ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ވަރުގަދަ ކުރުމަކީ ޤައުމުގެ ސަލާމަތާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި، އެންމެހައި ރައްޔިތުންނަށް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އައު އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ޝިޢާރު ކަމަށްވާ "އިނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އިން ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަނޑައަޅައިދޭނެ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި، ރާއްޖޭގައި އައު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ރަށު ފެންވަރުގައި ތަކެތި އުފެއްދުން އިތުރުކުރަންޖެހޭ ކަމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމަކީ ޤައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ބަޔާންކުރަށްވާފައިވެއެވެ.

މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިދީ، މަސް ރައްކާކުރެވޭ މިންވަރާއި ޕްރޮސެސްކުރާ ވަސީލަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެކި ރަށްރަށުގައި މަޝްރޫޢުތައް ފަށައި، ލިބެންހުރި ބިންތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ތާޒާ މޭވާއާއި ތަރުކާރީ އުފެއްދުމަށް ދަނޑުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އެތެރޭގެ ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަ ވަރުގަދަކޮށް، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތަކަށް ފަސޭހައިން ބާޒާރު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޒަމާނީ އީޖާދުތަކާއި ދިވެހި އުފެއްދުންތެރިންގެ ތަޖުރިބާ އެއްކޮށްލުމުން އުފެއްދުންތެރިކަން އިތުރުވެ، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި ދަނޑުވެރިންނާއި މަސްވެރިންގެ ޢާއިލާތަކަކީ ބާރުވެރި ބަޔަކަށް ހަދައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކޮށް، ކޮންމެ ގެއަކަށްވެސް ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭނެ ފަދަ ޤައުމެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު