މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް، ފޮޓޯ: ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް، ފޮޓޯ: ކައުންސިލް
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ނުދީ މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުނިތަކަށް ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސް ސަސްޕެންޑް ކުރުމަށް މާލެ ސިޓީ ކައުންސިލަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ފުރުޝާނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ފުރުޝާން ވިދާޅުވީ، ވެރިރަށް މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފަހަކަށް އައިސް ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން، މަގުމަތިން ހިނގާބިނގާވެ އުޅޭ އާންމު ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.

އެގޮތުން، ފަހުގެ ބައެއް ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ވެލި ބަސްތާއެއް މީހެއްގެ ގައިގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. އެ ބަސްތާ އެ މީހާގެ ގައިގައި ޖެހުނު ނަމަ ފުރާނައަށް ނުރައްކާވެ، ބޮޑެތި އަނިޔާތަކެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލްގެ ހުއްދަ ނުނަގައި މަސައްކަތް ކުރަމުންދިޔަ ސައިޓަކުން ސިމެންތިތަކެއް ފައިބައިގެން ގޮސް، މަގުމަތީގައި ޕާކުކޮށްފައި ހުރި ވިއްސަކަށް ސައިކަލަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ހާދިސާވެސް ފުރުޝާން ފާހަގަކުރެއްވިއެވެ.

މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވައި ފުރުޝާން ވިދާޅުވީ، ގަވާއިދާ ހިލާފުވާ އަދި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އިހުމާލުވާ ފަރާތްތަކުގެ ހުއްދަ ސަސްޕެންޑް ކުރަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ހިފަހައްޓާ ހުއްދަތައް އަލުން ދޫކުރަން ވާނީ، ކައުންސިލުން އަންގާ އިސްލާހީ ފިޔަވަޅުތައް އެ ފަރާތްތަކުން ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުމަށްފަހު ކަމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.

މި ހުށަހެޅުމަށް ތާއީދު ކުރައްވައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތަށްޓަކައި މިވަގުތު ނުހަނު ބޭނުންތެރި އަދި މުހިންމު ހުށަހެޅުމެއް ކަމަށެވެ. ހުއްދަ ނުނަގައި އިމާރާތް ކުރުމާއި، އިމާރާތްތަކަށް ބަދަލު ގެނައުމުގެ އިތުރުން، ހުއްދަ އޮވެގެން ވެސް އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމަކީ މިހާރު އާންމުވަމުން އަންނަ ނުރައްކާތެރި ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ކައުންސިލްގެ އާބަން އަދި ޕްލޭނިން ކޮމިޓީއަށް މި ހުށަހެޅުން ވީ އެންމެ އަވަހަކަށް ފޮނުއްވައިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު