މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް ކަނޑައަޅައި، އެ ދައުވާތައް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމެވުމާ ގުޅިގެން، އެ ފަނޑިޔާރުން މަގާމުން ވަކިކުރީ އެއްވެސް އަސާސެއް ނެތިކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ގަރާރުގައި ފާހަގަކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، ސެޕްޓެމްބަރު 30 ގައި ޕީޖީ އޮފީހުން ނިންމި ނިންމުމަށްފަހު، އެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ސާފުވާ ކަމަށެވެ.

މިޤަރާރު މަޖިލީހަށް ހުށައަޅާފައިވާއިރު، ޕީޖީ އޮފީހުން ކަނޑައަޅާފައި ވަނީ މި ދެ ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެތްކެއް ނެތް ކަމަށެވެ. މި ނިންމުމާއެކު، އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން އޭރު ނިންމި ނިންމުމަކީ އަސާސެއް ނެތް ނިންމުމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ސަބަބުން ޖޭއެސްސީން އޭގެ ޒިންމާ އުފުލައި ޖަވާބުދާރީވާންޖެހޭނެ ކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ނާޖާއިޒު ގޮތުގައި ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ޖޭއެސްސީގެ ލަފަޔާއެކު ފަނޑިޔާރު އަޒްމިރަލްދާ އާއި، ފަނޑިޔާރު މަހާޒް މަގާމުން ވަކިކުރީ މީގެ އަހަރެއްހާ ދުވަސްކުރިން ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތް ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ. އޭގެ ފަހުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އިސްތިއުފާ ދެއްވީ ރައީސާއި ބަންޑާރަ ނައިބު ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތު ކުރެއްވުމަށްފަހުގައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުން، ފަނޑިޔާރަކު ސުލޫކީ މިންގަނޑާ ހިލާފަށް ނުވަތަ މަގާމަށް ގާބިލުނޫން ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް، ޕީޖީ ނިންމަވާފައިވަނީ، މި ދެ ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރާނެ ހެކި ނެތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު