މިއަދު ހެނދުނު ބޭއްވި ދިދަނެގުމުގެ ޙަރަކާތުގެ ތެރެއިން-
މިއަދު ހެނދުނު ބޭއްވި ދިދަނެގުމުގެ ޙަރަކާތުގެ ތެރެއިން-
މި ރިޔާސީ ދައުރަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

މޭޖަރ ޖެނެރަލް ހިލްމީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި "ސިފައިންގެ ހެވިކަން" ޙަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޖަރ ޖެނެރަލް ޙިލްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި، ޤައުމުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު އަދި ގިނަގުނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދިފާޢީ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ ޤައުމުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ވަސީލަތްތަކާއި އިންސާނީ ޤާބިލުކަން އިތުރުކުރުމަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

"މިއީ ސިފައިން ތަރައްގީކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ރިޔާސީ ދައުރު ކަމުގައި މިދަންނަވަނީ ޝުކުރުވެރިކަމާއެކު. މިއީ އަޅުގަނޑެކޭ އެއްފަދައިން ކޮންމެ ސިފައިންގެ މީހެއްގެވެސް އިހުސާސް." ޙިލްމީ ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ގެނެވުނު އިންޤިލާބީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޙިލްމީ ވިދާޅުވީ، ޔޫއޭވީ (ޑްރޯން) ތައް ހޯއްދަވައި އެމްއެންޑީއެފްގެ އެއަރކޯ ޚިދުމަތް ތަޢާރަފުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ގަމުގައި އެއަރ ސްޓޭޝަނެއް ޤާއިމުކޮށްފައިވާއިރު، ށ. ފޮނަދޫގައިވެސް އެއަރ ސްޓޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކޯސްޓްގާޑުގެ ފްލީޓް ވަރުގަދަކުރުމަށް ތުރުކީ ވިލާތުގެ ނޭވީ މަނަވަރަކާއި އޮސްޓްރޭލިއާގެ މަނަވަރެއް ހޯއްދަވައިދެއްވާފައިވާ ކަމަށާއި، ސަރުކާރުން ހޯދުމަށް ނިންމާފައިވާ 20 އިންޓަސެޕްޓަރ ބޯޓުގެ ތެރެއިން މިހާރު 5 ބޯޓު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

ކަނޑުމަތީގެ ސަލާމަތާއި ޞިއްޙީ ކުއްލި ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސީ އެމްބިއުލާންސް ފްލީޓަށް 12 އުޅަނދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ސަލާމަތްކުރުމަށް ވިލިމާލޭގައި ޒަމާނީ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރެއް ވަނީ ޤާއިމުކޮށްފައި ކަމަށް ޙިލްމީ ވިދާޅުވިއެވެ. އަދި ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތް ފުޅާކުރުމަށް އދ. މާމިގިލީގައި ފަޔަރ ސްޓޭޝަނެއް ޤާއިމުކޮށް، ކ. މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފަށާފައިވާއިރު، ރައީސްގެ ތަސައްވުރަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޚިދުމަތް ޤާއިމުކުރުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

އަސްކަރީ ތަމްރީނުތަކާއި އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމުގެ ގޮތުން ޅ. މާފިލާފުށީގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރާއި، ބ. ކިހާދޫގެ ލޮޖިސްޓިކްސް ސްކޫލް އަދި ސ. ގަމާއި ލ. ކައްދޫގެ ތަމްރީނު މަރުކަޒުތައް އިތުރަށް ތަރައްޤީ ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސިފައިން ތަމްރީނުކުރާ ކ. ގިރިފުށީގެ ބިން ހިއްކައި، އެ ރަށުގެ ބިމުގެ ސައިޒު ތިންގުނަ ބޮޑުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސިފައިންގެ އިންސާނީ ވަސީލަތާއި ވެލްފެއަރއަށް އަލިއަޅުއްވާލައްވަމުން ޙިލްމީ ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 806 ޒުވާނުންނަށް އަސްކަރިއްޔާއިން ވަޒީފާގެ ފުރުޞަތު ދީފައިވާ ކަމަށެވެ. އަދި ސިފައިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކުރެވިފައިވާ ކަމަށާއި، ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް