ޞާދިރު ޢަލީދީދީ   8 ނޮވެމްބަރު 2020 - 13:30
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 27

................

[ހަމަ ތެދެއްތަ؟ ނަޝްވާ އަހަންނަށް ލޯބި ދޭނަންތަ؟] ފުރުޤާނަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ.

[އާނ...މިރޭ އިރިފުސްމެ ވަގުތު މިގެޔާ ދިމާ ލިންކް ރޯޑަށް އާދޭ.] ނަޝްވާ ދަޢުވަތު ދިނެވެ. ލިބުނު އުފަލާއެކު ފުރުޤާން ފޯނު ބާއްވާލިއެވެ. ނަޝްވާ ވިސްނީ، އޭނާއާއި ރީޙާންގެ ލޯތްބަށް ހުރަސްއެޅިދާނޭފަދަ ބާރުތައް ނައްތާލައި، އެކަށް އޭނާގެ ދިރިއުޅުން އަމާން ކުރާށެވެ. އޭނާ ފުރުޤާނަށް ލޯބިދޭން ނިންމީ އެހެންވެގެނެވެ.

އެ ފޯންކޯލަށްފަހު ފުރުޤާނަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާ ތެޅިފޮޅެނީއެވެ. ހީވާކަހަލައެވެ. އޭނާ އުޅެނީ ކޮށްފައި ނުކުރާނޭ ކަމެއް ނޭނގިގެންނެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ އިރާކޮޅުގެ ވަގުތަށެވެ.

އިރާކޮޅުގެ ވަގުތު ފެށުނުއިރު ފުރުޤާން ނަޝްވާ ބުނި ސަރަޙައްދަށް ގޮސް ހުއްޓެވެ. ނަޝްވާ އޭނާގެ ކާރުގައި އައިސް އެތަނަށް މަޑުކުރީ ފުރުޤާން އިންތިޒާރު ކުރާތާ އިރުކޮޅެއްގެ ފަހުންނެވެ.

[ފުރުޤާން އަރާ ކާރަށް. ވާހަކަ ދައްކަމުން ހިތަދުއަށްދާނީ.] ކާރު މަޑުކޮށް ބިއްލޫރި ތިރިކޮށްލަމުން ނަޝްވާ ވާހަކަ ދެއްކިއެވެ.

ފުރުޤާން ކާރަށް އެރިއެވެ. ފުރުޤާން ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

[އަހަރެން ވަރަށް އުފާވެއްޖެ. އަޅެ ނަޝްވާ އަހަންނާ އިންނާނަންދޯ؟] ފުރުޤާން ނަޝްވާގެ މޫނަށް ބަލަން އިނދެފައި އެއްސެވެ.

[ފުރުޤާން، ކައިވެންޏަކީ މާފަހުގެ ކަމެއްނު. އެކުގައި ލޯބިން ފުރަތަމަ އުޅޭނީ....ކައިވެނި ކުރެވޭނީ ރީޙާން ވަރިކުރީމާތާ. އަހަރެންވެސް މިހާރު ފުރުޤާންދެކެ ވަރަށް ލޯބިވޭ. އަހަރެން ބޮޑަށް އުޅޭހިތްވަނީ ފުރުޤާނާއެކު، އެކަނިމާއެކަނި ކަނޑުމަތީގައި.] ނަޝްވާ ފުރުޤާންގެ އަތުގައި ހިފިއެވެ.

ލިބުނު އުފަލާއެކު ފުރުޤާން ދެލޯ މަރާލިއެވެ. އޭރު ނަޝްވާ ކާރު ދުއްވަމުން ދިޔައީ ނިކަން ބާރު ސްޕީޑެއްގައެވެ. އެ ބާރު ދުވެލީގައި ގޮސް އޭނާ ކާރު މަޑުކޮށްލީ ހިތަދޫ ލިންކް ރޯޑް ހުސްވާ ހިސާބަށެވެ.

[އެއޮތީނު ކުޑަކުޑަ ޖަލިޔާއެއްް ހިނގާބަލަ އެ ޖަލިޔާ ދުއްވާލަންދަމާ. ފުރުޤާނަށް ކެރޭނެތަ؟ ރީޙާން ގާތު ބުނީމާ އޭނަޔަކަށް ނުކެރުނު. އެއީ ވަރަށް ބޮޑު ފިނޑިއެއް. އަހަރެން ބޭނުންވަނީ ވަރަށް ކެރޭ ހުޝިޔާރު މީހެއް.] ނަޝްވާ ކާރު ޕާކް ކޮށްލުމަށްފަހު ކާރުން ފައިބައިފިއެވެ.

[އަހަންނަށް ކެރޭނެ. އޭގައި ދެފަލިވެސް އެބައޮތް. އަހަރެން ނަޝް ގޮވައިގެން ބޭނުންވަރަކަށް ދުއްވަފާނަން. އަވަހަށް ހިނގާ.] ފުރުޤާން ކާރުން ފޭބުމަށްފަހު، އެހިސާބުގައި އޮތް ކުޑަކުޑަ ޑިންގީގެ ވަލުގައި ހިފައިގެން ދަމާފައި ތިލަ ހިސާބަށް ގެނެސްފިއެވެ. ނަޝްވާ ވަގުތުން އެއަށް އަރައިފިއެވެ. ނަޝްވާ އެރުމާއެކު، ވާ މޮހެލުމަށްފަހު، ފުރުޤާން ފަލިޖަހަން ފަށައިފިއެވެ. އޭނާ މަޑުމަޑުން ފަލިޖަހަން ފެށުމާއެކު، އެ ޑިންގީ ދުވަން ފެށީ އާދަޔާ ޚިލާފު ބާރު ދުވެއްޔެއްގައެވެ. އޭރު ނަޝްވާގެ ދެއަތްވަނީ މޫދަށް ގަންބާލާފައެވެ.

[ކޮންތާކަށް ދާންވީ؟] ފަލިޖެހުން ހުއްޓާލުމަށްފަހު، ފުރުޤާން ނަޝްވާއާ ހަތަރުކަޅިހަމަކޮށްލިއެވެ.

[ވަކި މިޞްރާބެއް ނެތް. ބޭނުންވަނީ އެހެން މީހުންނާ އެކަހެރި މަންޒިލެއް. އަހަރެންގެ އަތަށް ފަލިޖަހަން ދީފައި، ފުރުޤާން ދެލޯ މަރާލަބަލަ.] ނަޝްވާ މިހެން ބުނީމާ، ފުރުޤާން ދެ ފަލި ނަޝްވާގެ އަތަށްދިނެވެ. އެއަށްފަހު އޭނާ ދެލޯ މަރާލިއެވެ.

[ދެލޯ ހުޅުވަންވާނީ އަހަރެން ބުނީމާ.] އޭރު ނަޝްވާ ފަލިޖަހަމުން ދަނީއެވެ.

[އަދިވެސް ލޯހުޅުވާކަށް ނުވޭތަ؟] ދެލޯ މަރައިގެން އިނދެ ފުރުޤާން ވާހަކަ ދެއްކިއެވެ.

[ދެން ހުޅުވާ....] ނަޝްވާގެ އަޑު އިވުމާއެކު، ފުރުޤާން ލޯ ހުޅުވިއެވެ. އެޔާއެކު އޭނާއަށް ލިބުނީ ބިރުވެރިކަމާއި ޙައިރާން ކަމެކެވެ. ނަޝްވާއެއް ފެންނާކަށް ނެތެވެ. ވަށައިގެން ވަނީ މާސިންގާ ކަނޑެވެ.

[ނަޝްވާ....ނަޝްވާ....އަހަރެން ސަލާމަތްކުރޭ. އަހަރެން ސަލާމަތްކުރޭ.] ފުރުޤާން ސަލާމަތަށް އެދި ބާރުބާރަށް ގޮވަން ފެށިއެވެ. އޭރުވެސް އެ ޑިންގީ އޮޔާއެކު ބާރަށް ދުވަމުން ދިޔައެވެ. އެ ޑިންގީގެ ވަށައިގެން އެއްވެސް ރަށެއްވެސް ފެންނާކަށް ނެތެވެ.

[ނަޝްވާ....ނަޝްވާ ކޮބާތަ؟ އަހަންނަށް ކަނޑު ފިޔަވައި އެއްވެސް ތަނެއް ނުފެނޭ.] ފުރުޤާނަށް ރޮވެން ފަށައިފިއެވެ.

[އަހަންނަށް ހުރިހާ ތަނެއްވެސް އެބަ ފެނޭ. އަހަންނަށް ހީވަނީ ފުރުޤާނުގެ ލޮލަށް މައްސަލައެއް ދިމާވީހެން. ފުރުޤާނަށް މި ޑިންގީ އެބަ ފެނޭތަ؟] ކުއްލިއަކަށް އެއިވުނީ ނަޝްވާގެ އަޑެވެ. ފުރުޤާނާ ދާދި ގާތުންނެވެ.

[ނޫން...އަހަރެންގެ ލޮލަށް މައްސަލައެއް ދިމާވިނަމަ، ވަށައިގެންވާ ކަނޑާއި މި ޑިންގީ ނުފެންނާނެ. އަހަންނަށް ވަށައިގެންވާ ކަނޑާއި ޑިންގީ އެބަ ފެނޭ. އަޅެ ނަޝްވާ، އަހަރެންގެ އަތުގައި ހިފަހައްޓަބަލަ.] ފުރުޤާން ބިރުގަންނަން ފެށިއެވެ.

އެވަގުތު ކުއްލިއަކަށް ފުރުޤާންގެ ލޯމައްޗަށް އެ ފާޅުވީ ނަޝްވާއެވެ. އޭނާހުރީ ހިނިއައިސްފައެވެ.

ފުރުޤާން ބިރުން ފަހަތަށް ޖެހެން ފަށައިފިއެވެ.

[ކާކުތީ....ތީ ނަޝްވާއެއް ނޫން. އަހަރެން ސަލާމަތްކުރޭ. ސަލާމަތްކުރޭ.] ފުރުޤާން ބާރުބާރަށް ރޮމުން ސަލާމަތަށް އެދި ގޮވަން ފެށިއެވެ.

[އާނ....އަހަންނަކީ ނަޝްވާއެއް ނޫން. ނަޝްވާ ހުރީ އޭނާގެ ލޯބިވާ ފިރިމީހާގެ ގާތުގައި....އަހަންނަކީ އިންސާނެއްވެސް ނޫން...] ފުރުޤާންގެ ކުރިމަތީގައި ނަޝްވާގެ ސފިައިގައި ހުރި އަންހެން މީހާ ނިކަން ބާރަށް ހޭން ފަށައިފިއެވެ.

މިހާރު ނިވިދިއްލޭ ބޮތްކެއް ފަދައިން، އެ އަންހެންމީހާ އެދަނީ އެކި ސިފަ ސިފަޔަށް ބަދަލުވަމުންނެވެ. ނާމާން ބިރުވެރި ސިފަޔަށެވެ. ފުރުޤާން ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[އަހަރެން ސަލާމަތްކުރޭ. އަހަރެންގެ އެއްވެސް ކުށެއްނެތި، އަހަންނާ ކުރިމަތިލުމުގެ ބޭނުމަކީ ކޮބާތަ؟] ފުރުޤާން ބާރުބާރަށް ރޯން ފަށައިފިއެވެ.

[ކަލެޔާ ކުރިމަތިލާންޖެހުނީ، ކަލޭގެ ކުށެއްނެތިއެއް ނޫން. ރީޙާނާއި ނަޝްވާގެ ލޯތްބަށް ހުރަސްއަޅާ އެއްވެސް މީހަކަށް އެ ފުރްޞަތު ނުލިބޭނެ. ކަލެޔަށް ދެން އެނބުރި ރާއްޖެއަކަށްވެސް ނުދެވޭނެ. އަހަރެން ދަނީ....] މިހެން ބުނެފައި، ބިރުވެރި ސިފައިގައި ހުރި އަންހެން މީހާ ގެއްލިއްޖެއެވެ.

ފުރުޤާނުގެ ބޮލަށް އެނބުރުން އަރައިގެން ޑިންގީތެރެއަށް ވެއްޓުނީ އެވަގުތެވެ. އޭރުވެސް ޑިންގީ އޮޔާ ބެހެމުން ދަނީއެވެ. މަންޒިލެއް ނެތިއެވެ.

އެވަގުތު ރީޙާން ނަޝްވާދިޔަ ތަނެއް ނޭނގިގެން، މިހާރު ނަޖްވާއަށްވެސް ދެފަހަރެއްގެ މަތިން ގުޅައިފިއެވެ. ނަޖްވާ ބުނީ ނަޝްވާ ނުދެކޭ ކަމަށެވެ.

[ޝިވާންތައަކަށް ނޭނގޭތަ، މެޑަމްދިޔަ ތަނެއް.] އެގޭގައި ގެންގުޅޭ ސިލޯނު މީހާ ގާތު ރީޙާން އެއްސެވެ.

[މެޑަމް ކާރުގައި ދަނީ.] ޝިވާންތަޔަށް މިހެން ބުނެވުނު ވަގުތަކީ، ނަޝްވާ އައިސް ގެޔަށް ވަން ވަގުތެވެ.

[އަހަރެން ނުފެނިގެންތަ ތި ހޯދަނީ....އަހަރެންގެ ޕޭޝަންޓަކު މާބޮޑަށް ޙާލު ދެރަވެގެން ހޮސްޕިޓަލުން ގުޅީމާ، ހޮސްޕިޓަލަށް ގޮސްލާފައި މިއައީ. ވަރަކަށް ހޯދައިފިންދޯ؟] ނަޝްވާ ބުންޏެވެ.

[އެހެންތަ...ރަނގަޅަށް ތިބުނީ. ބުނެވެސްނުލާ ދިޔައީމަ ހޯދާނެއެއްނު. ތިއައީ ފުލުހުންނަށް އަންގަން އުޅެނިކޮށް.] ރީޙާން ބުންޏެވެ.

[ޝިވާންތަ ކޮބާ ކާންހެދިއްޖެތަ؟] ނަޝްވާ ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

[ލައްބަ މެޑަމް...މަހައްތިޔާ ގާތުވެސް ބުނަނީ.] ޝިވާންތަ ބުންޏެވެ.

[އަހަރެން އެތައްފަހަރަކު ނަޖްވާއަށްވެސް ގުޅައިފިން. ކްލިނިކް ނުހުޅުވައިގެންވެސް ދެތިން މީހަކު އުޅުނު.] ނަޝްވާމެންގެ ފަހަތުން ގޮސް ކާގެޔަށް ވަންނަމުން ރީޙާން ވާހަކަ ދެއްކިއެވެ.

[އަދި ނުވައެއް ނުޖަހައެއްނު. މިރޭ ހުޅުވާނީ ނުވައެއްޖަހާއިރު ކަމަށް އޮންނާނެ ބޯޑުގައި ލިޔެފައި. އަވަސްކުރޭ ގަޑި އެޖެހެނީ.] ނަޝްވާ ރީޙާނަށް ސައި އަޅައިދެމުން ބުންޏެވެ.

[ނަޝްވާދޭ...މިރޭ ލަހުން ހުޅުވާއިރު، ގަޑިއަށް ހުޅުވަންޖެހޭނެ. މިތަނަށް އެބަޖެހޭ، ޢާންމު ބަލިތަކާބެހޭ އެއް ޑޮކްޓަރު ގެންނަން.] ނަޝްވާ ހިނގައިގަތީމާ، ރީޙާން ބުންޏެވެ.

އަދި ނަޝްވާ ކުރަންޖެހޭ އެއްކަމެއް އެބައޮތެވެ. އެކަމަށް ނަޝްވާ ވިސްނަންޖެހެއެވެ. ވުމާއެކު، ކްލިނިކް ބަންދު ކުރުމަށްފަހު، އޭނާ އަވަސްވެގަތީ ބަދިގެޔަށް ދިޔުމަށެވެ. ބަދިގެޔަށް ވަދެ އެންމެ ފުރަތަމަ އޭނާ ކެއީއެވެ. އެއަށްފަހު، އިތުރު ބަތް ތަށްޓެއް ހިފައިގެން ގޮސް އޭނާ އެ ހުޅުވާލީ ބޭސް ކޮޓަރިއޭ ކިޔާ ކޮޓަރިއެވެ. އޭރު އެގޭގައި ގެންގުޅޭ މީހާވީ އޭނާގެ ރަށު މީހަކާ ވާހަކަ ދައްކަން ތިރީގައެވެ.

ރީޙާންވީ ކޮޓަރީގައެވެ. ނަޝްވާ ކޮޓަރިޔަށް ވަނީ ބޭސް ކޮޓަރިޔަށް ވެއްދި ތަށި ދޮވެލުމަށްފަހުގައެވެ.

[ނަޝްވާ އައިސްބަލަ.] އެނދުމަތީގައި އޮށޯވެ އޮތް ރީޙާން، ނަޝްވާ ކޮޓަރިޔަށް ވަނީމާ، ނަޝްވާގެ އަތުގައި ހިފެހެއްޓިއެވެ.

[މަޑުކޮށްބަލަ ހެދުން ބަދަލުކޮށްގެން އަންނަންދެން. ރީޙާން ހާދަ ކެތްމަދޭ.] ނަޝްވާ ހިނިތުންވެލަމުން ގޮސް އަލަމާރި ހުޅުވާލުމަށްފަހު، ނައިޓީ ހިފައިގެން ގޮސް ފާޚާނާޔަށް ވަނެވެ. އޭރު ރީޙާން އޮތީ ނަޝްވާގެ ޙަރަކާތްތަކަށް މަސްތީ ނަޒަރަކުން ބަލާށެވެ. އަބަދުވެސް ނިދަން އޮށޯތުމުގެ ކުރިން، ނަޝްވާ ފެންވަރާނެއެވެ. އެއީ އޭނާގެ އާދައެކެވެ. ނަޝްވާ އެކަންޏެއް ނޫނެވެ. ރީޙާން ކުރިން ކައިވެނިކުރި ދެމީހުންނަކީވެސް އެ އާދަ އަށަގެންފައިވާ ދެމީހުންނެވެ.

[ނަޝް އަވަހަށް ނިކުމެގެން އައިސްބަލަ.] ޙަޤީޤަތުގައިވެސް ރީޙާން އޮތީ ކެތްތެރިކަން ކުޑަވެފައެވެ. އޭނާ ކޮންމެވެސް ކަމަކަށް ބޭނުންވަނީއެވެ. ނުވަތަ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވަނީއެވެ.

[މި ނިކުންނަނީ؟] ރީޙާން ގޮވަން ފެށީމާ ނަޝްވާ ފެންވަރައިގެން ނިކުތެވެ. ރީޙާން ތެދުވެ ނަޝްވާގެ އަތުގައި ހިފިއެވެ. އެވަގުތު ނަޝްވާގެ ހަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލި ބިންމައްޗަށް ވެއްޓުނެވެ.

އެފުރްޞަތުގައި ރީޙާން ނަޝްވާ ގެނެސް އޭނާގެ ގާތަށް ލަފާލިއެވެ.

އުފަލާއި ހިތްހަމަޖެހުމުގެ ވަގުތުތަކަކަށްފަހު، ރީޙާން އޭނާ ދައްކަން ބޭނުން ވާހަކަ ނަޝްވާ ގާތު ދެއްކީ ނިދަން އޮށޯތުމަށްފަހުގައެވެ.

[ނަޝްވާ...އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކު ހަފްތާއެއްހާ ދުވަހު މިގޭގައި ހުރެލަން އެބައާދޭ. ބޭސް ކޮޓަރި ހުސްކުރަން އަހަރެން މި ވިސްނަނީ....] ރީޙާން ބުންޏެވެ.

[އޭނ....ކީކޭ؟ ތީ ވަރަށް ދަތިކަމެއް.] ނަޝްވާއަށް ތެޅިގަނެވުނެވެ.

[އެކަމަކު ނަޝްވ....މިގެ ހުއްޓާ، އެހެން ގެއެއްގައި އޭނަ ބަހައްޓާކަށް އަހަންނަކަށް ނުފެނޭ.] ރީޙާން ބުންޏެވެ. ނަޝްވާ ވިސްނާލިއެވެ. އެއަށްފަހު، އޭނާގެ ސިކުނޑިއަށް ވިސްނުމެއް ފައިދާވީކަންނޭނގެއެވެ.

[މައްސަލައެއް ނެތް. ބޭސްތައް ބޭސްފިހާރައަށް ވައްދާލާ. އޭރުން ރަނގަޅުވާނެ. އެތާހުރި ފަތްޖެހި ގޮނޑިއާއި ދިގު ސޯފާ މިކޮޓަރިއަށް ވައްދާލާ. އަހަންނާ ޝިވާންތަ މާދަމާ އެކަން ކޮށްފާނަން. ރީޙާން ޖެހޭނެ، ބޭސްތައް ނެރެން.] ނަޝްވާ ބުންޏެވެ.

ޖެހިގެން އައި ދުވަހު ނަޝްވާ އޭނާގެ މަސައްކަތް ފުރިހަމަ ކުރިއެވެ.

ހަމަގައިމުވެސް ކުރިން ބޭސް ކޮޓަރީގައި ފޮރުވިފައިވާ ސިއްރުތައް މިހާރު އެވަނީ ނަޝްވާމެން ނިދާކޮޓަރީގައެވެ.

[ތިޔަބުނާ މީހަކު އަންނަނީ ކޮންދުވަހަކުތަ؟] ކޮޓަރި ސާފުކޮށް ނިމުމުން ނަޝްވާ އެއްސެވެ.

[އޭނާގެ ބައްޕަ ޑޮކްޓަރަށް ދައްކަން އަންނަ ދަތުރެއް. މިއަތޮޅު ހޮސްޕިޓަލްގައި އެބަހުއްޓެއްނު، ކަށީގެ ޑޮކްޓަރެއް. އޭނާގެ ބައްޕަޔަކީ އެރަށު މާ މިސްކިތު މުދިމު....ޙަކީމްބެގެ ޗުއްޓީ ހަމަނުޖެހިގެން އެއުޅެނީ....] ރީޙާން މިހެން ބުނުމާއެކު، ނަޝްވާއަށް ސިހުން ލިބުނެވެ.

[ކަށީގެ ޑޮކްޓަރުގެ ނަމްބަރު ހޯދުމަކީ ވަރަށް ބުރަކަމެއް. އެއްދުވަސް ކުރިން ކިއުގައި ޖައްސަން ޖެހޭނެ.] ނަޝްވާ ބުންޏެވެ.

[ތިބުނާ މީހާޔަށް ކިހިނެއްތަވަނީ. އޭނާ އަންނަންވާއިރަށް ނަމްބަރު ހޯދަން ޖެހޭނީ. ނަޝްވާ ބުންޏެވެ.

[ފައިގެ ހުޅުގެ މައްސަލައެއް. ހީވަނީ އޮޕަރޭޝަން ކުރަން ޖެހޭނެހެން.] ރީޙާން ބުންޏެވެ.

[ތިޔަހެން ވެއްޖެއްޔާ، އެމީހުން އަންނަ ދުވަހު ޑޮކްޓަރަށް ދެއްކޭގޮތް ހަމަޖައްސާނަން. އޭރުން މާލަސްތަކެއްނުވެ ނިމިދާނެ.] ފިކުރު ބޮޑުވެފައި ހުރެމެ، ނަޝްވާ ގޮސް ކޮޓަރިޔަށް ވަނެވެ. ފަހަތުން ރީޙާންވެސް ވަދެއްޖެއެވެ. ރީޙާން އިށީނީ އެތަނަށް އަލަށް ވެއްދި ދިގު ސޯފާ ގޮނޑީގައެވެ. އެޔާއެކު ނަޝްވާ ދެލޯ ބޮޑުވިއެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ނަމަވެސް، އެ ހާސްކަން ރީޙާނަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ރީޙާން އައިސްބަލަ މިތަނަށް. އަހަރެން ވާހަކައެއް ދައްކާލަން.] ނަޝްވާ އެނދުގައި އޮށޯންނަމުން އެދުނެވެ. ރީޙާން ތެދުވެގެން އައިސް އެނދުގެ މަގަތުގައި އޮށޯވެލިއެވެ.

[ކޮން ވާހަކައެއް ދައްކަންތަ، އަހަރެން ތިގެނައީ. އެއީ ހާދަ އަރާމު ގޮނޑިއެކޭ. އެ ގޮނޑި ދެން ބަހައްޓާނީ މިތާނގައި.] ރީޙާން ބުންޏެވެ.

[އެއްވެސް ވާހަކައެއް ދައްކާކަށް ނޫން. އަހަރެން ގާތުގައި ބާއްވާލަން ވެގެން.] ނަޝްވާ ރީޙާންގެ މޭގެތެރެޔަށް ބޮނޑިވެލިއެވެ.

[ނަޝް ދެނަހުރިންތަ، އިއްޔޭއްސުރެ ފުރުޤާން ނުފެނިގެން އުޅޭ ކަމެއް...އިއްޔެ އިރިފުސްމެ ވަގުތު މިގޭ ކުރިމަތިން ދުށް ކަމަށްވެސް ބައެއް މީހުން އެބަ ބުނޭ.] ރީޙާން ބުންޏެވެ.

[އޭނ ފުރުޤާން ގެއްލުނީޔޭ! ކިހިނެއްބާ ތިވީ....އެހެންވެތާ އޭނަ ފޯނެއްވެސް ނުކުރޭ.] ނަޝްވާ ތެދުވިއެވެ.

[ނަޝް ވަރަށް ދެރަވެއްޖެދޯ؟ އަދި އޮށޯވެބަލަ....] ރީޙާން ނަޝްވާގެ އަތުގައި ހިފައި އޭނާގެ ގައިމައްޗަށް ވައްޓާލިއެވެ.

އޭރު ކަރުނަ އަޅަމުންދާ ލޮލަކުން ދަނީ ނަޝްވާއާއި ރީޙާންގެ ގައިގޯޅިވުންތައް ބަލަމުންނެވެ. އޭނާ ކިތަންމެ ރުޔަސް، ނަޝްވާ ނޫން އެހެން މީހަކަށް އެމަންޒަރެއް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން