މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު (ވ)
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު (ވ)
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށްޓަކައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މަޢުރަޒު ބާއްވާ ސަރަޙައްދަށް ޒިޔާރަތް ކުރަށްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރު ވަނީ މަޢުރަޒަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރެވެމުންދާ އެންމެހައި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވައި، އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބައްލަވާލައްވާފައިކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. މި އަހަރުގެ މަޢުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން ފެށިގެން އަންނަ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި މަޢުރަޒު އިންތިޒާމުކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މަޢުލޫމާތު ދީފައިވަނީ، މިއަހަރުގެ މަޢުރަޒުގައި ބައިވެރިވުމަށް 780 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު، މަޢުރަޒުގައި ދައްކާލުމަށް 4800 އަށްވުރެ ގިނަ އުފެއްދުން މިހާރު ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު 10 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތަށް ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2026 ވަނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ބީސީސީގެ މައިގަނޑު އަމާޒަކީ، މި މަޢުރަޒަކީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ އެންމެ ފަހި ޕްލެޓްފޯމަށް ހެދުމެވެ. މީގެ ސަބަބުން ދިވެހިންގެ އައު އީޖާދުތަކާއި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.

މި އަހަރުގެ މަޢުރަޒު ކުރިއަށްދާނީ މައިގަނޑު 16 ދާއިރާއަކުން 73 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ހުޅުވާލެވިފައިވާއިރު، ދިވެހި ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، ރަށު އަދި އަތޮޅު ކައުންސިލްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ފުރުޞަތު ތަނަވަސްކޮށްދީފައެވެ.

ވިޔަފާރީގެ މުހިންމު ހަރަކާތްތަކުގެ އިތުރުން، މި މަޢުރަޒަށް ޒިޔާރަތްކުރާ ޢާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ކުޅިވަރުތަކާއި، ދިވެހި ސަގާފީ ހަރަކާތްތަކުގެ އިތުރުން ފޯރިގަދަ ބޮޑުބެރުގެ އައިޓަމްތައް ވެސް މަޢުރަޒު ކުރިއަށްދާ މުއްދަތުގައި ފެނިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް