ފޮޓޯ: އެމްޓީސީސީ-
ފޮޓޯ: އެމްޓީސީސީ-
ތ. ގާދިއްފުށީ ސްކޫލުގައި އަލަށް އިމާރާތްކުރާ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިއީ ގާދިއްފުށީގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް ކާސްޓިން އާއި ކޮލަމް ޝަޓަރިންގެ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު ސައިޓުގައި ބާރަށް ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް ކާސްޓިންގެ މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދަރިވަރުންނަށް ފަހި އަދި ރައްކާތެރި ތައުލީމީ މާހައުލެއް ބިނާކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ގާދިއްފުށީ ސްކޫލުގައި އިމާރާތްކުރާ މި 10 ކްލާސްރޫމް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމި، ބޭނުންކުރަން ފެށުމުން އެ ރަށުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ސްކޫލުގެ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނަށް ވެސް މަސައްކަތް ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދެއްވާ ޚާއްސަ އިސްކަމުގެ ދަށުން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ސްކޫލްތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތަކާއި، މަލްޓިޕާޕަސް ހޯލް އެޅުން ފަދަ ޢުމްރާނީ ތަރައްޤީގެ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ދަނީ ހަލުވިކަމާއެކު ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު