ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުޞްޠަފާ ބަރްޣޫތީ
ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުޞްޠަފާ ބަރްޣޫތީ
ފަލަސްތީނިއަން ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުޞްޠަފާ ބަރްޣޫތީ، އިސްރާއީލުގެ އިސްތިއުމާރީ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢަރަބި ރައްޔިތުން 'ފޭސިޒަމް' އާ ދެކޮޅަށް ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ތަޢުރީފު ކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވެއްޓިފައިވާ ކަމަށާއި، ސޮމޮޓްރިޗް އާއި ބެން-ގްވީރުގެ ހައްދުފަހަނަޅާފައިވާ ދައުރު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

އަލް މައްޔާދީން ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ބަރްޣޫތީ ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ ކަނާތުފިޔައިގެ ބްލޮކްގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ނަތަންޔާހޫގެ ބާރު ކުޑަވެގެންދިޔައެވެ. އަދި ކުރިއަށްހުރި ސިޔާސީ ފިޔަވަޅުތައް ނިންމުމުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދައުރު މުހިންމުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގާދީ އައިސެންކޮޓް ޢަރަބި ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް ނާކާމިޔާބުވެއްޖެނަމަ، އިސްރާއީލުގައި އަލުން އިންތިޚާބެއް ބާއްވަން ޖެހުން ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަރްޣޫތީ އިންޒާރު ދެއްވިއެވެ.

ނަމަވެސް، އިސްރާއީލުގައި އަލަށް އުފެދޭ ސަރުކާރެއްގެ ވެރިއަކަށް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު އެމީހުންގެ އެޖެންޑާގައި ނުހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެންމެ ނުރައްކާތެރި ހާލަތަކީ ނަތަންޔާހޫގެ ސަރުކާރު ވަގުތީ ސަރުކާރެއްގެ ގޮތުގައި ދެމިއޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ހާލަތަށް އަލިއަޅުވާލައްވަމުން ބަރްޣޫތީ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އަށް ޣައްޒާއަށް ސުލްހަ ގާއިމުކޮށްދެވިފައިނުވާ ކަމަށާއި، މި އިންތިޚާބުގެ ނަތީޖާގެ އަސަރު ޣައްޒާއަށް ކުރާނެ ކަމަށެވެ. އެގޮތުން ޓްރަމްޕަށް އިތުބާރު ނުކުރައްވާކަން ހާމަކުރައްވަމުން، އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޓްރަމްޕަށް ގެއްލިގެންދިއުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ އެދެވޭ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް