ގެމަނަފުށީ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
ގެމަނަފުށީ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫޢު، ފޮޓޯ: އެމްޓީސީސީ
ގއ. ގެމަނަފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން، ބަނދަރުގެ ފަޅު ފުންކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ވަރަށް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ގެމަނަފުށީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން ކުރުމާއި ޢިމާރާތް ކުރުމުގެ އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވަނީ 3 ސެޕްޓެމްބަރ 2023 ގައެވެ. މި މަޝްރޫޢަކީ ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި އިޤްތިޞާދީ ހަރަކާތްތަކަށް ޖާގަ ފަހިކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދާ ފަޅު ފުންކުރުމުގެ މަސައްކަތުގެ އިތުރުން މި މަޝްރޫޢުގެ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން ބަނދަރުގެ ފަޅު ތަނަވަސްކުރުމަށްޓަކައި ޖުމްލަ 102،846 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ކޮނެ ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ހިމާޔަތްކުރުމަށާއި އައްސޭރިފަށުގެ ރައްކާތެރިކަމަށްޓަކައި 442 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖެހުމާއި، 201 މީޓަރުގެ ސަރަޙައްދެއްގައި ވެލިބަސްތާ ޖަހައިގެން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެއިތުރުން 405 މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ގަލުގެ އެއްގަމުތޮށި ލުމާއި، 18 މީޓަރުގެ ބްރިޖެއް އެޅުމުގެ އިތުރުން ޖެޓީ ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން 2،635 އަކަމީޓަރުގެ ސަރަޙައްދެއްގައި ގާ އަތުރައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދު އަލިކުރުމަށް ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

ގެމަނަފުށްޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ، އަދި ބޮޑެތި ގިނަ އޮޑިދޯފަހަރު އޮންނަ ރަށަކަށް ވާތީ، މި މަޝްރޫޢު ނިމިގެން ދިޔުމުން އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވެ، މަސްދޯނިފަހަރަށާއި މުދާ އުފުލާ އުޅަނދުފަހަރަށް ލަފާފުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް