ކާށިދޫ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފެށުން، ފޮޓޯ: ޕީއެސްއެމް
ކާށިދޫ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފެށުން، ފޮޓޯ: ޕީއެސްއެމް
ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި އަލަށް ތަޢާރަފުކުރި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ ފިޒިއޮތެރަޕީ ދިނުމަށް ޚާއްޞަކޮށްފައިވާ ޔުނިޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ އިންތިޒާމުތައް ބައްލަވާލައްވާފައެވެ.

މި ޚިދުމަތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން، ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ޚިދުމަތް ތަޢާރަފުކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ދޭންފެށި އެންމެ ފުރަތަމަ މަރުކަޒު ކަމަށެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އުމުރުން ދުވަސްވުމުން ކުރިމަތިވާ ޖިސްމާނީ އެކިއެކި ތަކުލީފުތަކަށް އެންމެ މުހިންމު އެއް ފަރުވާއަކީ ފިޒިއޮތެރަޕީއެވެ. މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން މާލެއަށް ދަތުރުކޮށް، ބޮޑެތި ޚަރަދުތަކާއި ތަކުލީފުތައް އުފުލަންޖެހުނު ނަމަވެސް، މި ޚިދުމަތާއެކު އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާއިލާގެ ގާތުގައި ތިބެގެން މި ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިވެ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި ދުޅަހެޔޮކަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މަރުކަޒުން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވާފައެވެ.

ކާށިދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ، އަދި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް 8 އެނދު ހުންނަ މަރުކަޒެކެވެ. ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 25 އާއި 30 އާ ދެމެދުގެ އަދަދަކަށް ބަލިމީހުން ޚިދުމަތް ހޯދަމުންދާއިރު، މިހާރުވެސް ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓަރީ އަދި އީސީޖީގެ ޚިދުމަތް އެތަނުން ފޯރުކޮށްދެއެވެ. މީގެއިތުރުން، އެ މަރުކަޒުގައި އެކްސްރޭ އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް