ފުވައްމުލަކުގައި އަޅާ ޕޮލިސް އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ފުވައްމުލަކުގައި އަޅާ ޕޮލިސް އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ޏ. ފުވައްމުލައް ސިޓީގައި އިމާރާތްކުރަމުންދާ ޕޮލިސް އެކޮމޮޑޭޝަން ބްލޮކްގެ ގްރައުންޑް ފްލޯގެ ކޮލަމް ކޮންކްރީޓް މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ، މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރުމަށް އެ ކުންފުނީގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.

ފުވައްމުލަކުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ފުޅާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ފަންގިފިލާގެ ޒަމާނީ އިމާރާތެކެވެ. ޖުމްލަ 11،946 އަކަފޫޓުގެ ބޮޑުމިނުގައި ބިނާކުރާ މި އެކޮމޮޑޭޝަން ބްލޮކްގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑުމިނުގައި 3,982 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން 19.17 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުހިންމު މަޝްރޫޢެކެވެ. އެ ކުންފުނިން ބުނި ގޮތުގައި، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު އަންގައިދޭ އެންމެ ފަހުގެ ފޮޓޯތަކާއި މަޢުލޫމާތު އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް މިހާރު ވަގުތުން ބަލާލެވޭނެއެވެ.

ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، އެ ކުންފުންޏަކީ ރާއްޖޭގެ އެކި ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް މުހިންމު ބޮޑެތި މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު