އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު ފަރުވާ ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅުވައިގެން މީހުން ހޭލުންތެރިކުރުވުމަށް ބާއްވާ ހަރަކާތަކާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި އައިޖީއެމްއެޗްގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވިދާޅުވީ، ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އެ ހޮސްޕިޓަލަށް ފަރުވާއަށް ދައްކަމުންދާ ކަމަށެވެ.

ރާއްޖޭގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވަމުންދާއިރު، އައިޖީއެމްއެޗުން މީގެ ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ 15 ގެ ނިޔަލަށް ސްޓްރޯކް ޖެހިގެން 493 މީހުން ވަނީ މަރުވެފައެވެ. އަދި ހަމައެކަނި 2024 ވަނަ އަހަރު ވެސް މި ބަލީގައި 151 މީހުން މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.





ސްޓްރޯކަކީ އޭގެ އަލާމާތްތައް އަވަހަށް ދެނެގަނެވިއްޖެނަމަ، ފަރުވާދީގެން ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ. އެގޮތުން ސްޓްރޯކްގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި، ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން، ކުއްލިއަކަށް އެއް ލޮލުގެ ނުވަތަ ދެ ލޮލުގެ ފެނުން ފުސްވުން ނުވަތަ އެއްޗެހި ޑަބަލްކޮށް ފެނުން، ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްކޮޅަށް އަރިއަޅައި ތިރިވެފައި ހުރުން، އަތް ނުވަތަ ފައިގެ ވާގިދިއުން (ދެއަތް މައްޗަށް ހިއްލާލުމުން އެއް އަތް ކޮންޓްރޯލް ނުވެ ތިރިއަށް ވެއްޓުން)، ވާހަކަދައްކާއިރު ދޫ އޮޅުން، ނުވަތަ ބުނާ އެއްޗެހި ސާފުނުވުމާއި އެހެން މީހުން ދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވުން ހިމެނެއެވެ.

ދުރާލާ ރައްކާތެރި ވެވިދާނެ މި ބައްޔަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން، ދުނިޔޭގެ ސްޓްރޯކް ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް އޮންނާނީ މާލޭގެ އާޓިފިޝަލް ބީޗުގައި ހަވީރު 4:00 އިން 6:00 އަށެވެ.

މި އިވެންޓުގައި ހިލޭ ލޭގެ ޕްރެޝަރާއި، ހަކުރު ހުރި މިންވަރު ޗެކްކުރުމުގެ އިތުރުން، ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު (ސްޓްރޯކް ރިސްކް) ހިލޭ ސްކްރީން ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު