ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު، ފޮޓޯ: މަޖިލިސް
ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު، ފޮޓޯ: މަޖިލިސް
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ބިލުގެ ދަށުން، ކުށެއް ސާބިތުނުވި ނަމަވެސް ވަކި ހާއްސަ ހާލަތްތަކެއްގައި ހައިކޯޓުގެ އަމުރަކާއެކު މުދާ ނެގޭނެ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު މިއަދު ވިދާޅުވެއްޖެއެވެ.

ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަޒާދު މިފަދައިން ވިދާޅުވީ، މުދާ ނެގުމުގައި އެއްވެސް ހައްދެއް ނޯންނާނެ ކަމަށް ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަކީ ދޮގުކަމަށް ހާމަކުރައްވަމުންނެވެ. އެގޮތުން، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޝަރީއަތް ނުނިމެނީސް ނުވަތަ އެފަރާތް ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން އުޅޭ ހާލަތްތަކުގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ ހުށަހެޅުމަކަށް ހައިކޯޓުގެ އަމުރެއް ލިބިގެން މުދާ ނެގޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު ފަޒާދު އިތުރަށް ވިދާޅުވީ، ގާނޫނުގެ 74 ވަނަ މާއްދާގައި މިފަދަ ތިން ހާލަތެއް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. މި ހާލަތްތަކަކީ، ކުށްކޮށްގެން މުދާ ހޯދާފައިވާ މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުރުސަތު ނުލިބޭ ހާލަތްތައް، މިސާލަކަށް އެފަރާތް މަރުވުން ނުވަތަ ކުށުގެ ތުހުމަތުގައިވާ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމުގައި ވުމެވެ. މިފަދަ ހާލަތްތަކުގައި، ޕްރޮސެކިއުޓާ ޖެނެރަލް މަދަނީ މިންގަނޑުން ހެކި ހުށަހަޅައި، ހައިކޯޓުގެ އަމުރަކަށް އެދެންޖެހޭނެ ކަމަށް ފަޒާދު ވަނީ ހާމަކުރައްވާފައެވެ.

މި ބިލަކީ ގައުމަށް ވަރަށް މުހިންމު އަދި ކޮންމެހެން ބޭނުންތެރި ބިލެއް ކަމަށް ޕީއެންސީގެ މެންބަރުން ދެކެވަޑައިގަންނަވައެވެ. ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ

ފަރާތްތަކުން ނާޖާއިޒު ގޮތުގައި ހޯދާ މާލީ މަންފާތައް ހުއްޓުވުމާއި، ޣައިރު ގާނޫނީ ގޮތުގައި ހޯދާފައިވާ މުދާ އެފަދަ ފަރާތްތަކުގެ އަތުން އަތުލައިގަނެ، އެ މުދަލުން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ނައްތާލުމެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ.

މި ބިލުގެ ދަށުން ގާއިމުކުރާ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ބައްޓަންކޮށްފައިވަނީ ކުށް ސާބިތުވުމުން މުދާ ނެގުމުގެ އުސޫލުތައް ކަނޑައެޅުމަށާއި، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި މުދާ ނެގުމުގެ އުސޫލުތައް ތައާރަފުކުރުމަށެވެ. މީގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ނުވަތަ ތަޞައްރުފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި، ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި ތަސައްރުފުކުރުމާ ގުޅޭ އުސޫލުތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކާއި، ދިވެހިރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށްކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުށްކޮށްގެން ހޯދާފައިވާ މުދަލާމެދު ވެސް މި އުސޫލުތަކުން އަމަލުކުރެވޭނެއެވެ. ބިލުގެ ފަސްވަނަ ބާބުގައި ވާގޮތުން، ކުށުގެ ތުހުމަތުކުރެވޭ މުދާ ނައްތާލުން، އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ ފޮރުވުން ހުއްޓުވުމުގެ ގޮތުން "ރިސްޓްރެއިންޓް އަމުރެއް" މެދުވެރިކޮށް އެ މުދަލެއް ހިފެހެއްޓުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ވަކި ޝަރުތުތަކެއް ފުރިހަމަވާ ހާލަތްތަކުގައި، ކުށް ސާބިތުވުމާއެކު ކޯޓުގެ ވަކި ހާއްސަ އަމުރަކާ ނުލައި "އޮޓޮމެޓިކް ފޯފީޗަރ" ގެ ދަށުން އެ މުދަލެއް ދައުލަތަށް ނެގޭނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން މުދާ ނެގޭނެ 15 ބޮޑެތި ކުށެއް ވަނީ ހިމަނައިފައެވެ. އެއީ ޓެރަރިޒަމްގެ ކުށް، ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް، މީހަކު މެރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް، މީހުން ޓްރެފިކް ކުރުމުގެ ކުށް، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް، ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް، ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް، އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް، ކޮރަޕްޝަންގެ ކުށް، އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކެވެ. މީގެ އިތުރުން 500,000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި 100,000 ރުފިޔާއަށް ވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި، ވައްކަމާއި، ހިޔާނާތާއި، ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުން އަދި މުދާ ސްމަގްލް ކުރުމުގެ ކުށް ވެސް ހިމެނެއެވެ. ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އެ ކުށެއް ކޮށްގެން މުދާ ހޯދޭ ކޮންމެ ކުށަކީ ވެސް މި ބިލުގެ ދަށުން މުދާ ނެގޭނެ ކުށެކެވެ. މިފަދަ ކުށްތައް ކުރީ ރާއްޖޭން ބޭރުގައިކަމަށް ވިޔަސް އަދި މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް، އާ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ކުށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ބިލުގައި ވެއެވެ. ނަމަވެސް ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުތަކަށް ތަބާވާން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. މި އޮތޯރިޓީގެ މައިގަނޑު ޒިންމާއަކީ ދައުލަތަށް ނެގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ މުދާ އަގުމަގުކޮށް، ދަފްތަރު ކުރުމެވެ. މީގެ އިތުރުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ވެސް މި އިދާރާގެ ޒިންމާއެކެވެ. މި އޮތޯރިޓީއަކީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.

އަދި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ހަރަދުތައް ބެލެހެއްޓުމަށް "ރިކަވަޑް އެސެޓް ފަންޑެއް" ވެސް ގާއިމުކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް