ރޭގެ މުޒާހަރާގެ ތެރެއިން ނަބީލް (ކ) އާއި ޝުޖާއު (ވ) ހައްޔަރުކުރަނީ
ރޭގެ މުޒާހަރާގެ ތެރެއިން ނަބީލް (ކ) އާއި ޝުޖާއު (ވ) ހައްޔަރުކުރަނީ
އިދިކޮޅު ކޯލިޝަނުން "ބަޑި ބުރާސްފަތި" ގެ ނަމުގައި ރޭ ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ މައްޗަށް ހަ ތުހުމަތަކާއި، ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލްގެ މައްޗަށް ދެ ތުހުމަތެއްކޮށް މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް އެއްވުން ނުބޭއްވުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވެފައިވަނިކޮށް އެއްވުން ހުއްޓައިނުލައި ކުރިއަށް ގެންދިޔަ މައްސަލާގައި މުޒާހަރާގެ ތެރެއިން ޝުޖާއު ހައްޔަރުކޮށްފައިވާއިރު, ހަތަރު ގަޑިއިރު ފުލުހުންގެ ބަންދުގައި ބޭންދުމަށްފަހު ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އެކަމާގުޅިގެން ޝުޖާއު ވިދާޅުވީ އޭނާގެ މައްޗަށް ހަ ތުހުމަތެއްކޮށް މާދަމާ ފުލުހަށް ހާޒިރު ވުމަށް ޗިޓު ހަވާލު ކޮށްފައިވާ ކަމަށެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ނަބީލްގެ މައްޗަށް ކޮށްފައިވާ ދެ ތުހުމަތަކީ އެޗްޕީއޭގެ މިންގަނޑާއި ހިލާފުވެ، މުޒާހަރާކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމާއި އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި އެޗްޕީއޭގެ މިންގަނޑަށް ޢަމަލު ކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އަންގާފައެވެ. ނަމަވެސް ފުލުހުންގެ އެންގުންތަކަށް އިދިކޮޅު ކޯލިޝަނުން މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މީގެ ކުރިންވެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުން ފުލުހުންވަނީ ޝުޖާއު އަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން