މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
އެމްޑީޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ، ކައުންސިލްތަކުގެ އަތުން ނިގުޅައިގެންފައިވާ އެންމެހައި ހައްގުތަކާއި ވަސީލަތްތައް އަލުން އިއާދަކޮށް، އިތުރު ބާރުތައް ދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި ކަމަށް ބުނެ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އެކަމާގުޅިގެން މީސްމީޑިއާ ގައި ހިއްސާކުރެއްވި މެސެޖެއްގައި އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބާރުވެރިކުރުވުމަށް އޮތް ނިޒާމެއް ކަމަށާއި، އެއީ ރައްޔިތުންގެ ކިބައިން ބާރުތައް ނިގުޅައިގަތުމަށް އޮތް ނިޒާމެއް ނޫން ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ބާރާއި، ވަސީލަތްތަކާއި އަދި މިނިވަންކަން ކަށަވަރުވެފައި އޮންނަންޖެހޭނެ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، ކައުންސިލްތަކުން ގާނޫނުއަސާސީގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި، ކައުންސިލްތަކަށް ދޭ ބަޖެޓު ގްރާންޓްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކުގެ އަތުން އަތުލާފައިވާ ހައްގުތަކާއި ވަސީލަތްތައް އަނބުރާ ހޯދައިދިނުމުގެ އިތުރުން، ކުރިއަށްވުރެ ބޮޑެތި ބާރުތަކާއި، ޒިންމާތަކާއި، އަދި ފުރިހަމަ މިނިވަންކަން ކައުންސިލްތަކަށް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

އާޒިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ބާރުވެރި ކައުންސިލްތަކަކީ ބާރުވެރި މުޖުތަމައުތަކެއް ބިނާކުރުމުގެ އަސްލު ކަމަށާއި، އޭގެ ސަބަބުން ލޯކަލް ޑިމޮކްރަސީ ހަރުދަނާވެ، މުޅި ރާއްޖެއަށް ކުރިއެރުމާއި ބާރުވެރިކަން ލިބިގެންދާނެ ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފައިވަނީ، މި ބިންތަކުގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް އޮތް ފަރާތެއް ވާނަމަ، އެކަމަށްޓަކައި އިއުލާންކުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެފަދަ ހިޔާލުތައް ލިޔުމުން އެ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު