ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ރަސްމާލޭގައި ކުރިއަށް ގެންދަން ހަވާލުކުރަން މަސައްކަތް ކުރަމުންދާ "ވޯޓާ ފްރަންޓް މެރީނާ" މަޝްރޫއުއާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލެއް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ. މި ގަރާރު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

މެންބަރު މީކާއިލް ހުށަހެޅުއްވި މި ގަރާރުގައި ގޮވާލާފައި ވަނީ ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވެފައިވާ ކޮމާޝަލް ޓާމްސް އެގްރީމެންޓުގެ ހުރިހާ ތަފުސީލުތަކެއް ރައްޔިތުންނަށް ހާމަކުރުމަށެވެ. އަދި، މިކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ހޯދުމަށް ވެސް އެ ގަރާރުގައި އެދިފައިވެއެވެ.

ގާނޫނުއަސާސީގެ މާއްދާތަކަށް އަލިއަޅުވާލައި، ގަރާރުގައި ފާހަގަކޮށްފައި ވަނީ ދިވެހިރާއްޖޭގެ ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަން ވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ގާނޫނުގައިވާ ގޮތުގެ މަތީން ކަމަށް ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެވެ.

އަދި، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭގެ ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެކަމަށް ބަޔާންކޮށްފައިވީ ހިނދު، މައުލޫމާތު ހޯދުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް، ރަސްމާލޭގެ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމި ނިންމުމާ ގުޅޭ މައުލޫމާތު ހާމަނުކޮށް ސަރުކާރުން ސިއްރުކުރަމުންދާކަން ވެސް ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 21، 2026 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލެއް ހާމަކޮށްފައިނުވާ ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލައިފައި އޮތް ކަމަށާއި، ރަސްމާލެއިން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް، އެއްބަސްވުން އެކުލަވާލައިފައިވާ ކަމަށާއި، އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ ހައްގު އީގަލް ހިލްސްއަށް ލިބިގެންދާ ގޮތަށް އެއްބަސްވުން އެކުލަވާލައިފައިވާ ކަމުގެ ކަންބޮޑުވުން މީކާއީލް ވަނީ ފާޅު ކުރަށްވާފައެވެ.

އޭގެއިތުރުން މިފަދަ ބޮޑު މަޝްރޫއުއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް ކަމަށާއި، ރަސްމާލޭގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ވެސް ހިލޭ ވެސް ނުދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ޤަރާރެއް މަޖިލީހަށް ހުށައަޅާފައިވާއިރު، ރަސްމާލެއިން އީގަލްހިލްސް ކުންފުންޏަށް ބިން ދިން މައްސަލަ ބާތިލުކުރަން މިހާރުވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް