މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްގެ ބޯޑަށް އައްޔަނުކުރެއްވި ފަރާތްތައް
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްގެ ބޯޑަށް އައްޔަނުކުރެއްވި ފަރާތްތައް
ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ވަޤުފުތައް ބިނާކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތް ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައްޝެއިޚް އިއްޒައްދީން އަދުނާން އެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ޔާމީން އިދްރީސް އެވެ.

މީގެ އިތުރުން މި ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ފަސް މެންބަރުންނަކީ:

- ހުސައިން ޝާމް އާދަމް

- ޑރ. މުހައްމަދު ޝުޖާއު

- މަރިޔަމް ނިހާޔަތު

- އަބްދުﷲ އަލީ

- މުހައްމަދު ހިލްމީ

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑަކީ، ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ނެރުއްވި ރިޔާސީ ޤަރާރަކުން އުފެއްދެވި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ވަޤުފުތައް ގާއިމުކުރުމާއި، އެފަދަ ތަންތަން މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ އިތުރުން، އެ ތަންތަނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމަކީވެސް މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް