ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާގައި އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަނެއްކާވެސް ޔަގީންކޮށްދެއްވައިފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ދެ ގައުމުގެ މެދުގައި އޮތް އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކަށް އޮތް ފަހުމުވުމުގެ މައްޗަށް ގާއިމުވެފައިވާ ހަރުދަނާ އަސާސްތަކުގެ މަތީގައި، ދެ ގައުމުގެ ގުޅުން ތަރައްގީކޮށް ވަރުގަދަކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަރަށް ތަފްސީލުކޮށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިރުތިޝާމްގެ ޓީމުގައި، ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އައިޝަތު އަޒީމާ އާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރު އިބްރާހީމް ޒުހުރީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބައްދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވާހަކަތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.

"ދެ ގައުމުގެ ރައްޔިތުންނަށް ސީދާ ފައިދާ ލިބޭނެ ފަދަ ގޮތަކަށް ގުޅުން ވަރުގަދަކުރުމަށާއި، ދެމެދުގައި ބާއްވާ މަޝްވަރާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ދޭ ސަމާލުކަން އަނެއްކާވެސް ސާފުކޮށްދިނިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިރުތިޝާމް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އިންޑިއާ ކަނޑުގެ ސަރަހައްދީ ގައުމުތައް ތަމްސީލުކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ 25 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު