ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ހޯދުމުގެ ބޭނުމުގައި، ހަގީގަތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާމެދު ނަފުރަތު އުފައްދައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އޭގެ ސަބަބުން މެންބަރުންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ޚާއްސަ ހެލްތު އިންޝުއަރެންސް ކަނޑައިލުމަށް ގޮވާލައި އާންމުންގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް ވިދާޅުވީ، މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަގުބޫލުކަން ބޭނުންވާ ފަރާތަކަށް އަދި އެކަމެއް ރައްދުވާ މީހުންނަށް އަމާޒުވާގޮތަށް ފިތުނަ އުފެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު އަވަހާރަކޮށްލެވިގެން ގޮސްފައިވާކަން ނާޒިމް ހަނދާންކޮށްދެއްވިއެވެ.

"ހަމަ މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަގުބޫލުކަން ބޭނުންވާ ފަރާތަކަށް، އެކަމެއް ރައްދުވާ މީހުންނަށް "އެޓޭކު" ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ނުރައްކާތެރިކަމެއް." ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލިސް މެންބަރުންނަށް ލިބިދޭ އިނާޔަތްތަކަކީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާއިން ފެށިގެން އަންނަ ކަންކަން ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެ މާއްދާގައި ބަޔާންކުރަނީ ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، މަޖިލީހުގެ މެންބަރުންގެ އިތުރުން ފަނޑިޔާރުންނާއި މުސްތަގިއްލު މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަނަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ، މިއީ އެއާ އެއްކޮޅަށް ވާހަކަދެއްކި ނަމަވެސް އަދި ދެކޮޅަށް ވާހަކަދެއްކި ނަމަވެސް އެއްވެސް މީހަކަށް ސަލާމަތެއް އޮތް މައުލޫއެއް ނޫން ކަމަށެވެ. ނަމަވެސް، ކޮންމެ ހާލަތެއްގައި ވެސް ހައްގުބަސް ބުނަންޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު ނާޒިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިބޭ އިންޝުއަރެންސާއި އާންމު ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތަކީ އަޅައިކިޔަންޖެހޭ ދެ ކަމެއް ނޫން ކަމަށެވެ. އަދި މި ޕެޓިޝަނުގެ ސަބަބުން ހަމައެކަނި މަޖިލިސް މެންބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ދައްކައިގެން، މެންބަރުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ފިތުނައާއި ނަފުރަތު އުފެއްދުމަކީ ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު