ޞާދިރު ޢަލީދީދީ   5 ނޮވެމްބަރު 2020 - 13:5
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 24

................

ފުރުޤާންވެސް ނަޝްވާގެ މޫނަށް ބަލައިލިއެވެ.

[އަހަރެންވެސް ނަޝްވާދެކެ ލޯބިވާ މިންވަރު ނަޝްވާއަށް އިޙްސާސް ކުރެވޭނެ ކަމަށް އަހަރެން ޔަޤީން ކުރަން.]

[މިވަގުތު އެއްވެސް ޖަވާބެއް އަހަންނަކަށް ނުދެވޭނެ. ހަމަގައިމުވެސް ކުރިން އަހަންނަކަށް އެނގިފައެއްނުވޭ، ފުރުޤާން އަހަންނާ ދޭތެރޭ ތިގޮތަށް ވިސްނާކަމެއް. އަހަންނަށް އެކަން އެނގުނީ މިރަށަށް އައިފަހުން.] ނަޝްވާ ބުންޏެވެ.

[އަބަދުވެސް އަހަރެން ނަޝްވާދެކެ ލޯބިވޭ....ނަޝްވާ އާދޭސްކުރަން، އަހަރެން ނަޝްވާގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ޚިޔާރުކުރޭ.] ފުރުޤާން އާދޭސް ކުރަން ފެށިއެވެ.

[އެންމެ ރަނގަޅު ގޮތަކީ ގުރުއަތުލުމެއް ބޭއްވުން. ގުރުން ދިމާވާ މީހަކީ ނަޝްވާގެ ޙަޔާތަށް އައުމުގެ ނަޞީބު ލިބޭ މީހާ.] ނަޖްވާ ޚިޔާލު ހުށަހެޅިއެވެ. އެޚިޔާލަށް ރީޙާނާއެކު އައިސް ހުރި ހައިޝަމްވެސް ތާއީދުކުރިއެވެ.

[އަހަންނަށްވެސް ތިގޮތް އެންމެ ރަނގަޅު. އެކަމަކު ދެމީހުން ކުރެން އަހަރެން ރުހޭ މީހަކު އިޚްތިޔާރު ކުރުމުގެ ޙައްޤު އަހަންނަށްވެސް އޮންނަން ޖެހޭނެދޯ. މައްސަލައެއް ނެތް، ނަޖްވާ ގުރެއް ނަގާބަލަ.] ނަޝްވާ ބުންޏެވެ. ޙަޤީޤަތުގައި ނަޝްވާ ވިސްނަނީ ރީޙާނާ މެދުގައެވެ. ފަހަރެއްގައިވެސް ފުރުޤާނަކީ ރަށުމީހާއޭ ކިޔާފައި، ފުރުޤާނާ ގުޅުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ނަޝްވާ ބޮޑަށް ވިސްނަނީ ރީޙާނާ މެދުގައެވެ. އޭނާ ބޭނުންވާ ގިނަ ސިފަތައް ހުރީ ރީޙާންގެ ކިބައިގައެވެ. ވުމާއެކު، އޭނާގެ ހިތް އެދެނީ ރީޙާނަށެވެ.

ނަޖްވާ ހުސް ދެގަނޑުކޮޅު ގުޅަކޮށްލުމަށްފަހު، އެއްގަނޑުކޮޅުގައި ނަޝްވާގެ ނަން ޖަހާލުމަށްފަހު، އެ ގަނޑުކޮޅުވެސް ގުޅަކޮށްލާފައި ބިންމައްޗަށް ވައްޓާލިއެވެ.

[މިތާ އޮންނާނީ ހުސް އެއް ކަރުދާސްކޮޅާއެކު ނަޝްވާގެ ނަން ޖަހާފައިވާ ކަރުދާސްކޮޅެއް. ނަޝްވާވެސް ވާނެ ކަރުދާސްކޮޅެއް ނަގަން. ނަޝްވާއަށް ނަޝްވާގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު ނެގިއްޖެއްޔާ، ނަޝްވާ ޖެހޭނީ، ނަޝްވާ ބޭނުން މީހަކު ޚިޔާރު ކުރަން. ރީޙާނަށް ނަޝްވާގެ ނަން ކަރުދާސްކޮޅު ލިބިއްޖެނަމަ ރީޙާނަށް. ފުރުޤާނަށް ލިބިއްޖެނަމަ ފުރުޤާނަށް. ތިންމީހުން ގަނޑުކޮޅުތައް ނަގަން ފަށާ.] ނަޖްވާ ގަނޑުކޮޅުތައް މުށަށްލާ ތަޅުވާލުމަށްފަހު، ބިންމައްޗަށް ވައްޓާލިއެވެ. ފުރަތަމަ ގަނޑުކޮޅު ނެގުނީ ރީޙާނަށެވެ. އެއަށްފަހު ފުރުޤާނެވެ. ނަޝްވާ ނެގީ އެންމެފަހުންނެވެ.

[ފުރަތަމަ ގަނޑުކޮޅު ނެގިމީހާ ގަނޑުކޮޅު ނިއުޅާލުމަށްފަހު ބަލާ....] ނަޖްވާ މިހެން ބުނީމާ، ރީޙާން ގަނޑުކޮޅު ނިއުޅާލިއެވެ. އެއީ ހުސް ގަނޑުކޮޅެކެވެ. ވީދެރައިން އޭނާ ދެއަތަކަށް ބޯހޫރާލިއެވެ. އެއަށްފަހު، ފުރުޤާން އޭނާ ނެގި ގަނޑުކޮޅު ނިއުޅާލިއެވެ. އޭރު ރީޙާންހުރީ ހިތާހިތާ ދުޢާ ކޮށްލަ ކޮށްލައެވެ. ފުރުޤާނަށްވެސް ދިމާވީ ރީޙާނަށްވެސް ދިމާވިގޮތަށް ހުސްގަނޑުކޮޅެވެ. މިހާރު އެއޮތީ ނަޝްވާގެ އިޚްތިޔާރަށް އައިސްފައެވެ. އެހެން ނަމަވެސް، އޭނާ ބޭނުންވާގޮތް ފުރުޤާންގެ ކުރިމަތީގައި ފާޅުކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ.

އެނގިހުރެ އެއްވެސް މީހެއްގެ ހިތުގައި ޖައްސާކަށް އޭނާއަކަށް ނުކެރޭނެއެވެ.

[އަހަރެން ބޭނުން އަދި ވިސްނަން. ފުރުޤާނާއި ރީޙާންވެސް ޤަބޫލުކުރަންޖެހޭނެ، އަހަންނަކީ އަންހެނެއްކަން. އަހަންނަކަށް ދެފިރިން ހުއްދައެއް ނުވާނޭކަން. ކޮންމެގޮތެއްވިޔަސް، އަހަންނަށް އިނދެވޭނީ ކޮންމެވެސް އެކަކާ.] އެވަގުތު ނަޝްވާ ދެލޯމަރާލިއެވެ. އެހިނދު އޭނާގެ ފުރަގަހަށް މީހަކު އައިސް ހުއްޓުނުހެން ހީވިއެވެ.

އެހިނދު ތަފާތު ބާރެއް ނަޝްވާގެ ހަށިގަނޑަށް ފޯރައިފި ކަހަލައެވެ. މަޑުމަޑުން ނަޝްވާ ތެދުވެއްޖެއެވެ. އެއަށްފަހު، ކުރިޔަށް ދެތިން ފިޔަވަޅެއް އެޅިއެވެ. މިހާރު އޭނާ ހުއްޓި އެހުރީ ރީޙާނާއި ފުރުޤާނާ ދާދި ގާތަށެވެ. އެއަށްފަހު، އޭނާ އިސްއުފުލައި ރީޙާނާއި ފުރުޤާންގެ މޫނަށް ބަލައިލިއެވެ.

[އަހަންނަށް މަޢާފްކުރޭ....] ނަޝްވާ ފުން ނޭވާއެއްލިއެވެ. ރީޙާނާއި ފުރުޤާނަށް ދެލޯ މަރާލެވުނެވެ.

[އަހަންނަށް މަޢާފްކުރޭ ފުރުޤާން...އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ރީޙާން ޚިޔާރު ކުރަން އަހަރެން ނިންމައިފިން. ކުރިއެކޭވެސް އެއްގޮތަށް ފުރުޤާނާ އެކުވެރިކަން ބޭއްވިދާނެ.] ލިބުނު އުފަލާއެކު ރީޙާނަށް ބޭއިޚްތިޔާރުގައި ނަޝްވާގެ އަތުގައި ހިފަހައްޓާލެވުނެވެ. ވަގުތުން ފުރުޤާންގެ ދެލޯ ފެންކަޅިވިއެވެ.

[ނޫން...ނޫން ނަޝްވާ ތިޔަހެން ނުބުނޭ. އަހަރެން ނަޝްވާޔަށް ހާދަ ދިގު އިންތިޒާރެއް ކުރީމޭ. ތިޔަހެން ނަހަދާ ނަޝްވާ. އަހަރެން ނަޝްވާދެކެ ވަރަށް ލޯބިވޭ.] ފުރުޤާނަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

[އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން ބޭނުން، ވީހާވެސް އަވަހަކަށް ކައިވެނި ކުރަން. ނަޝް ކައިވެންޏަށް ތައްޔާރުތަ؟] ރީޙާން ހީވަނީ އުފަލުން ނަށަމުންދާހެންނެވެ.

[ކަލެއަކަށް ތި ކައިވެންޏެއް ނުކުރެވޭނެ. އަހަރެންގެ ހުވަފެންތައް، އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލުމުގެ ޙައްޤެއް ކަލެއަކަށް ނޯންނާނެ.] ފުރުޤާން އިނގިލި ދިއްކޮށް، އިންޒާރުދެމުން އެގެއިން ނިކުތެވެ. އޭނާ އެގެއިން ނިކުތީ ނަޝްވާ ކާމިޔާބު ކުރުމަށްޓަކައި ކިތަންމެ ބުރަ މަސައްކަތެއް ކުރަން ޖެހުނަސް، ކުރުމަށް ހިތުނިޔަތް ގަނެގެންނެވެ.

[ނަޝްވާ ކާމިޔާބުކުރާނީ އަހަރެން.] ނިކުމެގެން ދަމުން ފުރުޤާން ބުންޏެވެ.

ކައިވެނި ކުރާނޭ ތާރީޚެއް ކަނޑައެޅުމަށްޓަކައި ނަޝްވާގެ މައިންބަފައިންނާ ވާހަކަ ދައްކާނޭ ކަމުގައި އެވަގުތު ނަޝްވާ ބުންޏެވެ.

އެދުވަހު ރީޙާން ގެޔަށްދިޔައީ ވަރަށް އުފާވެފައި ހުރެމެއެވެ.

[އެންމެފަހުން ނަޝްވާ ކާމިޔާބު ކުރެވިއްޖެދޯ؟ ޕާޓީއެއްވެސް ބާއްވަންވާނެ.] ރީޙާނާއެކު ގެޔަށްދަމުން ހައިޝަމް ބުންޏެވެ.

[ޕާޓީއެއް ބާއްވަން އަހަރެން ކޮންތާކުން ފައިސާ ހޯދާނީ. އަހަންނަށް ރައްކާ ކުރެވިފައިވާނީ ދިހަވަރަކަށް ހާސް ރުފިޔާ.] ރީޙާން ސައިކަލްގެ ދުވެލި ކުޑަކޮށް މަޑުކޮށްލަމުން ބުންޏެވެ.

[ޕާޓީގެ ޚަރަދުގައި އަހަރެން ހިފާނަން. ރަޙްމަތްތެރިޔާގެ ޙަޔާތަށް ރަނގަޅު ފެންވަރުގެ ޑޮކްޓަރެއް އަންނައިރު، އަހަރެން ބޭނުން އެ އުފަލުގައި ބައިވެރިވާން.] ހައިޝަމަކީ އަބަދުވެސް ރީޙާނަށް އެހީތެރިކަން ފޯރުވާ އެކުވެރިއެކެވެ. އޭނާއެކޭ އެއްފަދައިން، ރީޙާނަކީވެސް ލިބޭ މިންވަރުން އެހީތެރިވާ ޒުވާނެކެވެ.

[ތިހެން ވެއްޖެއްޔާ، ޕާޓީއެއް ބޭއްވިދާނެ. ހައިޝަމް އަހަރެންގެ ހިތަށްއަރާ، ފުރުޤާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނޭ. އަހަރެމެން ދާން މިޖެހެނީ، އޭނާގެ އުފަން ރަށަށް. ހަމަގައިމުވެސް ރަށުމީދާ ރަށަށް ގަދަވާނެ.] ރީޙާން ބުންޏެވެ.

[ރަށުމީދާ ރަށަށް ގަދަވި ޒަމާން ހިނގައްޖެ މިހާރު. އެއްވެސް ބާރެއް އޭނާޔަކަށް ނުދެއްކޭނެ. މާބޮޑަށް އެކަމާ ނުވިސްނާ. އޭނާގެ މުށުތެރޭގައި އޮތް އެއްޗެއް، މީހަކު ޖަހައިގަނެގެން އުޅެނީކީ ނޫނެއްނު.] ހައިޝަމް ބުންޏެވެ.

[އޭނަ ދިޔައީ އިންޒާރު ދީފައެއްނު. އަހަންނަކީ އެރަށުގައި ވަޒީފާވެސް އަދާކުރާ މީހެއް.] ރީޙާން ދެއަތަކަށް ބޯހޫރާލިއެވެ.

[ވަޒީފާ އަދާކުރިޔަސް، އެއްވެސް ބާރެއް ނުދެއްކޭނެ. ވަކިމީހެއްގެ ރަށެއް ނޯންނާނެ. އަހަރެން ކުޑަކޮށްވެސް ޖެހިލުމެއްނުވޭ. އަހަރެމެންނަށްވުރެން ކުރިން މީގެ ވިހި ފަންސަވީސް އަހަރު ކުރީގެ ވާހަކަ މިބުނަނީ. ރަށުމީދާ ރަށަށް ގަދަވާ އުޞޫލުތަކެއް އޮތް. މިހާރު ދިވެހިން މިތިބީ ތަހުޒީބުވެފައި. އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ނުޖެހޭ މީހަކު ނުހުންނާނެ.] ހައިޝަމް ބުންޏެވެ.

ރީޙާން އަނެއްކާވެސް ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ. މިހާރު އޭނާޔަށް ޝަބާބް ނުވަތަ ލޫބާގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރާތާ ވަރަށްގިނަ ދުވަސް ވެއްޖެއެވެ. ވުމާއެކު، އެކަމާ އޭނާ އެއްވެސްވަރަކަށް ނުވިސްނައެވެ. އޭނާ އެކަން ނުވިސްނުމަކީ މައްސަލައެކެވެ. ޙަޤީޤަތުގައި ލޫބާގެ ކިބައިން ދާއިމަށް ސަލާމަތްވެގެން ނޫނީ އޭނާއަކަށް ދާއިމީ އުފާވެރިކަމެއް ލިބިދާނޭ ކަމަކަށް ނުބެލެވެއެވެ. ހަމަގައިމުވެސް އޭނާގެ ފަސް ލޫބާ ބަލާނެއެވެ. ކޮންމެވެސް ދުވަހަކުން އަނެއްކާވެސް އޭނާ ކާމިޔާބުކުރަން ލޫބާ ވިސްނާނެއެވެ.

ހަންޑި ޖިންނި ފަދަ ރޫޙާނީ އެއްވެސް ބާރެއް އިންސާނުންފަދަ ބަޔަކަށް ނުވާނެއެވެ. ހަމަގައިމުވެސް ލޫބާގެ ކިބައިން ރީޙާން ސަލާމަތް ކުރުވާކަށް އަދި ރީޙާންގެ ޢާއިލާއަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ.

އެދުވަހު ރީޙާން ގެޔަށް އައިސް، އޭނާއާ ޑޮކްޓަރ ނަޝްވާގެ ކައިވެނި ހަމަޖެހުނު އުފާވެރި ޚަބަރު، އޭނާގެ މަންމައާއި ބައްޕަ އަދި ކޮއްކޮ ރިޔާއަށް ދިނެވެ. އެޚަބަރު ލިބުމުން، ޤިސާމާއާއި މަޖީދު ވަރަށް އުފާވިއެވެ. އެގެޔަށް ޑޮކްޓަރަކު އަންނާތީ ރިޔާވެސް ވަރަށް އުފާވިއެވެ.

[ކޮންދުވަހަކުތަ ކައިވެނި ކުރަން ތި ރާވަނީ؟ ކައިވެނީގެ ކުރިން ބައްޕަމެންވެސް ބޭނުން، އެމަންޖެއާ ބައްދަލުކޮށްލަން. އެ މަންޖެ ގޮވައިގެން ދަރިފުޅު އަންނާނީތަ، ނޫނީ ބައްޕަމެން އެގެޔަށް ދާންވީތަ؟] މަޖީދު ބުންޏެވެ.

[ބައްޕަމެންނަށް ފެންނަ ގޮތެއް އެންމެ ރަނގަޅު. ބައްޕަމެން ބޭނުމިއްޔާ، ނަޝްވާ ގޮވައިގެން މިގެޔަށްވެސް އަތުވެދާނަން.] ރީޙާން ބުންޏެވެ. ޙަޤީޤަތުގައި ރީޙާން މިހާރު އެހުންނަނީ ވަރަށް ބޮޑަށް އުފާވެފައެވެ. ނަޝްވާއަކީ އޭނާގެ ހިތުން އެންމެ ފުރަތަމަ ޖާގަދެވި، އެ ޖާގައަށް ފެއްތުމަށްޓަކައި އޭނާ މަސައްކަތް ކުރި އަންހެނާއެވެ. ޙަޤީޤަތުގައި އޭނާ ނަޝްވާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ.

ޖެހިގެން އައި ދުވަހު ރީޙާން އޭނާގެ ޢާއިލާއަށް ތަޢާރަފްކޮށް ދިނުމަށްޓަކައި ނަޝްވާ އޭނާގެ ގެޔަށް ގެނައެވެ. ނަޝްވާ ފެނުނީމާ، ރީޙާންގެ މަންމައާއި ބައްޕަ ވަރަށް އުފާވިއެވެ. ރިޔާވެސް ހުރީ ވަރަށް އުފާވެފައެވެ.

[ބައްޕަމެން މިއަދު ވަރަށް އުފާވެއްޖެ. އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސާ. ކޮންދުވަހަކުތަ ކައިވެނި ކުރަން ހަމަޖައްސަނީ؟] މަޖީދު ނަޝްވާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

[ދުވަސް ކަނޑައަޅާނީ ބައްޕަމެން....ދޯ ރީޙާން. ދެފަރާތުގެ ޢާއިލާއިން ވާހަކަ ދައްކައިގެން، ދުވަސް ކަނޑައެޅީމާ ރަނގަޅުވާނެ.] ނަޝްވާ މިހެން ބުނީމާ، ރީޙާންވެސް އެކަމަށް ތާއީދު ކުރިއެވެ.

އެދުވަހު މަޖީދާއި ޤިސާމާ ނަޝްވާގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން، ކައިވެނި ކުރާނޭ ތާރީޚަކާ ދޭތެރޭ އެއްބަސްވުމަކަށް އައެވެ. އެންމެން އިއްތިފާޤުވީ، ފެށޭ ހަފްތާގައި ކައިވެނި ކުރުމަށެވެ. މިހާރު ނަޝްވާ ވާނީ ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްދެއްވުމަށް ހެލްތް މިނިސްޓްރީގައި އެދިފައެވެ. ނަޝްވާގެ މަންމަ ވަފިއްޔާއާއި ބައްޕަ ޤާސިމް އަބަދުވެސް ބޭނުންވަނީ ނަޝްވާ، އެމީހުންގެ ކައިރީގައި ރަށުގައި ބަހައްޓާށެވެ. އެހެންވުމާއެކު، ނަޝްވާ ޑޮކްޓަރުކަން ކިޔަވަން ދިޔުމާއެކުހެން، އެ ޢާއިލާއިން ވަނީ ލިންކް ރޯޑުން އެމީހުން ކުއްޔަށް ނަގާފައިވާ ބިމެއްގައި ދެބުރި ޢިމާރާތެއްކޮށް، ކްލިނިކެއްގެ ސިފަ ގެނެސްފައެވެ. އެއީވެސް ނަޝްވާ ރަށަށް ޚިދްމަތް ކުރަން ރަށުގައި ބެހެއްޓުމުގެ ބޭނުމުގައެވެ. ނަޝްވާއަކީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެކެވެ. ވުމާއެކު، އޭނާގެ ޚިދްމަތަކީ ރަށަށް ވަރަށް ބޭނުންތެރި ޚިދްމަތަކަށްވާނެއެވެ.

ނަޝްވާއާއި ރީޙާން ކައިވެންޏަށް ތައްޔާރުވަމުންދާއިރު، ފުރުޤާން އެދަނީ އެ ކައިވެންޏަށް ހުރަސްއަޅާނޭ މަގުތަކެއް ފެނޭތޯ ވިސްނައި ހޯދަމުންނެވެ. އެއްވެސް ޙާލެއްގައި އޭނާ އެންމެ ލޯބިވާ އަންހެނާ އެހެން މީހެއްގެ މީހަކަށްވުމަކީ، އޭނާއަށް އެދެވޭނޭ ކަމެއް ނޫނެވެ. އޭނާ އެކައިވެންޏަށް ހުރަސްއަޅާނެއެވެ.

[ނަޝްވާ...ކީއްވެތަ އަހަންނާ ދޭތެރޭ ތިގޮތަށް ކަންތައްކުރީ....އަހަރެން ނަޝްވާދެކެ ހާދަ ލޯބިވެޔޭ. ވަރަށް ލޯބިވޭ. ހެޔޮނުވާނެ އާދޭސް ކުރަން ނަޝްވާ....ރީޙާން ދޫކޮށްލާ. އަހަރެން ނަޝްވާއަށް ލޯބިދޭނަން. ރީޙާނަށްވުރެން މާބޮޑަށްވެސް ލޯބިދޭނަން.] ނަޝްވާއަށް ފޯނުކޮށްފައި ފުރުޤާން އާދޭސް ކުރަމުންދިޔައެވެ.

[ފުރުޤާން...އެއްގޮތަކަށްވެސް އަހަރެން ހިއެއްނުކުރަން، ފުރުޤާން އަހަންނާ ދޭތެރޭ ތިގޮތަށް ވިސްނާނޭ ކަމަކަށް. ތިޔައީ އަހަރެންގެ އެކުވެރިއެއް. އަހަރެން އެދެނީ، އެ ގުޅުން އަބަދުވެސް ބާއްވަން.] ނަޝްވާ މިހެން ބުނެފައި ފޯނު ބޭއްވިއެވެ.

މިހާރު ނަޝްވާގެ ގެޔާއި ގޯތިތެރެ ތައްޔާރު ކުރެވެމުން އެދަނީ ނަޝްވާގެ އަލަތު ކައިވެންޏަށްޓަކައެވެ. މިހާރު މުޅި ގޯތިތެރޭ ފަންޖަހައި، ތަފާތު ވައްތަރުގެ ގަސްގަހާގެހިން ޒީނަތްތެރި ކުރެވެމުންދާއިރު، އެ މަންޒަރު ފުރުޤާން ދަނީ ވަރަށް ކައިރިން ބަލަމުންނެވެ.

އެއީ އޭނާގެ ހިތަށް ވަރަށް އުނދަގޫވާ މަންޒަރުތަކެކެވެ. އޭނާގެ ރަޙްމަތްތެރިޔާ ނަވީން އޭނާޔަށް ވަރަށް ހިތްވަރުދީ ނަޞޭޙަތްތެރިވެސްވެއެވެ.

[ފުރުޤާން....ތިގޮތަށް މިގޭ ކުރިމަތީގައި ދީވާނާޔަކަށް ވެގެން ހުރުމުގެ އެއްވެސް ބޭނުމެއް ނެތް. ހިނގާބަލަ ގެޔަށްދާން. ބަލަ، ނަޝްވާ ނޫނަސް އަންހެނުން މިރަށުގައި އެބަތިއްބޭ.] ނަވީން ފުރުޤާންގެ އަތުގައި ހިފެހެއްޓިއެވެ.

[އަންހެނުން ކިތަންމެ ގިނައިން ތިއްބަކަސް، ލޯތްބެއް ނުވެވޭނެ. އަހަރެން ބޭނުމީ ހަމަ ނަޝްވާ. ކަލެޔަށް އެނގޭތަ، ނަޝްވާ އަދި އަހަރެންގެ ފަހަތުން އަންނާނެ. ޔަޤީން އަންނާނެ.] ފުރުޤާން ނަޝްވާމެންގެ ގޭގެ ކައިރީގައި ހުރި ފިހާރައެއްގެ ކުރިމަތީގައި ހުރި އަށްޓެއްގައި އިށީނެވެ.

[އެކަމަަކު ބުނަން ފުރުޤާން...ތިޔައީ ފިރިހެނުން އުޅޭ ފާޑެއް ނޫން. ފިރިހެނުންނަކީ ތިޔަހާ ފިނޑި ބައެއް ނޫން.] ނަވީންވެސް އެ އަށީގައި އިށީނެވެ.

[ތިޔައީ ވަރަށް ހެއްވާ ވާހަކައެއް. ފިރިހެނުންގެ އޮންނަނީ ހިތެއް ނޫންދޯ. އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންނަށްވެސް އަސަރު ކުރެޔޭ.] ފުރުޤާންގެ ދެލޯ ފެންކަޅިވިއެވެ. ނަވީން އިތުރަށް އެތާކު މަޑެއްނުކުރިއެވެ. އޭނާ ގެޔަށްދިޔައެވެ. ނަމަވެސް، ފުރުޤާން އިނީއެވެ. ނަޝްވާގެ ގެ ތައްޔާރު ކުރަމުންދާ މަންޒަރު ބަލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން