މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާއި، ކުށްކުރަން ބޭނުންކުރާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭނެ ގާނޫނެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލު، ދިރާސާކޮށް ރިޕޯޓެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

މި ބިލުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވުމާއި، ނުޙައްގުން ހޯދާ މުދާ ދައުލަތަށް ނެގުމާއެކު އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުން ހިމެނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިންގ، ޓެރަރިޒަ

މާ ގުޅުންހުރި ކުށްތައް، މީހަކު މެރުން، މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކްކުރުން، އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށްތައް، ކައުންޓަރފިޓްކުރުން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ. މީގެ އިތުރުން، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 (ފަސްލައްކަ) ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި، ފޭރުމާއި ވައްކަމާއި ޚިޔާނާތާއި މުދާ ސްމަގަލްކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 (އެއްލައްކަ) ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކުގައިވެސް މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިގެންވެއެވެ. ޤާނޫނުގައި ޖިނާޢީ ބޮޑު ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށެއްގައިވެސް، ކުށްކޮށްގެން މުދާ ހޯދޭނެނަމަ އެ މުދާ ދައުލަތަށް ނެގޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ މުހިންމު ހަމައެއްގެ ގޮތުން، މިފަދަ ކުށްތައް ރާއްޖޭން ބޭރުގައި ކުރި ނަމަވެސް، ނުވަތަ މި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް، އައު ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް، ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭނެކަމަށް ބިލުގައި ހިމެނެއެވެ. މުދާ ނެގުމުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތްކުރަން ޖެހޭނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްވެ، ޤާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންޖެހެއެވެ. މިއީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާނެ އިދާރާއެކެވެ. މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތަށް ނެގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ ކަންކަން ހިމެނެއެވެ. އަދި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމަށް ހުށަހެޅުމުން، އެ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީވެސް މި އިދާރާއިންނެވެ.

އިތުރު ފިޔަވަޅެއްގެ ގޮތުން، މި ޤާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑެއް" ޤާއިމުކުރާނެއެވެ. މި ފަންޑު ބޭނުންކުރާނީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، ކުށްކުރުން ހުއްޓުވުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ޚަރަދުތައް ބެލެހެއްޓުމަށެވެ. މީގެ އިތުރުން، ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުންހުރި ކަންކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަމަށް އެދުމުގެ ބާރުވެސް މި ބިލުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިިބިގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު