ޞާދިރު ޢަލީދީދީ   7 ނޮވެމްބަރު 2020 - 14:38
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 26

................

[ބޭސްތައް ލާފައި ހުންނަ ތަނަކަށް ކުއްލިއަކަށް ވަނީމާ އަނބުރައިގެންފާނެ. އަހަރެން އަބަދު ބޭސްތަކުގެ ތެރޭގައި އުޅޭ މީހަކަށް މާބޮޑު ކަމެއް ނުވިޔަސް ރީޙާނަށް ގޮތްގޮތްވާނެ.] ނަޝްވާ ދޮރު އެކަށް ލައްޕާލިއެވެ.

[އަހަންނަކީ ނަޝް ތިޔަ ހީކުރާކަހަލަ ބަލިކަށި މީހެއް ނޫނޭ. ދައްކަބަލަ، ގޮތެއްވޭތޯ އެތެރެއަށް ވަދެލަން.] ރީޙާން ގަދަކޮށްލިއެވެ. ނަޝްވާ ދުރަށް ޖެހިލިއެވެ. އެޔާއެކު ރީޙާން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ނަޝްވާ ބޭރުގައި ހުރެ ދެއަތަކަށް ބޯހޫރާލިއެވެ. އިރުކޮޅަކުން އިވުނީ އެތެރެއަށް ވަން ރީޙާން ނަޝްވާއަށް ގޮވިއަޑެވެ.

[ނަޝްވާ.....އަހަންނަށް އެބަ ގޮތެއްވޭ.] ނަޝްވާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ކަމަކުދާކަށް ނެތެވެ. ރީޙާން އޮތީ އަނބުރައިގަނެގެން ވެއްޓިފައެވެ.

[ރީޙާން...އަހަރެން ބުނީމެއްނު، ތިތަނަށް ނުވަންނާށޭ. ތިހެންވާނެކަން އެނގޭތީއޭ، އަހަރެން ބުނީ، ނުވަންނާށޭ.] ނަޝްވާ ރީޙާންގެ މޫނުގައި ފިނިފެންފޮދެއް ހާކާލުމުން، އޭނާ ހަމަޔަކަށް އެޅުނެވެ.

ރީޙާން ހަމައަކަށް އެޅުމުގެ ކުރިން، ނަޝްވާ އޭނާ ގެންގުޅުނު ބަތްތަށި އެކޮޓަރިތެރެޔަށްލިއެވެ. ހަމަގައިމުވެސް ނަޝްވާ ރީޙާނަށް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރެއެވެ. ރީޙާނެކޭ އެއްފަދައިންނެވެ. ރީޙާންވެސް އޭނާގެ މާޒީއާބެހޭ އެއްވެސް ވާހަކައެއް އަދި ނަޝްވާއަކަށް ކިޔައެއްނުދެއެވެ.

[ނަޝްވާ އެހެން ބުނީމާވެސް އެތަނަށް ވަނީމާ، އެވަރަށް އެނބުރުން އަރާނެއެކޭ ހިތަކަށްނާރާ. ހުޅުވާފައި އިރުގަނޑެއްފަހުން ވަނީމާ، ރަނގަޅުވާނެކަންނޭނގެ.] ރީޙާން ބުންޏެވެ.

[ގަޑިއެއްހާއިރު ހުޅުވާފައި ބެހެއްޓީމާ، އެ އަސަރު ކަނޑައިގެންދާނީ. ދެން އަޅާނުލާ...ހިނގާ ކާން...] ނަޝްވާ ރީޙާންގެ އަތުގައި ހިފައިގެން ކާކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

[ރީޙާން ކާނީ ރޮށިތަ؟ ބަތްވެސް އެބަހުރި. މިއަދު ހުރީ ތަރުކާރީ ބަތް.] ނަޝްވާ ރީޙާނަށް ތަށި ބަހައްޓަމުން ވާހަކަ ދެއްކިއެވެ.

[އަހަރެން ކާނީ ތަރުކާރީ ބަތް....] ރީޙާން މިހެން ބުނީމާ، ނަޝްވާ ރީޙާންގެ ތަށްޓަށް ބަތް އަޅައިދޭން ފެށިއެވެ. އެއަށްފަހު، ނަޝްވާ އޭނާ ކާންވެސް ތަށްޓެއް ނަގައިފިއެވެ.

[ނަޝް ދެންމެ ކައިފީމެއްނޫންތަ!؟] ރީޙާން ހިސާބަކަށް ޙައިރާންވިއެވެ.

[އަހަރެން މޮޑެގެން އިން ބަތްތަށި، ރީޙާން އަނބުރައިގަތް ވަގުތު ޑަސްޓްބިނަށް އަޅާލީ....] ނަޝްވާ ނިކަން ހުޝިޔާރެވެ.

[އެހެންތަ...ނަޝް...މިއަދު އަހަރެން މަންމަމެން ގާތަށް ރަށަށް ދިޔައީމާ، މަންމަ ވަރަށް ދެއްކި، މާމަ ކުއްޖެއްގެ ވާހަކަ. އަހަރެންގެ ހިތަށްއަރަނީ، ކުއްޖަކު ހޯދާނޭ ވަގުތު އެންމެ ރަނގަޅަށް ނަޝްއަށް އެނގޭނެޔޭ. ޙަޤީޤަތުގައި އަހަރެންވެސް ވަރަށް ބޭނުން ކުއްޖަކު ހޯދަން.] ރީޙާން ބުންޏެވެ.

[އަހަރެންވެސް ކުއްޖަކު ބޭނުންނުވަނީކީ ނޫން....އެކަމަކު އަހަރެން ކުއްޖަކު ވިހަން އަދި މާއަވަސްކަންނޭނގެ. މިދުވަސްވަރު ކުއްޖަކު ހޯދައިފިއްޔާ....އަހަރެންގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅޭނޭ.] ރީޙާންގެ މޫނަށް ބަލައިލަމުން ނަޝްވާ ބުންޏެވެ.

[އަހަރެންވެސް މަންމަމެން ގާތު ބުނީމޭ. ނަޝްކަހަލަ ބުރަ ޑޮކްޓަރަކު ވިހަން އަދި މާއަވަހޭ. ކިހިނެއްވާނެ އަދި އެއްއަހަރު ފަހުން ކުއްޖަކު ހޯދުން.] ރީޙާން ނަޝްވާގެ ލޮލަށް ބަލައިލަމުން ހިނިތުންވެލިއެވެ.

[ރަނގަޅު....އެއްއަހަރު ފަސްވެއްޖެއްޔާ، އެއްފަހަރާ ދެކުދިން ވިހަންވެސް ތައްޔާރު.] ނަޝްވާ ރީޙާން ކޭތަށިތައް ނަގަމުން ބުންޏެވެ.

[އެއްމާބަނޑު ދެކުދިން ވެއްޖެއްޔާ ބުރައެއް ނުވާނެތަ؟ ރީޙާން އެއްސެވެ. ނަޝްވާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

[އެއްފަހަރާ ދެކުދިން ލިބިއްޖެއްޔާ، އެއްގޮތަކުން މާފަސޭހަވާނެ. އާކޮޅު ހިސާބަކަށް ދަތިވެދާނެ. އެކަމަކު ފަހުން ހަމަޔަކަށް އެޅިދާނެ.] ނަޝްވާ ބުންޏެވެ.

[އަހަރެން ދަނީ....އޮފީހުން ބޭރުގައި އުޅޭތާ ވަރަށްގިނައިރު ވެއްޖެ. ނަޝް، އަދި ހަނދާންނެތިފައޭ މިހުންނަނީ. ރަފީޢު ބުންޏޭ، ރަފީޢުގެ އަންހެނުން ދައްކާލަން ބޭނުންވާ ވާހަކަ. މިއަދު އޭނަ ބެލިދާނެތަ؟] ހިނގައިގަންނަން އުޅެފައި މަޑުކޮށްލަމުން ރީޙާން ބުންޏެވެ.

[މިއަދުގެ ހުރިހާ ނަމްބަރުތައް ހުސްވެފައި ހުރީ. މިރޭ ނުވައެއްގެ ފަހުން ގެޔަށް އަންނާށޭ ބުނޭ.] ނަޝްވާ މިހެން ބުނީމާ، އެންމެ ރަނގަޅޭ ބުނެފައި، ރީޙާން ހިނގައިގެންފިއެވެ.

ދުވަސްތައް މިއާދައިގައި ފާއިތުވަމުންގޮސް، ރީޙާނާއި ނަޝްވާގެ ކައިވެންޏަށް އަހަރު ފުރުނުއިރުވެސް، ކޮންމެ ދުވަހަކު ތިންއިރު ނަޝްވާ ކާން، ބޭސް ކޮޓަރިޔަށް ވަންނަ ތަން އެގޭ ގެންގުޅޭ ސިލޯނު މީހާ ޝިވާންތާ ދެކެއެވެ. ފަހަކުން ޝިވާންތަ އެކަމަކާ މާބޮޑަކަށް ނުވިސްނައެވެ.

ފާއިތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ އެންމެ ރެޔަކު ފިޔަވައި ލޫބާގެ އިޝާރާތެއް ނުވާތީ، މިހާރު ރީޙާން ހުންނަނީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާއާ ޖިންނި އަންހެނަކާ ލޯބީގެ ގުޅުމެއް އުފެދި، އެއަށް ކައިވެނީގެ ސިފައައިސް، ރޫޅިފައިވާކަން ނަޝްވާޔަށް އަންގާކަށް ފަހަރެއްގައިވެސް ރީޙާން ބޭނުމެއް ނޫނެވެ.

[ފަންޑިތަ ނެހެއްދިޔަސް، އޭތީގެ ކިބައިން މިންޖު ވެއްޖެކަންނޭނގެ. ހުވަދުއަތޮޅުންވެސް ތަވީދެއް ލިޔެފައި ފޮނުވައިދޭނަމޭ ބުނި މީހާގެ އެއްވެސް ޚަބަރެއްވީކީ ނޫން. ދެން އަޅާނުލާނީ.... އަހަރެންގެ އުނަގަނޑުގައި ކުއްލިއަކަށް ތަވީދެއް އެޅީމާ، ނަޝްވާގެ ހިތުގައި ސުވާލު އުފެދޭނެ.]

ރީޙާން ވާހަކަ ދެއްކީ ރަޙްމަތްތެރިޔާ ހައިޝަމާއެވެ. މިހާރު ހައިޝަމަކީވެސް ފަސްމަހަށްދާ ލޯބިލޯބި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ.

[އަހަންނަށް ފެންނަނީ ރީޙާންވެސް އަވަހަށް މިކަހަލަ ކުއްޖަކު ހޯދަން. ކުއްޖަކު އޮތީމާ މިގޭގެ ފަޅުކަން މުޅިން ފިލައިފިދޯ ޝީނާ.] ހައިޝަމް އޭނާގެ އުނގުގައި އޮތް ދަރިފުޅާ ލޯބިކޮށްލަމުން، އޭނާގެ އަންހެނުންނަށް ދޯ އެއްލިއެވެ. އޭރު ޝީނާ ހުރީ ހައިޝަމާއި ރީޙާނަށް ކޮފީ ހަދާށެވެ.

[ކައިވެންޏަށްފަހު ކުއްޖަކު އޮތުމަކީ، އެ ކައިވެންޏެއް ދިގުދެމިގެން ދިޔުމުގެ ބާރަކަށްވާނެ. އަނެއްކާ ޑޮކްޓަރ ނަޝްވާ ކުއްޖަކު ބޭނުންނުވަނީތަ؟] ހައިޝަމްގެ ވާހަކައާ ގުޅުވައިގެން ޝީނާ ބުންޏެވެ.

[ނޫނޭ...ނަޝްވެސް ކުއްޖަކު ބޭނުން. އެކަމަކު ވާގޮތަކީ ކިރިޔާ ކްލިނިކްވެސް ވައިގައި ހިފީވިއްޔާ. މާއަވަހަށް ނަޝް ރެސްޓް ނަގައިފިއްޔާ ކްލިނިކަށް އަސަރުކޮށްފާނެތީ....އަދި މަޑުކުރަނީ.] ރީޙާން ބުންޏެވެ. ޝީނާ ދެތަށި ކޮފީ ހިފައިގެން އައިސް ރީޙާނާއި ހައިޝަމަށް ދިއްކޮށްލިއެވެ.

ނަޝްވާއާއި ރީޙާންގެ ކައިވެންޏަށްފަހު، ދެވަނަފަހަރަށް ލޫބާގެ އިޝާރާތެއް ރީޙާނަށްވީ އެރެއެވެ. މިފަހަރުވެސް އިވުނީ ކުރީ ރެއެކޭ އެއްފަދައިން، ލޫބާގެ ގިސްލުމުގެ އަޑެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ. އޭރު ނަޝްވާ ނިދާފައި އޮތެވެ. ރީޙާން ގޮސް ހުއްޓުނީ ބޭސްތައް ލާފައި ހުންނަ ކޮޓަރި ދޮރުމައްޗަށެވެ. ކޮޓަރިތެރެއިން އިވެނީ، ކޮންމެވެސް މީހަކު ބޭރަށް އަޑު ނުނެރެ އެތެރެއިން ރޯއަޑުފަދަ އަޑެކެވެ. ރީޙާން ޔަޤީންކުރީ، އެއީ ލޫބާގެ އަޑު ކަމަށެވެ. އޭނާ ޔަޤީންކުރެއެވެ. ލޫބާ އޭނާޔަށް އުނދަގޫ ކުރަނީއެވެ. ލޫބާ އަދިވެސް އޭނާގެ ފަހަތުން ފިލައިގެން ނުދަނީއެވެ.

[ލޫބާ....ކަލޭ ތިއުޅެނީ އަހަރެން އުފަލުގައި އުޅުނަނުދޭންތަ. ކަލޭ ތިގޮތަށް އަހަރެންގެ ފަހަތުން ނުނެއްޓިގެން އުޅެންޏާ، އަހަރެންގެ މި އުފާވެރި ދިރިއުޅުންވެސް ފުނޑުފުނޑުވެދާނެ. ތިގޮތަށް ކިތަންމެވަރަކަށް ރުޔަކަސް، އަހަންނަކަށް އަސަރެއް ނުކުރާނެ.] ރީޙާން ވާހަކަ ދައްކަނީ ދޮރުމަތީގައި ހުރެ މަޑުމަޑުންނެވެ. ރީޙާން ކިތަންމެ މަޑުން ވާހަކަ ދެއްކި ކަމުގައިވިޔަސް، އޭނާގެ އަޑަށް ނަޝްވާއަށް ހޭލެވުނެވެ. ނަޝްވާ ތެޅިފޮޅެމުން ކޮޓަރިން ނުކުތެވެ. އޭރު އޭނާޔަށްވެސް ކޮޓަރިތެރެއިން މީހަކު ރޯއަޑު ކަހަލަ އަޑެއް އިވުނެވެ. މިފަހަރުވެސް އޭނާ ދިޔައީ ކުޑަދޮރާ ދިމާޔަށެވެ. ރީޙާނަށް ނުފެނިއެވެ. އެޔާއެކު އެތެރެއިން އަޑު ކެނޑިއްޖެއެވެ.

[ހެޔޮނުވާނެ ލޫބާ....ކަލޭ އަހަންނަށް އުނދަގޫނުކުރޭ. ކަލެޔަކީ އަހަރެންނާ ގުޅުންހުރި މީހެއްކަން އެނގިއްޖެނަމަ، ނަޝްވާ އަހަރެންގެ ޙަޔާތުން ދުރަށް ހިނގައިދާނެ.] ރީޙާން އާދޭސް ކުރިއެވެ. އޭރު ނަޝްވާ ހުރީ ކުޑަދޮރުން ވަދެ، އެކޮޓަރިތެރޭގައެވެ.

[ރީޙާން ކަންބޮޑުނުވޭ. ނަޝްވާއަށް އެކައްޗެއްވެސް ނޭނގޭނެ. އަހަރެން ނަޝްވާ ކޮންޓްރޯލް ކުރާނަން. ރީޙާން ކިތަންމެ ބުންޏަސް އަހަރެން ކިހިނެއްތަ ރީޙާނާ ދުރަށްދާނީ...] މިފަހަރު ކޮޓަރިތެރެއިން އިވުނީ ސީދާ ލޫބާގެ އަޑެވެ. ރުއިމުގެ އެއްވެސް އަސަރެއް އޭނާގެ އަޑަކު ނެތެވެ.

ރީޙާން ވަށައިގެން ހޯދަން ފަށައިފިއެވެ. ނަޝްވާ ހޭލަފާނެތީ އޭނާ ޖެހިލުންވަނީއެވެ. ނުވަތަ ބިރުގަންނަނީއެވެ.

ކުއްލިއަކަށް އޭނާ ސިއްސައިގެންދިޔައީ ފަހަތުން އައިސް ނަޝްވާ އޭނާގެ ކޮނޑަށް އަތް ވައްޓާލީމައެވެ.

[ރީޙާން...މިތާ ކީއްތިކުރަނީ. ނުވެސް ނިދާ ރެއެއްތަ؟] ނަޝްވާގެ އަޑާއެކު ރީޙާން ވަރަށް ބޮޑަށް ސިހުނެވެ.

[ފެންބޮވައިގަނެގެން ހޭލެވުނީ.] ރީޙާން އޮޅުވާލިއެވެ.

[މިހާރު ފެންބޮއިފިންތަ؟] ނަޝްވާ ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ ބުންޏެވެ.

[އާނ ފެންބޮއިފިން...ހިނގާ ނިދަން. ނަޝްވާ ތި ނިކުތީ ކީއްކުރަން...] ރީޙާން ކޮޓަރިއާ ދިމާޔަށް ހިނގައިގެންފިއެވެ. ފަހަތުން ނަޝްވާވެސް ހިނގައިގެންފިއެވެ.

[އަހަންނަށް ހޭލެވުނު ވަގުތު ރީޙާން ނެތީމާ ނިކުތީ. މިރޭގެ ފަހުން ކޮޓަރިތެރެޔަށް ފެން ވައްދާފައި ބަހައްޓާނަން. އޭރުން ރީޙާން ކޮޓަރިން ނިކުންނާކަށް ނުޖެހޭނެއެއްނު.] ނަޝްވާ ބުންޏެވެ.

[އެންމެ ރަނގަޅު. އަވަހަށް ހިނގާ ނިދަމާ.] ރީޙާން އެނދުގައި އޮށޯތެވެ.

ނަޝްވާއާއި ރީޙާން ގުޅިގެން އުފާވެރި ދުވަސްތަކެއް ގުނަމުންދިޔަ ކަމުގައިވިޔަސް، އަދިވެސް ފުރުޤާންގެ ވިސްނުމުގައި ވަނީ އެދެމަފިރިންގެ ދެމެދަށް ވަދެ ނަޝްވާ އޭނާގެ ޙަޔާތަށް ގެނައުމެވެ.

މިހާރު ފުރުޤާން ރާވަމުންދަނީ ރަނގަޅު ފަންޑިތަ ހަދާ މީހަކާ ގުޅައިގެން ނަޝްވާ ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރާށެވެ. އެކަމަށް ކިތަންމެ ބައިވަރު ފައިސާތަކެއް ހޭދަވި ކަމުގައިވިޔަސް، އޭނާ އެކަން ކުރާނެއެވެ. އޭނާ ނަޝްވާއާއި ރީޙާނާ ދެމެދު ވަރުގަދަ ހުރަސްފާރެއްލާނެއެވެ. ނަމަވެސް، އުފާވެރި ދިރިއުޅުމެއްގައި އުޅެމުންދާ ދެމަފިރިއަކަށް، ފައިސާގެ ދަޅައަށް ހެއްލި ހުރަސްއަޅާނޭ މީހަކު އަދި އޭނާޔަކަށް ނުފެނެއެވެ.

ފުރުޤާން އައްޑުއަތޮޅުގެ ބޮޑު ބައެއް ފާސްކޮށްފިއެވެ. އެފަދަ މޮޅު އިސްތިރި ފަންޑިތަ ހަދާ މީހަކު ފެނޭތޯއެވެ.

[ރަނގަޅަށް އުޅޭ ދެމަފިރިންގެ ދެމެދަށް ހުރަސްއެޅޭފަދަ ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެ.] މަރަދޫގައި ހުންނަ މަޝްހޫރު ފަންޑިތަވެރިޔާ ޢަބްދުﷲބެވެސް ފުރުޤާން ގާތު ބުނެފައިވެއެވެ.

[އަހަރެން ހުވަދުއަތޮޅަށް ގޮސް ރަނގަޅު މީހަކު ހޯދައިގެންވެސް އެކަން ކުރާނަން. އަހަރެންގެ ލޯބި ޖަހައިގަނެގެން އުފަލުގައި އުޅޭކަށް އަހަރެން އެމީހުނަށް ފުރްޞަތު ނުދޭނަން.] ފުރުޤާން ހިތާހިތާ ކިޔާލިއެވެ.

މިހާރުވެސް ފުރުޤާން، ދޭތެރެ ދޭތެރެއިން ނަޝްވާއަށް ގުޅާލައެވެ. ނަމަވެސް، ނަޝްވާ ވާހަކައެއް ނުދައްކައެވެ. އޭނާ ތަކުރާރުކޮށް ބުނަނީ، އޭނަޔަށް ގުޅައިގެން ނުވާނޭ ކަމަށެވެ.

[ތިޔަހެން ނަޝްވާ ނުގުޅާށޭ ބުންޏަސް، އަހަރެން ގުޅާނަން. އަހަރެން ނަޝްވާދެކެ ހާދަ ލޯބިވެޔޭ.] ފުރުޤާން ބުންޏެވެ. މިފަހަރުވެސް ނަޝްވާ ފޯނު ބޭއްވީއެވެ.

އެގޮތަށް ނަޝްވާ ފޯނު ބޭއްވުމަކުން ފުރުޤާން ފަހެއްނުޖެހެއެވެ. އޭނާ ތަކުރާރުކޮށް އެތައްފަހަރަކު ނަޝްވާއަށް ގުޅައެވެ. މިފަހަރުވެސް އޭނާ ޢަމަލުކުރީ އެގޮތަށެވެ. ތަކުރާރުކޮށް ދެތިންފަހަރު ނަޝްވާ ފޯނު ބޭއްވީމާވެސް، އޭނާ ގުޅައިފިއެވެ.

[ބަލަ ފުރުޤާން ކަލޭ މޮޔަވީތަ؟] އެންމެފަހުން ނަޝްވާ ގާތަށް ރުޅިއައެވެ. ވަރަށް ބޮޑަށެވެ.

[މޮޔަވީކީ ނޫން. ނަޝްވާ އަހަރެން މޮޔަކޮށްލީ. އާނ އަހަރެން މިޙާލުގައި ޖެއްސީ ސީދާ ނަޝްވާ.] ފުރުޤާނަށް ރޮވުނެވެ.

[ފުރުޤާން މޮޔަކުރަން އަހަރެން ކީއްތަކުރީ؟] ނަޝްވާ ދެއަތަކަށް ބޯހޫރާލިއެވެ.

[އަހަރެން ކުރި ދިގު އިންތިޒާރަށް ހިތި ނިމުމެއް ގެނައި މީހަކީ ނަޝްވާ. އަހަރެން މި ޙާލުގައި ޖެއްސީ ނަޝްވާ. ނަޝްވާތީ އެއްވެސް ރަޙުމެއް ނެތް މީހެއް.] ފުރުޤާންގެ އަޑުވަނީ އަސަރުން ބަރުވެފައެވެ.

[މައްސަލައެއް ނެތް. މިހާރު އަހަންނަށް ފުރުޤާނާ ހެދި ވަރަށް ބޮޑަށް އުނދަގޫ އެބަވޭ. މިހާރު އަހަރެން ޤަޞްދުކޮށްފިން، ފުރުޤާނަށް ނަޝްވާގެ ލޯބިދޭން. މިބުނީ އަހަރެންގެ ލޯބި ދޭން ޤަޞްދުކޮށްފީމޭ. އެކަމަކު އެއީ ގޮތެއްގެ މަތިން.] ނަޝްވާ ބުންޏެވެ.

[ހަމަ ތެދެއްތަ؟ ނަޝްވާ އަހަންނަށް ލޯބި ދޭނަންތަ؟] ފުރުޤާނަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ.

[އާނ...މިރޭ އިރިފުސްމެ ވަގުތު މިގެޔާ ދިމާ ލިންކް ރޯޑަށް އާދޭ.] ނަޝްވާ ދަޢުވަތު ދިނެވެ. ލިބުނު އުފަލާއެކު ފުރުޤާން ފޯނު ބާއްވާލިއެވެ. ނަޝްވާ ވިސްނީ، އޭނާއާއި ރީޙާންގެ ލޯތްބަށް ހުރަސްއެޅިދާނޭފަދަ ބާރުތައް ނައްތާލައި، އެކަށް އޭނާގެ ދިރިއުޅުން އަމާން ކުރާށެވެ. އޭނާ ފުރުޤާނަށް ލޯބިދޭން ނިންމީ އެހެންވެގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން