ބޯހިޔާވަހިކަން ހޯދައިދިނުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުހިނގާނެ ގޮތަށް، ވީހާވެސް ގިނަ ރައްޔިތުންނަށް އެ ފުރުސަތު ލިބޭނެ މަގު ތަނަވަސްކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި އާންމު ރައްޔިތަކު، ބޯހިޔާވަހިކަމުގެ ދަތިކަން އޮތްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރުމުން ދެއްވި ޖަވާބުގައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރައީސާ ބައްދަލުކުރެއްވި ފަރާތަކުން ވަނީ، އެ ފަރާތުގެ ފިރިމީހާ ޚާއްޞަ އެހީއަށް ބޭނުންވާ (ނުކުޅެދުންތެރިކަން ހުންނަ) ފަރާތެއްކަން ފާހަގަކޮށް، އެ އާއިލާއަށްވެސް ބޯހިޔާވަހިކަމުގެ ދަތިކަމާ ކުރިމަތިވެފައިވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.

މިކަމާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ ފަދަ ކަންކަމަކީ ސިޔާސީ މަޤުޞަދުތަކާ ގުޅުވާނެ ކަންކަމެއް ނޫން ކަމަށެވެ. އެގޮތުން، ސިޔާސީ އެއްވެސް ތަފާތުކުރުމެއް ނެތި، އެންމެންނަށް ހަމަހަމަ ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ޚާއްޞަކޮށް އެންމެ ނިކަމެތި ޙާލަތުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކުގެ ދަށުން ޢަމަލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނުފޫޒުން އެއްކިބާވެ، ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީއަކަށް ވަނުމާއި ނުވަނުމާ، ނުވަތަ އެ ނޫންވެސް އެފަދަ އެހެން ކަމަކާ ގުޅުވައިގެން އެގޮތަށް ވިސްނަވާކަށް ނުޖެހޭނެ. މިހާރުވެސް އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތައް އެބަހުރި. އެންމެ ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް، އެންމެ އެކަށީގެންވާ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި ޕްރޮގްރާމްގައި ރައީސާ ބައްދަލުކުރެއްވި އިތުރު ބަޔަކު ވަނީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެދި ކަންބޮޑުވުން ހުށަހަޅާފައެވެ. ހަމައެއާއެކު، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ލިބެންޖެހޭ ރިސްކު އެލަވަންސް ނުލިބޭ މައްސަލަވެސް މުދައްރިސަކު ވަނީ ފާހަގަކޮށްފައެވެ. ރައީސް ވިދާޅުވީ، ޕްރޮގްރާމްގައި ރައްޔިތުން ފާޅުކުރި އެންމެހައި ކަންބޮޑުވުންތަކާއި ހުށަހެޅުންތައް ބައްލަވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު