ހާދިސާ ހިންގި ސަރަހައްދު
ހާދިސާ ހިންގި ސަރަހައްދު
އިޒްރޭލުގެ އަޝްކެލޮންގައި ނުރައްކާތެރި ކުށްކުރާ ގްރޫޕެއްގެ އިސްވެރިއެއް ކަމަށްވާ ޝަލޯމް ދޮމްރާނީގެ ދަރިފުޅު މޯ ދޮމްރާނީ މަރާލަން ދިން ހަމަލާއެއްގައި، އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ކާރަކަށް ބަޑީގެ ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

އެން12 ނިއުސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ފުލުހުން މިހާރު ވަނީތަހުގީގެއް ފަށާފައެވެ.

މި ހަމަލާ އަމާޒުވި ކާރަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލައިގައި ހެކިބަސް ދީފައިވާ ބޯއަޒް އަސަޔާގްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރެކެވެ.

ނަމަވެސް، ހަމަލާދިން ވަގުތު މި އުޅަނދަކީ ބޮޑުވަޒީރުގެ ރަސްމީ ކާރުކޮޅުތަކުގެ ގާފިލާގައި ހިމެނޭ އުޅަނދެއް ނޫން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، ހަމަލާދިން ވަގުތު ކާރު ދުއްވަން އިނީ އަސަޔާގްގެ ދަރިފުޅެވެ.

އަދި ކާރުގެ އެތެރޭގައި މޯ ދޮމްރާނީގެ އިތުރުން އެހެން ބަޔަކުވެސް ތިއްބެވެ. ވާދަވެރި ގޭންގަކުން މޯ ދޮމްރާނީ މަރާލުމުގެ މަގުސަދުގައި ދިން މި ހަމަލާއަށްފަހު، ކާރުގައި ތިބި މީހުން ވަނީ އެ އުޅަނދުގައި އެ ސަރަހައްދުން ފިލަން މަސައްކަތްކޮށްފައެވެ.

އޭގެ ފަހުން އިޒްރޭލު ފުލުހުން ވަނީ އެރެޒް ބޯޑަރު ކްރޮސިންގް ކައިރިން އެ ކާރު ހުއްޓުވާފައެވެ. ކާރު ބަލައިފާސްކުރުމުގެ ތެރޭގައި ކާރުގެ އެތެރެއިން ވަޒަންތަކެއް ފެނިފައިވާއިރު، އޭގައި ތިބި މީހެއްގެ އަތުން އެއާސޮފްޓް ރައިފަލެއްވެސް ވަނީ ފެނިފައެވެ.

މި ހާދިސާއާ ގުޅިގެން އަސަޔާގްގެ ދަރިފުޅު ހިމެނޭހެން ޖުމްލަ 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ކާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު