ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު (ވ)
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު (ވ)
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ، ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ މުބާރާތްތަކެއް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ފެށުނު އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ހީނާ ވިދާޅުވީ މިފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކެއް އަށަގަންނުވައިދޭ ކަމަށެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް ދަސްކޮށްދެވޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތެދުވެރިކަމުގެ މާތް ސިފައާއި ސާފު ތެދު މައުލޫމާތާއި ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ އެތައް ކަމެއް ދަރިވަރުންގެ ކިބައިގައި އަށަގަނެގެން ދިއުމުގެ އިތުރުން މިފަދަ މުބާރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެ ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާ ކަމަށެވެ. އަދި މީހާ ހަރުދަނާ ޝަޚުސިއްޔަތަކަށް ވަނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަނި ނޫން ކަމަށާއި، ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވަނީ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމަށް އެކަމަނާ ވިދާޅުވިއެވެ.



ބަދަލުވަމުންދާ މި ދުނިޔެއަށް ދަރީން ތަރުބިއްޔަތު ކުރަން ޖެހޭއިރު، އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރަނީ އެ ކުދީންނާއެކުކަން ފާހަގަކުރަށްވައި ވަޒީރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލުއައިކަމުގައި ވިޔަސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖްތަމަޢުގައި ވަކީން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމަށެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ޢިލްމުވެރި ފަޞާޙަތްތެރި މާޒީއެއް އޮތް އައްޑޫ އާއި ފުވައްމުލަކުގެ އެންމެހައި ބައިވެރިންނަށް ކާމިޔާބަށް އެދިވަޑައިގަންނަވަމުންނެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކެވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން، ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް ހިންގާ މުބާރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު