮސް ގުޅާނަމޭ. އަދިވެސް އޭނަގެ ޚަބަރެއް ވަންދެން އަހަރެން އޭނަޔަށް އިންތިޒާރު ކުރާނަން.] ނަޝްވާ ބުންޏެވެ.

[މިހާރު ފުރައިގެންދިޔަތާވެސް ދެދުވަސްވީ. އަދިވެސް ނުގުޅާ! މެއިލް ޗެކްކޮށްފިންތަ. ފަހަރެއްގައި މެއިލްއެއް ފޮނުވާފާނެއެއްނު.] ނަޖްވާ ބުންޏެވެ.

[މިއަދު ހެނދުނުވެސް މެއިލް ޗެކްކުރިން. ރީޙާންގެ މެއިލްއެއް އެކަނި އައިސް އޮތީ...] ނަޝްވާ ބުންޏެވެ.

[ކޯއްޗެއްތަ ރީޙާން ފޮނުވާފައި އޮތީ؟] ނަޖްވާ އެއްސެވެ.

[މުޅިންވެސް އަހަރެންދެކެ ލޯބިވާ ވާހަކައާއި، އިންތިޒާރު ކުރާ ވާހަކަ. ކޮންމެ ދުވަހަކުވެސް އޭނަގެ މެއިލް އާދޭ....އަހަންނަށް ހީވަނީ އޭނަ އަހަރެންދެކެ ޙަޤީޤަތުގައިވެސް ވަރަށް ބޮޑަށް ލޯބި އެބަވޭހެން.] ނަޝްވާގެ މޯބައިލް ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ސްކްރީނަށް ބަލައިލުމަށްފަހު، ނަޝްވާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

[ނަޝްވާ....މިއީ ޖޯޖް...ކިހިނެއްތަ ނަޝްވާ. ދެރަނުވައްޗޭ ނަޝްވާ. އަހަރެންގެ މައިންބަފައިން ޤަބޫލެއް ނޫން، އަހަރެން ކެނެޑާއިން ބޭރު މީހަކާ ކައިވެނިކުރާކަށް. އެހެން ނޫނަސް، ނަޝްވާ ބޭރަށް ކިޔަވަންދިޔައިރުވެސް ނަޝްވާގެ ލޯތްބަށް އިންތިޒާރުކުރާ އަދި މިހާރުވެސް ނަޝްވާގެ ލޯތްބަށް އިންތިޒާރުކުރާ މީހަކު، ތިފަސްގަނޑުގައި އެބައުޅޭ. އަހަރެން ނަޝްވާއާ ކައިވެނިކޮށްފިއްޔާ، ރީޙާނަށް ވަރަށް އަސަރު ކުރާނެ. އޭނާ ވަރަށް ދެރަވާނެ. އަހަރެންފަދަ އިންސާނެއްގެ ހިތުގައި އެވަރަށް ޖައްސާކަށް އަހަންނަކަށް ނުކެރޭނެ.] އެއްނޭވާއިން ކަހަލަ ގޮތަކަށް ޖޯޖް ބުންޏެވެ. ނަޝްވާއަށް ދެލޯމަރާލެވުނެވެ.

[ޖޯޖް...ކާކުތަ ޖޯޖް ގާތު ރީޙާންގެ ވާހަކަ ދެއްކީ. އަޅެ ޖޯޖް އަހަރެންވެސް ލައިކްވަނީ ޖޯޖްދެކެޔޭ. ރީޙާން ނޫނަސް ކިތަންމެ މީހުނެއް އަހަރެންގެ ލޯތްބަށް އިންތިޒާރުކޮށްފާނެ. އެހެނޭ ކިޔާފައި އަހަންނަށް އެ އެންމެންނާ ގުޅުން ބޭއްވޭނެތަ؟] ނަޝްވާ ބުންޏެވެ.

[އެންމެންގެ ވާހަކައެއް ނޫން އަހަރެން މިބުނަނީ. އަހަރެން މިބުނަނީ، ރީޙާންގެ ވާހަކަ. ނަޝްވާދެކެ އެންމެ ބޮޑަށް ލޯބިވާ، އެންމެ ގިނަ ދުވަސް ވަންދެން އިންތިޒާރު ކުރި މީހަކީވެސް ރީޙާން. އަހަރެން އުއްމީދުކުރަން، ނަޝްވާ ރީޙާނާ ގުޅޭނެ ކަމަށް. ދެން ބާއްވަނީ.] ޑޮކްޓަރ ޖޯޖް ފޯނު ބާއްވާލިއެވެ.

[އަޅެ ކާކުބާ، ރީޙާންގެ ވާހަކަ ޖޯޖް ގާތު ބުނީ! ކޮންމެވެސް ފަންޏެއް މިދެމެދަށް ވަދެގެން ގޯސްވީ. ނަޞީބެއްތާ ޖޯޖާއެކު ގުޅުން ބަދަހިނުކުރެވުނުކަން.] ނަޝްވާ ދެއަތަކަށް ބޯހޫރާލިއެވެ.

[އަވަހަށް އެކަން ހަނދާން ނައްތާލުމަށްފަހު، ތިބުނާ ރީޙާނާ ގުޅެންވީނު.] ނަޖްވާ ނަޝްވާއާ ދިމާކޮށްލިއެވެ.

[ފުރުޤާންވެސް އަހަންނާމެދު ވިސްނާކަން އެނގިފައި އޮތީ. އަހަންނަކަށް ނޭނގެ، ޖެހޭނީ ކޮން ކޮޅަކަށް ކަމެއްވެސް.] ނަޝްވާ ބޯކަހާލިއެވެ.

[ގުރެއްލާނީ. ނަޝްވާގެ ވާހަކައިން އަހަންނަށް އެބަ އެނގޭ، އަދި ނަޝްވާ ތިއިން އެއްވެސް މީހަކުދެކެ ލޯބިނުވާކަން...އަހަރެން ދެމީހުންގެ ނަން ދެގަނޑުކޮޅުގައި ޖަހާފައި ވައްޓާލާނަން.] ނަޖްވާ ގޮތެއް ރޭވިއެވެ.

[ކޮންމެވެސް ވަރަކަށް ރީޙާނާމެދު ވިސްނޭ. އެކަމަކުވެސް ވާގޮތެއް ބަލައިލަން ގުރެއްނަގަމާ.] ނަޝްވާ ބުންޏެވެ. ނަޖްވާ އެއްގަނޑުކޮޅުގައި ރީޙާން، ދެވަނަ ގަނޑުކޮޅުގައި ފުރުޤާންގެ ނަން ޖެހުމަށްފަހު، ގުޅަކޮށްލުމަށްފަހު ބިންމައްޗަށް ވައްޓާލައިފިއެވެ.

[ކޮންމެވެސް އެކަތިކޮޅު ނަގާ. ދިމާވި މީހަކީ ޑޮކްޓަރ ނަޝްވާގެ ބައިވެރިޔަކަށް ވުމުގެ ނަޞީބު ލިބޭ މީހާ.] ނަޖްވާ މިހެން ބުނީމާ، ހިނިތުންވެލުމަށްފަހު، ނަޝްވާ ގުދުވެލިއެވެ.

އެވަގުތު އެގޭގެ ހުޅުވިފައި ހުރި މައިދޮރުން ވަދެގެންދިޔަ ބާރު ރޯޅިއަކާއެކު އެތަނުން އެއްގަނޑުކޮޅު ވަޔާއެކު އުދުހިގަތެވެ.

ނަޝްވާ އޭނާޔަށް އަތުވި ގަނޑުކޮޅާއެކު ތެދުވެ، އެ ގަނޑުކޮޅު ނިއުޅާލިއެވެ.

[ރީޙާން....] ނަޝްވާއަށް މަޑުމަޑުން ކިޔާލެވުނެވެ. ދިމާވި އިއްތިފާޤެއްކަންނޭނގެއެވެ. އެއީ ރީޙާނާއި ހައިޝަމް އެގޭ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ.

[އަހަންނަށް ގޮވިންތަ؟] އެތެރެޔަށް ބޯދިއްކޮށްލަމުން ރީޙާން ވާހަކަ ދެއްކިއެވެ. ރީޙާންގެ އަޑަށް ނަޖްވާއާއި ނަޝްވާ ދިޔައީ ސިއްސައިގެންނެވެ.

[ނޫނޭ! ނުގޮވަން. އާދޭ އެތެރެއަށް.] ހިސާބަކަށް ޙައިރާންވެފައި ހުރެމެ ނަޝްވާ ބުންޏެވެ.

[މިގޭގައި އެހެން ބަޔަކު ނެތީތަ؟] ނަޝްވާމެންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންނަމުން ރީޙާން އެއްސެވެ. ޙަޤީޤަތުގައި އޭނާ އެހެން އެ އެހީ، އެގޭތެރެއިން ޖޯޖް ފެންނަން ނެތީމައެވެ.

[އާނ...މިވަގުތު މިތިބީ އަހަރެމެން އެކަނި. މަންމަމެންވެސް ގެޔަކު ނޫޅޭ. ޖޯޖް ފުރައިގެން ހިނގައްޖެ. އަހަންނަށް އެނގޭ، ރީޙާން ތިއަހަނީ ޖޯޖްގެ ވާހަކަކަން. އޭނަޔަކީ މިއަތޮޅު ބަލައިލަން ޒިޔާރަތްކުރި މީހެއް. އޭނާ ފުރައިގެންދިޔަތާ ދުވަސްކޮޅެއްވެއްޖެ މިހާރު.] ނަޝްވާ ޖަވާބުދިނެވެ.

[އެހެންތަ...އަހަރެން ހީކުރީ، އެއީ ނަޝްވާގެ ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ގެނައި މީހެއް ކަމަށް. އެހެނެއް ނޫންދޯ މިވީކީ.] އުފާވެފައި ހުރެމެ ރީޙާން ބުންޏެވެ.

[އަހަންނަކީ އެއްވެސް އިރަކު ދޮގުހަދާ މީހެއް ނޫން. އަހަރެން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން ބުނިންކަންނޭނގެ، އަހަންނަށް އިންތިޒާރުކުރި މީހަކަށް އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށްވުމުގެ ފުރްޞަތު އޮންނާނެޔޭ.] ނަޝްވާ މިހެން ބުނެފައި، ރީޙާންގެ މޫނަށް ބަލައިލިއެވެ.

[ތިޔަހެންވީއިރު އަހަންނަށް ތި ފުރްޞަތު ލިބެންވާނެތާ. ހަމަގައިމުވެސް އަހަރެން ނަޝްވާގެ ލޯތްބަށް ދިގު އިންތިޒާރެއް ކުރިން.] ރީޙާން މިހެން ބުނި ވަގުތަކީ ފުރުޤާންވެސް އައިސް އެގޭ ދޮރުމައްޗަށް އެރި ވަގުތެވެ.

[އަހަރެންވެސް ވަރަށް ދިގު އިންތިޒާރެއް ކުރިން. ނަޝްވާގެ ލޯބީގެ ޙައްޤުވެރިޔަކީ އަހަރެން.] އެތެރެޔަށް ވަންނަމުން ފުރުޤާން ބުންޏެވެ.

[ތިހެން ފުރުޤާނަކަށް ނުބުނެވޭނެ. ކަލެޔަށްވުރެން މާބޮޑަށްވެސް އަހަރެން ނަޝްވާދެކެ ލޯބިވަން.] ރުޅިވެރިކަމާއެކު ރީޙާން ފުރުޤާނަށް ބަލައިލިއެވެ.

[ކަލެއަކަށް ތިހެން ނުބުނެވޭނެ. އަހަރެން ބޭރުގައި ހުރެފައި މިރަށަށް މިއައީވެސް ނަޝްވާ އަންނަންވާއިރަށް. ނަޝްވާ....އަހަރެން ނަޝްވާދެކެ ވަރަށް ލޯބިވޭ. ރީޙާނަކީ މިރަށު މީހެއްވެސް ނޫން. ނަޝްވާއަށް ހުރިހާ ގޮތަކުންވެސް އަހަރެން ރަނގަޅުވާނެ.] ފުރުޤާންވެސް ރުޅިވެރި އަސަރާއެކު ރީޙާންގެ މޫނަށް ބަލައިލިއެވެ.

[ނަޝްވާ....މިތިބީ އަހަރެމެން ދެމީހުން. ދެމީހުންގެ ކުރިމަތީގައި ހުރެ ބުނޭ، ނަޝްވާ ބޭނުން މީހަކު. ނަޝްވާ ލޯބިވަނީ ކާކުދެކެ. އަވަހަށް ބުނޭ. ނަޝްވާ ކޮންމެވެސް އެކަކު ޚިޔާރުކުރޭ.] ރީޙާން ނަޝްވާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނަޝްވާ އިސްއޮބާލިއެވެ. ޙަޤީޤަތުގައި އެއްވެސް މީހެއްގެ ހިތުގައި ޖައްސާކަށް އޭނާ ބޭނުމެއް ނޫނެވެ.

[އަހަރެން ލޯބިވާވަރު ނަޝްވާއަށް އިޙްސާސް ކުރެވޭނެ ކަމަށް އުއްމީދު ކުރަން.] ފުރުޤާންވެސް ނަޝްވާގެ މޫނަށް ބަލައިލިއެވެ.

[އަހަރެންވެސް ނަޝްވާދެކެ ލޯބިވާ މިންވަރު ނަޝްވާއަށް އިޙްސާސް ކުރެވޭނެ ކަމަށް އަހަރެން ޔަޤީން ކުރަން.]


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން