މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ: މަޖިލިސް
ރާއްޖޭގައި ދާއިމީ ތަނެއް ނެތް ޓުއާ އޮޕަރޭޓަރުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މިއަދުގެ ޖަލްސާގައި މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ބިލު ފާސްވީ އެވަގުތު ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މީގެ ތެރޭގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނެއެވެ. މިއީ މިމަހުގެ އެކަކުން ފެށިގެން އަމަލުކުރަން ފެށި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ނަގަން ފެށި ޓެކްސް އަނބުރާ އުވާލުމަށް ހުށަހެޅުނު ބިލެކެވެ.

ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި މިބިލުގެ މައިގަނޑު މަޤްސަދަކީ މި ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާ މެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޓެކުހާ ގުޅޭ މަންފާއެއް ހޯދުމުގެ މަޤްސަދުގައި ކުރާ މުއާމަލާތްތައް ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތްތަކެއް ކަމަށް ބެލެވޭނެއެވެ. އަދި ޖީއެސްޓީ ދެއްކުމުން އެއް ފަރާތްވާން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުއާމަލާތެއް ނޫން ކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނާ ޖެނެރަލަށް ވަނީ ދެވިފައެވެ.

ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތްތައް ތަފްސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކާން ޖެހޭ އަދަދު ކުޑަވުމާއި ޖީއެސްޓީ ދައްކާން ޖެހޭ ތާރީޚު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.

މިބިލު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، މި ބިލު ތަންފީޒުކުރުމާ އެކު، އޮފް ޝޯ ބުކިން ޕްލެޓްފޯމުތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާ އެކު ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި 1608.5 މިލިޔަން ރުފިޔާގެ އާމްދަނީ ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު