މުމްބާއީގެ ފުލުހުން
މުމްބާއީގެ ފުލުހުން
އިންޑިއާގެ މުމްބާއީގެ ޕަވާއީ ސަރަހައްދުގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހަ ފިރިހެނަކު މުމްބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.

މުމްބާއީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އަނިޔާލިބުނު ކުއްޖާ އާއި އޭނާގެ އާއިލާއިން ޕަވާއީ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅި 24 ގަޑިއިރުގެ ތެރޭގައި ތުހުމަތުކުރެވޭ އެންމެން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިންގާފައިވަނީ އޮކްޓޯބަރު 27 އާއި 28 އާ ދެމެދުއެވެ. މައިގަނޑު ތުހުމަތުކުރެވޭ މީހާއާއި އޭނާގެ ބައިވެރިން ވަނީ ސާކީ ވިހާރު ރޯޑްގައި ހުންނަ ބޭކަރީއެއްގެ ފަހަތުގައި އޮތް ފާލު ފުޅާ ހުސް ބިމަކަށް އެ ކުއްޖާ ގެންގޮސް ޖިންސީ ގޯނާކޮށްފައެވެ.

މި އަމަލަށްފަހު، އެކަމުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީފިނަމަ ނުވަތަ ފުލުހުންނަށް ރިޕޯޓްކޮށްފިނަމަ، އެ ކުއްޖާގެ ފޮޓޯތައް މީސްމީޑިއާގައި އާންމުކުރާނެ ކަމަށް ބުނެ އެ މީހުން ވަނީ އިންޒާރުދީފައެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި އެހެން ހާދިސާއެއްގައި، އެހެން ފިރިހެނަކު ވަނީ ޕަވާއީގެ ހޮޅިލައިން ސަރަހައްދުން އެ ކުއްޖާ ހުއްޓުވައި، ޖިންސީ ގޯނާއާއި ގޮނާކުރުން ހިންގާފައެވެ.

އެ ކުއްޖާ އާއިލާއަށް މި ވާހަކަތައް ކިޔައިދިނުމުން، އޮކްޓޯބަރު 29 ގެ ހެނދުނު އާއިލާގެ އެހީތެރިކަމާއެކު ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ "ބާރަތިޔާ ންޔާޔާ ސަންހިތާ" ގެ ސެކްޝަން 64 (1) އާއި 74 ގެ ދަށުންނާއި، ކުޑަކުދިން ޖިންސީ ނާޖާއިޒު ފައިދާއިން ރައްކާތެރިކުރުމުގެ ގާނޫނު ގެ ސެކްޝަން 4، 8 އަދި 12 ގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ހައްޔަރުކުރެވުނު 6 މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތް ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެއެވެ. އަނިޔާލިބުނު ކުއްޖާ މިހާރު ވަނީ މެޑިކަލް ޓެސްޓްތައް ހެދުމަށް މުމްބާއީގެ ކޭ.އީ.އެމް ހޮސްޕިޓަލަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް