އާރިފިން އިސްލާމް
އާރިފިން އިސްލާމް
އުފަންވިތާ އެންމެ ތިން ދުވަހުގެ ތެރޭގައި މަންމަ ވަކިވެދިޔަ އުމުރުން ނުވަ އަހަރުގެ އާރިފިން އިސްލާމް (އާރްފާ) ގެ ހަޔާތަށް، އަނެއްކާވެސް ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މަންމައެއްގެ ލޯތްބާއި އަޅާލުމުން މަހްރޫމްވެފައިވާ އާރްފާ ލޯބިން ބަލާބޮޑުކުރަމުން އައި އޭނާގެ ހަމައެކަނި އެހީތެރިޔާ، ބައްޕަ ތާޖުލް އިސްލާމް ވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ވަނީ ޑެންގީ ހުން ޖެހި، ކުއްލި ގޮތަކަށް ނިޔާވެފައެވެ. މި ހިތާމަވެރި ވަކިވުމާއެކު، ކުޑަކުޑަ އާރްފާގެ ދިރިއުޅުން މިވަނީ އެފުށްމިފުށަށް ޖެހި، ބަޔާންކުރަންދަތި ހުސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

އުފަންވީއްސުރެ އާރްފާގެ ހުރިހާވެސް ހިޔާވަހިކަމަކީ އޭނާގެ ބައްޕައެވެ. މަންމައެއްގެ އަދި ބައްޕައެއްގެ ދައުރު އެކަނިމާއެކަނި އަދާކުރަމުންދިޔަ ބައްޕަ، ޑެންގީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރުމުން އާރްފާ މިއަދު މުޅިން އެކަނިވެރިވީއެވެ. ލޯބިވާ މައިންބަފައިންގެ ވަކިވުމުން އެ ކުޑަކުޑަ ހިތަށް ލިބުނު ފުން އަސަރާއި ހިތާމައިން އަދިވެސް އޭނާއަށް އަރައިގަނެވޭ ގޮތެއް ނުވެއެވެ.

މައިންބަފައިން ނެތް މި މައުސޫމް ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ މިހާރު އުފުލަމުންދަނީ އޭނާގެ އުމުރުން ދުވަސްވީ މާމައެވެ. ނަމަވެސް، މާމަގެ އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުގެ އިތުރުން، ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން، އާރްފާގެ ތައުލީމާއި ކުރިމަގާމެދު މާމަވަނީ އިންތިހާއަށް ކަންބޮޑުވެއެވެ.

އާރްފާގެ މާމަ ކިޔައިދިން ގޮތުގައި، ބައްޕަ ވަކިވިފަހުން އާރްފާގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިއާ ޚިލާފަށް އޭނާ ވަނީ ވަރަށް ބޮޑަށް މާޔޫސްވެ، އެކަހެރިވާން ފަށާފައެވެ. ވުމާއެކު، އާރްފާގެ ކިޔެވުމާއި އުޖާލާ ކުރިމަގެއް ބިނާކޮށްދިނުމަށްޓަކައި، ދީލަތި އެންމެހައި ފަރާތްތަކުގެ އެހީތެރިކަމަށް އެ މާމަ މިހާރު ދަނީ އާދޭހާއެކު އެދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު