ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ދުބާއިގެ ކުންފުނިން ރަސްމާލެ ތަރައްގީ ކުރާގޮތުގެ ކުރެހުމެއް
ރަސްމާލެއިން ޕްރޮޕަޓީ ގަންނަން ބޮޑަށް ޝައުގުވެރިކަން ފާޅުކުރަނީ އަރަބީންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި ވަޒަންވެރިވާނީ ބޮޑަށް ޔަހޫދީން ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މިހާރުވެސް ރަސްމާލެއިން ޕްރޮޕަޓީ ގަންނަން ޝައުގުވެރިކަން ބޮޑަށް ފާޅުކުރަމުންދަނީ މުޅިން ގަލްފުގެ އަރަބި ގައުމުތަކުގެ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނާއި އަރަބިންނާއޭ މިތާ ތިބޭނީ އަޅުގަނޑު ދަންނަވާނީ. އަރަބި އިސްލާމުން"ރައީސް ވިދާޅުވިއެވެ.

އަދި ގާނޫނުގެ ދަށުން އިސްރާއިލަށް ރަސްމާލެއިން ބިން ގަތުން މަނާވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެހެންވެ މިހާރު ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ހުރެގެން އެފަދަ ފުރުސަތުތައް ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލޭގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގައި ޔޫއޭއީގެ ކުންފުނި އީގަލްސްހިލްސްއިން ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވައި، މިކަމުގައި ކަންބޮޑުވުން ހުރި އާންމު ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު