ޞާދިރު ޢަލީދީދީ   6 ނޮވެމްބަރު 2020 - 15:10
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 25

................

[ތިޔައީ ވަރަށް ހެއްވާ ވާހަކައެއް. ފިރިހެނުންގެ އޮންނަނީ ހިތެއް ނޫންދޯ. އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންނަށްވެސް އަސަރު ކުރެޔޭ.] ފުރުޤާންގެ ދެލޯ ފެންކަޅިވިއެވެ. ނަވީން އިތުރަށް އެތާކު މަޑެއްނުކުރިއެވެ. އޭނާ ގެޔަށްދިޔައެވެ. ނަމަވެސް، ފުރުޤާން އިނީއެވެ. ނަޝްވާގެ ގެ ތައްޔާރު ކުރަމުންދާ މަންޒަރު ބަލާށެވެ.

ނަޝްވާއާއި ނަޖްވާ ބޭރަށް ނިކުތްއިރުވެސް ފުރުޤާން އެއިންގޮތަށް އިނެވެ.

[ނަޝްވާ...] ނަޝްވާ ނިކުތުމާއެކު، ފުރުޤާން ތެދުވިއެވެ. ނަޝްވާވެސް ހުއްޓުނެވެ.

[ފުރުޤާން...ތިތާ ކީއްތިކުރަނީ؟] ފުރުޤާނާ ވާހަކަ ދެއްކީ ނަޖްވާއެވެ. ނަޝްވާ އިސްއޮބާލީއެވެ.

[ނަޝްވާ ފެނޭތޯ އިނީ....ނަޝްވާ، ނަޝްވާ ރީޙާނާ އިންނަނީތަ؟ އަހަރެންގެ ޙާލަތާ ދޭތެރޭ އެއްވެސްވަރަކަށް ނުވިސްނާ.] ފުރުޤާނުގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަޝްވާ އަނގައިންވެސް ނުބުނެ ނަޖްވާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އެމީހުންގެ ފަހަތުން ފުރުޤާނުވެސް ހިނގައިގެންފިއެވެ.

[ފުރުޤާން....އަހަރެމެންގެ ފަހަތުން ނައިސްފާނަންތަ؟] ނަޝްވާ ފަސްއެނބުރި ބަލައިލަމުން، މިހެން ބުނީމާ، ފުރުޤާން ހުއްޓުނެވެ. ނަޝްވާމެން ދިޔައީ އޭނާގެ ކައިވެނީގެ ހެދުން ނިމުނުތޯ ބަލަން، ފަހަން ޙަވާލުކުރެވުނު ގެޔަށެވެ.

ފުރުޤާން ނަޝްވާގެ ލޯތްބަށްޓަކައި ދީވާނާވަމުންދާ ވާހަކައާއި، އޭނާ ނަޝްވާގޭގެ ދޮރުމަތީގައި މުގޯލިއަޅައަޅާ ހުންނަ ވާހަކައަކީ މިހާރު ވަރަށް މަޝްހޫރު ވާހަކައެކެވެ. ނަމަވެސް، އެކަމަކާ ފުރުޤާން ފަހެއްނުޖެހެއެވެ. އޭނާ ލަދެއްވެސްނުގަނެއެވެ. އޭނާ ބޭނުންވަނީ ކޮންމެފަދަ ފައްތަރެއް ގިރާކުރުމަށްފަހުގައިވެސް ނަޝްވާގެ ލޯބި ޙާޞިލް ކުރާށެވެ. މިހާރު އޭނާ ދަނީ އެތައް ގޮތަކަށް ވިސްނަމުންނެވެ.

[އަހަރެން މިހާރު މިދަނީ ނަޝްވާގެ ލޯބި ޙާޞިލް ކުރާނޭ ގޮތްތަކާމެދު ވިސްނަމުން. ހަމަގައިމުވެސް ގޮތެއް ހުހެއް ނުވާނެ. ކަލޭ މަރާލައިގެންވެސް އަހަރެން ނަޝްވާ ޙާޞިލް ކުރާނަން.] ފުރުޤާން އެންމެފަހުން ރީޙާނަށް ގުޅާފައިވެސް އިންޒާރު ކުރިއެވެ.

[ފުރުޤާން...ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ. ނިކަން ހަމަޖެހިބަލަ.] ރީޙާން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިފައި ހުރެއެވެ.

[ބަލަ...ކަލޭ ހަމަޖެހިފައި ހުއްޓަސް، އަހަންނަކަށް ހަމަޖެހިގެން ނުހުރެވޭނެ. ކަލެއަށްވުރެން މާކުރިން އަހަރެން ނަޝްވާދެކެ ލޯބިވިން. ހަނދާންކުރާތި! މިއީ އަހަރެން ކުރާ އިންޒާރެއް. އަހަރެންގެ އުފާތަކަށް އަރައިގަތް މީހަކަށް، ހަމަޖެހިގެން އުޅުނަކަ ނުދޭނަން. އަހަރެން ކަލޭމެންގެ ދިރިއުޅުމަށް ޒަހަރުލާނަން.] އިންޒާރަށްފަހު ފުރުޤާން ފޯނު ބޭއްވިއެވެ.

މިފަދަ ކޯލްތައް ކެނޑިނޭޅި އަންނަމުންދިޔަ ކަމުގައިވިޔަސް، ނަޝްވާއާއި ރީޙާން އެކަމަކާ މާބޮޑަކަށް ނުވިސްނައެވެ.

ޖެހިގެން އައިރޭ ނިކަން ކުލަގަދަ ޙަފްލާޔަކަށްފަހު، ނަޝްވާއާއި ރީޙާންގެ ކައިވެނި ކުރެވިއްޖެއެވެ. ފުރުޤާންގެ ހިތް ކަތިލުމަށްފަހުގައެވެ. ޕާޓީ ޙަފްލާ ނިމެންދެން ނަޝްވާއާއި ރީޙާން ފެންނަ ފަށުގައި ފުރުޤާން ކަރުނަ އަޅައަޅާ ހުއްޓެވެ. ބައެއް މީހުން އޭނާޔާ ދިމާކޮށްހެދިވެސް މެއެވެ. ނަމަވެސް، އޭނާ އެއްވެސް މީހަކާ އަނގައިންވެސް ނުބުނެއެވެ.

ކައިވެންޏަށްފަހު ރީޙާނާއި ނަޝްވާގެ ދިރިއުޅުން ބަދަލުވީ، ލިންކް ރޯޑްގައި، ކުލީ ބިމުގައި ނަޝްވާގެ މައިންބަފައިން ކޮށްފައިވާ ޢިމާރާތަށެވެ. އެއީ ނަޝްވާ ބޭނުންވިގޮތެވެ. އޭނާ ބޭނުންވަނީ ރީޙާނާއެކު ވަކިން އެކަހެރިކޮށް އުޅޭށެވެ. އެއްވެސް ބައެއްގެ އުނދަގުލެއްނެތި އޭނާއަށް އުޅެވޭނީ އޭރުން ކަމަށްވާތީއެވެ.

[ނަޝްވާ އުފަލެއްނުވޭތަ؟ މިރޭ އަހަރެން މިހުރީ ވަރަށް ބޮޑަށް އުފާވެފައި.] ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލަމުން ރީޙާން ވާހަކަ ދެއްކިއެވެ. އޭރު ނަޝްވާ ހެދުން ބަދަލުކުރަނީއެވެ.

[އަހަރެން އުފާވާވަރަށް ރީޙާންވެސް އުފަލެއްނުވާނެ. މިރެޔަކީ އަހަރެންގެ އާ ކައިވެނީގެ ރޭ. ބޮޑަށް އުފާވާނީ އަހަންނެއް ނޫންތަ؟] ނަޝްވާ މަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ނައިޓީއެއްލިއެވެ. އެ ނައިޓީގެ އެތެރެއިން ނަޝްވާގެ ވަނާތައް ފެންނަމުންދިޔައެވެ. ނަމަވެސް، އާ ކައިވެނީގެ ރޭ ކަމުގައިވިޔަސް، ނަޝްވާގެ ފަރާތުން ލަދުވެތިކަމުގެ އެއްވެސް އިޝާރާތެއް ނުފެނެއެވެ.

[އާދޭ ނަޝްވާ.] ވައިއަޑުން ނަޝްވާއަށް ގޮވާލަމުން ރީޙާން ނިދާބޮކި ޖެއްސިއެވެ. ނަޝްވާ ގޮސް ރީޙާންގެ ދެއަތުގެ ތެރެޔަށް ވަދެ ބޮނޑިވެލައިފިއެވެ. އެއަށްފަހު، ދެން ފާއިތުވީ އުފާވެރި ވަގުތުކޮޅެކެވެ.

އަނބިމީހާ ފިރިމީހާގެ ފަރާތުން، ފިރިމީހާ އަނބިމީހާގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ލިބިގަންނަނީއެވެ.

ދުވަސްތައް މިދެބައިވެރިންނަށް އުފާވެރި ދުވަސްތަކެއްގެ ގޮތުގައި ފާއިތުވަމުން ގޮސް ނަޝްވާ، އޭނާ މިހާރު ދިރިއުޅޭ ގޭގައި ކްލިނިކެއް ހުޅުވައި، ޚިދްމަތްދޭންވެސް ފަށައިފިއެވެ. އެ ކްލިނިކުގައި ޚިދްމަތްދެނީ ނަޝްވާ އެކަންޏެއް ނޫނެވެ. އޭނާ ޚާއްޞަ ވެފައިވަނީ، އެ ކްލިނިކްގެވެސް އަންހެނުންގެ ޚާއްޞަ ޑޮކްޓަރުގެ ގޮތުގައެވެ. އެތަނުގައި ކޮންމެ ކަމަކަށް ޚާއްޞަ ޑޮކްޓަރުން ތިބެއެވެ. ވުމާއެކު، އެތަން ހުޅުވި އިޝްތިހާރު ވުމާއެކު، އެތަންވީ މުޅި އައްޑުއަތޮޅުގައިވެސް ވަރަށް ފާހަގަކުރެވޭ ތަނަކަށެވެ.

އެތަނުން ފަރުވާ ހޯދާ މީހުން މުޅިންވެސް ދައްކަނީ، ޑޮކްޓަރ ނަޝްވާގެ މޮޅުކަމާއި ކުޅަދާނަ ކަމުގެ ވާހަކައެވެ.

[ނަޝްގެ މޮޅު ވާހަކަ ވަރަށްގިނަ މީހުން ދައްކާތީ އަޑުއިވޭ.] ނަޝްވާގެ ރަޙްމަތްތެރިޔާ ނަޖްވާ ނަޝްވާއާ ވާހަކަ ދެއްކިއެވެ.

[ވަރަށް އުފާވޭ...މިވަރުގެ ކާމިޔާބެއް ލިބުނީތީ. މިހާރު އެބަ ހިތަށްއަރާ، ހޮސްޕިޓަލަށް ނުގޮސް، ހަމައެކަނި މިތަނަށް ވަގުތު ހުސްކުރަންވީއޭ.] ނަޝްވާ ބުންޏެވެ.

[ނޫނޭ އެއްގޮތަކަށްވެސް ކަމަކުނުދާނެ. އަބަދުވެސް ނަޝްވާގެ ޚިދްމަތް ހޮސްޕިޓަލަށް ލިބެންވާނެ.] ނަޖްވާ ބުންޏެވެ.

[ތިޔައީވެސް ރަނގަޅު ވާހަކައެއް.] ނަޝްވާ ބޯޖަހާލިއެވެ.

[ރީޙާނާ ދޭތެރޭ ހިތްހަމަޖެހޭތަ؟] ނަޖްވާ އަހާލިއެވެ.

[ހިތްހަމަޖެހޭހޭ؟ ރީޙާން ވަރެއްނެތް. ރީޙާނަކީ އަހަރެންގެ ނަޞީބު.] ނަޝްވާ ބުންޏެވެ.

[ފުރުޤާން މިހާރުވެސް ގުޅާތަ؟] ނަޖްވާ އެހިއެވެ.

[އާނ...ކޮންމެ ދުވަހަކުވެސް ގުޅާ. އަހަރެން ބުނަން، ގުޅިއަކަސް ފައިދާއެއް ނުކުރާނެޔޭ.] ނަޝްވާއަށް މިހެން ބުނެވުނު ވަގުތަކީ ރީޙާން އޮފީހުގައި ހުރެފައި ސައިބޯން ގެޔަށް އައިސް ވަން ވަގުތެވެ.

[ރީޙާން...ހިނގާ ސައިބޯން. ރީޙާނާއެކު ސައިބޯން އަހަރެންވެސް މިހުންނަނީ. ނަޖްވާެސް އާދޭ ސައިބޯން.] ރީޙާނާއެކު ނަޝްވާ ހިނގައިގަތެވެ. ނަޝްވާގެ ކްލިނިކް ހިންގަނީ އެގޭގެ ތިރީބައިގައެވެ. ނަޝްވާމެން ދިރިއުޅެނީ ދެވަނަބުރީގައެވެ.

އެބައި ހަދާފައި ހުންނަނީ ތިން ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި، ގެންގުޅޭ މީހާއަށް ކުޑަ ކޮޓަރިއެއްވެސް ހިމަނާފައެވެ.

ނަޝްވާމެން ޢާންމުކޮށް ބޭނުންކުރަނީ، ދެކޮޓަރިއެވެ. އެއްކޮޓަރި ހުންނަނީ ނަޝްވާގެ ބޭނުންތެރި ސިއްރުތަކެއް ރައްކާކޮށް ތަޅުލާފައެވެ. އެތައް ހުންނަގޮތް ނަޝްވާ ނޫން މީހަކަށް އަދި ނުވެސް ފެންނާނެއެވެ. ޚާއްޞަކޮށް، ނަޝްވާމެން އެގެޔަށް ބަދަލުފަހުން ނަޝްވާ ނޫން އެހެން މީހަކު އެކޮޓަރި ނުހުޅުވައެވެ. ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި ނަޝްވާ އެކޮޓަރިއަށް ވަދެއެވެ. ނަމަވެސް އެކަމެއް ރީޙާނަކަށް ނޭނގެއެވެ.

[ބައެއް ވަގުތު ކާއެއްޗެހި މޮޑެގެން ކާން ފަށަމުންވެސް އޭނާ އެ ބަންދު ކޮޓަރިއަށް ވަދެއެވެ. އެ މަންޒަރު، އެގޭގައި ގެންގުޅޭ މީހާ ޝިވާންތާއަށްވެސް ވަރަށްގިނަފަހަރު ފެނެއެވެ. އެއްދުވަހު ޝިވާންތާ ނަޝްވާއާ ސުވާލުވެސް ކުރިއެވެ.

[މެޑަމް ކާއެއްޗެހި ހިފައިގެން އެ ކޮޓަރިއަށް ވަންނަނީ ކީއްކުރަން!؟] ޝިވާންތާ އެހިއެވެ.

[ކާގެ ހޫނުކަމުން، އެތަނަށް ވަންނަނީ. އެތަނަކީ ބޭސްގުދަން. އެތަން ހުންނަނީ އެއަރކޯންވެސް ކޮށްފަ. އެހެންވެ އަރާމުގައި އިނދެ ކާލަންވެގެން.] ނަޝްވާ އެދުވަހު ޝިވާންތާއަށް ޖަވާބުދިނެވެ. ތެދެކެވެ. އެ ކޮޓަރީގައި ބައެއް ބޭސްތައް ހުރުމާއެކު، އެތަން އަބަދުވެސް ހުންނަނީ އެއަރކޯން ކޮށްފައެވެ.

އެކޮޓަރިއަކީވެސް ފުރިހަމަ ކޮޓަރިއެއްގެ ގޮތުގައި ތައްޔާރުވެފައިވާ ތަނެކެވެ. ބެޑްރޫމްސެޓާއެކު ކޮޓަރިއަކަށް ބޭނުންވާނޭ ހުރިހާ ފަރުނީޗަރުތަކެއްވެސް އެތަނުގައި ހުރެއެވެ.

[ޝިވާންތާ ބުނަން، އަހަރެން ކުރާ ކަންތައްތަކާމެދު ކަލޭގެ ހިތުގައި ސުވާލު އުފެދުނަސް، ސުވާލު ނުކުރާތި. އެކަހަލަ ކަމަކާ ނުވެސް ބެހޭތި. އަހަންނަކީ ނުލާހިކު ބުރަކޮށް އުޅޭ ޑޮކްޓަރެއް. ބޭކާރު އަނގަތަޅަންޏާ ވަރަށް އުނދަގޫވާނެ.] ނަޝްވާ ބުންޏެވެ.

[ލައްބަ މެޑަމް...ސޮރީ....] ޝިވާންތާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ދަންވަރެވެ. ނަޝްވާއާއި ރީޙާންވެސް އޮތީ އަރާމު ނިންޖެއްގައެވެ. ރީޙާނަށް ހޭލެވުނީ އެކޮޓަރިއާ ޖެހިގެންހުރި ކޮޓަރިން މީހަކު ކުކުރާއަޑުހެން ހީވާ އަޑެއް އިވެން ފެށީމައެވެ. ރީޙާން ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. އޭނާ ކޮޓަރިން ނިކުތް ވަގުތު، ނިދިފައި އޮތް ނަޝްވާއަށްވެސް ހޭލެވުނެވެ. އޭނާއަށްވެސް އެ އަޑު އިވުނެވެ. ވުމާއެކު، ނަޝްވާ ފުންމައިގެން ތެދުވިއެވެ.

އޭރު ރީޙާން ހުއްޓިހުރީ އެ އަޑު އިވޭ ކޮޓަރީގެ ދޮރުމަތީގައެވެ. އޭނާހުރީ ދޮރުގައި ކަންފަތް ޖަހައިގެނެވެ. އެވަގުތު ބޭރަށް ނިކުތް ނަޝްވާއަށް އެ މަންޒަރު ފެނުނުވެސްމެއެވެ. ނަޝްވާ އިރުކޮޅެއް ވަންދެން އެމަންޒަރު ބަލަން، ރީޙާނަށް ނުފެންނާނޭހެން މަޑުކޮށްލިއެވެ. އެވަގުތު އޭނާޔަށްވެސް އަންހެނެއްގެ ގިސްލުމުގެ އަޑުއިވުނެވެ. އެކޮޓަރިތެރެއިންނެވެ.

ނަޝްވާ އިރުކޮޅެއް ވަންދެން އެގޮތަށް ހުރެފައި ގޮސް އެ ކޮޓަރީގެ ކުޑަދޮރު ކައިރިޔަށް މަޑުކޮށްލިއެވެ. ރީޙާނަށް ނުފެންނާނޭހެންނެވެ. އޭރުވެސް ރީޙާން ހުރީ ދޮރުފަތުގައި ކަންފަތް ޖަހައިގެނެވެ. ޙަޤީޤަތުގައި ނަޝްވާ ހޭލައިގެން އަތުވެދާނެތީ، ރީޙާން ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

[އަނެއްކާ ލޫބާގެ އުނދަގޫތަކާ ކުރިމަތިވަނީކީ ނޫންބާ. ޔަޤީން، ލޫބާގެ ކަންތައް...] ރީޙާނަށް ހިތާހިތާ ކިޔާލެވުނެވެ. އެވަގުތު ކޮޓަރިތެރެއިން އިވެމުންދިޔަ އަޑުވެސް ކެނޑިއްޖެއެވެ.

[ރީޙާން....ކީއްތިކުރަނީ؟] ރީޙާން ސިއްސައިގެންދިޔައީ، ކޮޓަރި ދޮރުމަތީގައި ހުރެ ނަޝްވާ ގޮވި އަޑަށެވެ.

[ކަމެއް ނުކުރަން. މިތާ ތެރެއިން ފާޑެއްގެ އަޑެއް އިވޭހެން ހީވެގެން. މިހާރަކު އަޑެއްނީވޭ....] ނަޝްވާއަށް އެނގިދާނެތީ، ރީޙާން ހުރީ ވަރަށް ކަންބޮޑުވެފައެވެ.

[ބޭސްލާފައި ހުންނަ ތަންތަނުން އެކަހަލަ އަޑުތައް އިވޭނެ. އާދޭ ނިދަން. އަޑެއް އިވޭއިރަށް ބިރުން އުޅެން، ތިޔައީ ކުޑަކުއްޖެއްތަ؟ އަނެއްކާ މާދަމާ އޮފީހަށް ގޮސް މިގޭތެރެއިން ހަންޑި ފެނެޔޭ، އަޑުއަޑު އިވެޔޭ ކިޔައި ވާހަކަ ނުދައްކާތި. އެހެންވެއްޖެއްޔާ، މި ކްލިނިކްގެ އަގު ވެއްޓިދާނެ.] ނަޝްވާ މިހެން ބުނެފައި، ކޮޓަރިއަށް ވަނީމާ، ފަހަތުން ރީޙާންވެސް ކޮޓަރިއަށް ވަދެއްޖެއެވެ.

[އަހަންނަށް އެނގެޔޭ، މިގޭތެރެޔަކު ހަންޑި ނޫޅޭނެކަން. ހިނގާ ނިދަން އުޅެމާ.....] ރީޙާން ބޭނުންވަނީ، އަވަހަށް އެވާހަކަ ހުއްޓާލާށެވެ. އެއްވެސް ގޮތަކަށް އޭނާގެ މާޟީ، ނަޝްވާއަށް ކިޔައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް، ނަޝްވާއަށް ނާންގައި ލޫބާގެ ކިބައިން ސަލާމަތްވާނޭ ގޮތެއް ރާވަން ރީޙާން ބޭނުމެވެ. އެކަމާ ބެހޭގޮތުން އޭނާ ވާހަކަ ދައްކާނީ ހަމައެކަނި ހައިޝަމާއެވެ. ސިއްރުވެރި ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނީ އޭރުންނެވެ.

[ރޭ ދަންވަރު އަހަންނަށް ހޭލެވުނީ، އަހަރެމެން ނިދާ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިން ލޫބާގެ އަޑުއިވޭތީ....ކިރިޔާ ނަޝްވާއަށް ފަޅާނޭރީ....ކިހިނެއްތަ ހަދަންވީ؟] ރީޙާން ހައިޝަމްގެ ލަފަޔަށް އެދުނެވެ.

[ފަންޑިތަ ހަދާ ރަނގަޅު މީހަކު ހޯދަންވީ. މިރަށުގައި ހުރި އެންމެ ރަނގަޅު މީހާވެސް ދިޔައީ....އަހަރެން ބަލާނަން، ހުވަދުއަތޮޅު ނުވަތަ ފޯއްމުލަކުން ރަނގަޅު މީހަކުވޭތޯ.] ހައިޝަމް ބުންޏެވެ.

[އަޞްލު ވަރަށް ސިއްރުން މިކަން ކުރަން ޖެހޭނީ. ނަޝްވާއަށް ޙަޤީޤަތް އެނގިއްޖެއްޔާ، އޭނަ އަހަރެންގެ ޙަޔާތުން ދުރަށް ހިނގައިދާނެ.] ރީޙާން ބުންޏެވެ.

[އެކަމާ ހާސްނުވޭ....ތިޔައީ އަހަރެންގެ މަސައްކަތެއް. އަހަރެން އެކަން ކުރާނަން.] ހައިޝަމް މިހެން ބުނީމާ، ދަނީއޭ ބުނެފައި، ރީޙާން ގެޔަށް ދިޔުމަށްޓަކައި ދުއްވާލިއެވެ.

މެންދުރުގެ ވަގުތެވެ. ނަޝްވާ ބަތްތަށްޓެއް މޮޑެގެން ބޭސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއީ ރީޙާން ގެޔަށް އައިސް ވަން ވަގުތެވެ. ރީޙާން ފެނުމާއެކު، ނަޝްވާ ހުއްޓުނެވެ. އޭނާ ނިކަން ހާސްވެސްވިއެވެ.

[ނަޝްވާ!؟ ކާއެއްޗެހި ހިފައގެން ތިކޮޓަރިއަށް ތި ވަންނަނީ ކީއްކުރަން؟] ރީޙާން އައިސް ނަޝްވާއާ އަރާހަމަކުރިއެވެ. ނަޝްވާ ކުޑަކޮށް ދޮރު ލައްޕާލިއެވެ. ހީވީ އޭނާ ރީޙާނަށް ކޮޓަރިތެރެ ދައްކަން ބޭނުންނުވީހެންނެވެ.

[ދައްކަބަލަ ތިތާތެރެ ބަލާލަން.] ރީޙާން ތަޅުގައި ހިފައި އެތެރެޔަށް ކޮއްޕާލިއެވެ. އޭރު ނަޝްވާ ހުރީ ދޮރުގައި ނިކަން ބާރަށް ހިފަހައްޓައިގެނެވެ. ވުމާއެކު ދޮރެއް ނުހުޅުވުނެވެ.

[ބޭސްތައް ލާފައި ހުންނަ ތަނަކަށް ކުއްލިއަކަށް ވަނީމާ އަނބުރައިގެންފާނެ. އަހަރެން އަބަދު ބޭސްތަކުގެ ތެރޭގައި އުޅޭ މީހަކަށް މާބޮޑު ކަމެއް ނުވިޔަސް ރީޙާނަށް ގޮތްގޮތްވާނެ.] ނަޝްވާ ދޮރު އެކަށް ލައްޕާލިއެވެ.


ކިޔުންތެރިންގެ ހިޔާލު


29

ޙައުލާ

08-Nov-2020

ކޮބާތޯ 26 ވަނަ ބައި


13

ޙައްވަ

08-Nov-2020

ދިގުކޮައް ގެނެސް ދީފާނަންތަ



ޓްރެންޑިން