ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓުފޮށި ނަގައިގެން މީހަކު ދަނީ.-- ފޮޓޯ: ޖީލު އޮންލައިން
ދިގުރަށުގައި ބެހެއްޓި އެމްޑީޕީގެ ވޯޓުފޮށި ނަގައިގެން މީހަކު ދަނީ.-- ފޮޓޯ: ޖީލު އޮންލައިން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަޔަކު ފޭރިގަނެގެން ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ޖަހައިގަނެގެން ގެންގޮސްފައިވަނީ އެ އަތޮޅު މަހިބަދޫން އެ ރަށަށް ދިޔަ ގްރޫޕަކުންނެވެ. އަދި އެ މީހުން ވަނީ ވޯޓު ފޮށި ހިފައިގެން ލޯންޗެއްގައި ފިލާފައެވެ. ދިގުރަށު ކައުންސިލްގެ ރައީސްގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވެސް ވަނީ އެ ރަށުގެ ވޯޓު ފޮށި ޖަހައިގަނެގެން ގެންދިޔަ ކަމުގެ ޚަބަރު ކަށަވަރުކޮށްދެއްވާފައެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ވޯޓުލާ މަރުކަޒަށް ބަޔަކު ވަދެގަނެ ވޯޓު ފޮށި ހިފައިގެން ދުވެފައި ދެއެވެ. ނަމަވެސް އެއީ ކޮން ބައެއްކަން އަދި މިހާތަނަށް ރަސްމީކޮށް ސާފުވާ ގޮތެއް ނުވެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުން ހޮވުމަށް މިއަދު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މެންދުރުފަހު 2:00 ގައެވެ. މިރޭ 9:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، މިއީ އެ ޕާޓީގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބެވެ.

މި އިންތިޚާބުގައި 1،102 މަޤާމަކަށް 1،612 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަދި ވޯޓުލުމުގެ ޙައްޤު 53،457 މެންބަރުންނަށް ލިބިފައިވާއިރު، މާލެ ސަރަޙައްދުގެ ނުވަ ސްކޫލެއްގައި ވެސް ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ.

މި އިންތިޚާބުގެ ތެރެއިން އަތޮޅުތަކާއި ސިޓީތަކުން ޤައުމީ މަޖިލީހަށް މެންބަރުން ހޮވުމުގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި، ސެކްރެޓަރީންނާއި، އަންހެން އަދި ޒުވާނުންގެ ސެކްރެޓަރީން އިންތިޚާބުކުރާނެއެވެ. މީގެއިތުރުން، އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި އެ ދެ ގޮފިން ޤައުމީ މަޖިލީހަށް ހޮވާ މެންބަރުން ވެސް ކަނޑައަޅާނީ މި އިންތިޚާބުގައެވެ.

އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ކުރިމަތިލާއިރު، މިއަދު މި ބާއްވާ ޤައުމީ މަޖިލީހުގެ އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ބާރުތައް ބެހިގެންދާނެ ގޮތް ކަނޑައެޅިގެންދާނެ، ވާދަވެރިކަން ބޮޑު އަދި ނުހަނު މުހިންމު އިންތިޚާބެކެވެ.



ކިޔުންތެރިންގެ ހިޔާލު