މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒުތަކާއި ހައްގުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ބިލު މިއަދު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ދާއޫދު ވިދާޅުވީ، މިއީ ރާއްޖޭގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓްތަކުގެ އިތުރުން އދ. ގެ ސްޕެޝަލައިޒްޑް އެޖެންސީތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ އިމްތިޔާޒުތައް ސާފުކޮށް ބަޔާންކުރުމަށް އެކުލަވާލި ބިލެއް ކަމަށެވެ. އަދި މި ބިލުގެ މައިގަނޑު މަގުސަދަކީ އެފަދަ ފަރާތްތަކަށް އިމްތިޔާޒުތައް ދިނުމުގައި އަމަލުކުރާނެ ދާއިރާތަކާއި، އުސޫލުތައް އަދި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ ހަމަތަކެއްގެ މަތިން ކަނޑައެޅުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ބާއްވާ ގުޅުންތައް ހަރުދަނާކުރުމަށް އިސްކަންދެއްވާ އިރު، މި ބިލަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ގާނޫނުގެ ސަބަބުން ރާއްޖޭގައި ގާއިމުވެފައިވާ ބޭރުގެ މިޝަންތަކަށް ދިވެހި ދައުލަތާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް މެންބަރުން ވިދާޅުވިއެވެ.

މަޖިލީހުން ބަލައިގަތް މި ބިލުގައި ބޭރުގެ މިޝަންތަކުގެ ކޮންސިއުލާ ގުޅުންތައް ބަދަހިކުރުމާއި ހިންގުމާ ބެހޭ ގިނަ ތަފްސީލުތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ކޮންސިއުލާ އޮފިސަރުންނާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި، ގާނޫނީ ގޮތުން އެ މަގާމުތައް މާނަކުރާނެ މިންގަނޑުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިއަދުގެ ޖަލްސާގައި މި ބިލު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާއިރު، ކޮމިޓީ މަރުހަލާ ނިމުމުން ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް އަލުން ތަޅުމަށް ހުށަހަޅާނެއެވެ.



ކިޔުންތެރިންގެ ހިޔާލު