ޞާދިރު ޢަލީދީދީ   9 ނޮވެމްބަރު 2020 - 15:17
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 28

................

[ނަޝް ވަރަށް ދެރަ ވެއްޖެ ދޯ؟ އަދި އޮށޯވެބަލަ....] ރީޙާން ނަޝްވާގެ އަތުގައި ހިފައި އޭނާގެ ގައިމައްޗަށް ވައްޓާލިއެވެ.

އޭރު ކަރުނަ އަޅަމުންދާ ލޮލަކުން ދަނީ ނަޝްވާއާއި ރީޙާންގެ ގައިގޯޅިވުންތައް ބަލަމުންނެވެ. އޭނާ ކިތަންމެ ރުޔަސް، ނަޝްވާ ނޫން އެހެން މީހަކަށް އެމަންޒަރެއް ނުފެނެއެވެ.

އޭރު ކަރުނަ އަޅަމުންދާ ލޮލަކުން ދަނީ ނަޝްވާއާއި ރީޙާންގެ ގައިގޯޅިވުންތައް ބަލަމުންނެވެ. އޭނާ ކިތަންމެ ރުޔަސް، ނަޝްވާ ނޫން އެހެން މީހަކަށް އެމަންޒަރެއް ނުފެނެއެވެ.

[ރީޙާން...މީ ދެން ކޮންގަޑިއެއްތަ؟ އިހަށް ހިނގާބަލަ ބޭރަށް.] ނަޝްވާ އުޅުނީ ރީޙާންގެ އަތުތެރެއިން ވީއްލިގަންނާށެވެ.

[ދެމަފިރިންގެ ގުޅުމަކަށް ދެމަފިރިއަކަށް މަނާ ވަގުތެއް ނޯންނާނެ. މިތާނގައި އެހެން މީހަކު ހުރީކީ ނޫން. މިތިބީ ދެމީހުން އެކަނި.] ރީޙާން މަސްތީ އަސަރާއެކު ނަޝްވާގެ އަތުގައި އަނެއްކާވެސް ހިފަހައްޓާލިއެވެ.

[އަދި ތިހުރީ މެންދުރު ނުވެސް ކައެއްނު. އިހަށް ހިނގާބަލަ ކާން....] ނަޝްވާ ބޭނުންވަނީ އިހަށް ކޮޓަރިން ނިކުންނާށެވެ. ނަމަވެސް، ރީޙާން އެގޮތެއް ބޭނުމެއް ނޫނެވެ. ރީޙާން ވަނީ މާބޮޑަށްވެސް މަސްތީ އަސަރުގައި ޖެހިފައެވެ. ވުމާއެކު، އޭނާ ތެދުވެގެން ގޮސް ކޮޓަރި ދޮރު ތަންޑު އެޅުވިއެވެ. އެހާ ހިސާބުން ނަޝްވާއަށްވެސް މަޖުބޫރުވީ ރީޙާން އެދޭގޮތަށް ބޯލަނބާށެވެ. އެވަގުތު ހިނގާދިޔަ ހުރިހާ ކަމެއް ކަރުނަޔާއެކު އެހެން ލޮލަކުން ބަލަމުން ދިޔައީ ވޭނާ އެކީގައެވެ.

އެދުވަހާއި އެރޭވެސް ފުރުޤާން ގެއްލިގެން ހޯދިއެވެ. ނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ފުރުޤާން ގެއްލުމާއެކު، ރަށުތެރޭގައި ވާހަކަ ދެކެވެން ފެށީ ފުރުޤާން ނަޝްވާގެ ލޯތްބަށްޓަކައި އަމިއްލައަށް މަރުވީ ކަމަށެވެ. ވުމާއެކު، އަތޮޅުގެ ގުޅިފައިވާ ރަށްރަށުގެ ފަޅަށް އޮންނަ ސަރަޙައްދާއި، އެތަން މިތަން ހޯދިއިރުވެސް ފުރުޤާންގެ ޚަބަރެއް ނުވިއެވެ.

މިހާރު އޭނާ ހޯދުމުގެ މަސައްކަތުގައި އައްޑުއަތޮޅުގައި ޙަރަކާތްތެރިވާ ފުލުހުންނާއި ސިފައިންގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންވެސް ދަނީ ބައިވެރިވަމުންނެވެ. ފުލުހުން ދަނީ ފުރުޤާން ގެއްލުނު ދުވަހު، އޭނާ ފެނުނު ކަމަށް ބުނާ މީސްމީހުންގެ މަޢުލޫމާތުވެސް އެއްކުރަމުންނެވެ.

[އަހަރެން ދުށިން، ފޮޓޯގައި ތިވާ މީހާ ހިތަދޫތެރެއިން ލިންކް ރޯޑް ހުރަސްވާ ދިމާގައި އޮތް ޑިންގީއަކަށް އަރަނިކޮށް. އޭނާ އެކަނިމާއެކަނި އެއަށް އެރީވެސް.] ފުލުހުންނަށް މަޢުލޫމާތު ދިން މީހަކު ކިޔާދިނެވެ. އެހާ ހިސާބުން ދެން ބެލީ ޑިންގީއެއް ގެއްލިފައިވޭތޯއެވެ. ތެދެކެވެ. އެރޭ ޑިންގީއެއްވަނީ ގެއްލިފައެވެ. ވުމާއެކު، ދެން ފެނުނީ ކަނޑާ ކައިރީގައިވާ ފަޅުރަށްތައް ބެލުމުގެ މަސައްކަތެވެ.

ނަމަވެސް، ދެދުވަސް ވަންދެން ހޯދުނުއިރުވެސް، ފުރުޤާނުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތެއް ހުއްޓައެއްނުލައެވެ. މިހާރު ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ މަސްވެރިންނަށްވެސް ވަނީ މިކަން އެންގިފައެވެ. ވުމާއެކު، ހުރިހާ މަސްވެރިން، މި ޑިންގީ ހޯދުމުގައި އެހީތެރިވަމުންދިޔައެވެ.

[އަދިވެސް ފުރުޤާންގެ ޚަބަރެއްނުވޭތަ؟] ރީޙާން އައިސް ގެޔަށް ވަނީމާ ނަޝްވާ އެއްސެވެ.

[މިހާރު ކަނޑުމަތި ހޯދަމުން ދަނީ...އޭނާ ޑިންގީއަކަށް އެރިތަން ދުށް މީހަކު ފުލުހުންނަށް މަޢުލޫމާތު ދިނުމުން ހޯދަމުން އެދަނީ.] ރީޙާން ބުންޏެވެ.

[އެހެންތަ؟ އޭނަ ޑިންގީއަކަށް އެރީ ކީއްކުރަންބާ. އެއްޗެއް ނުކައި ނުބޮއި، ކަނޑުމަތީގައި ދެދުވަސްވާއިރު، އޭނާ ދުނިޔޭގައި ހުންނާނެހެނެއް ހިއެއްނުވޭ.] ނަޝްވާ ބުންޏެވެ.

[ތިހެން ނުބުނޭ. ތަންކޮޅެއް ކުރިން އައްޑުއަތޮޅުން ބެހިގެންދިޔަ ބަޔަކު ބާވީސް ދުވަސް ވަންދެން ކަނޑުމަތީގައި ތިބި. އެދޯންޏަށް ދެވުނީ އިންޑޮނޭޝިޔާގެ ފަޤީރު އަވަށްގަނޑެއް ކަމުގައިވާ ބަންޑާއްޗޭ އަށް. އެމީހުންވެސް ސަލާމަތުން ތިބީ.] ރީޙާން ދުރު ހަނދާނެއް އާކޮށްލިއެވެ.

ތެދެކެވެ. އެއީ މީގެ އަށެއްކަ އަހަރު ކުރިއެވެ. ފޯއްމުލަކުން އައްޑުއަތޮޅު މަރަދުއަށް ތިން މީހުނާއެކު ދަތުރުކުރި މަސްދޯނި އޮޔާ ބެހުނީ ކަނޑުގަދަވެ ވިއްސާރަ ވުމުގެ ސަބަބުން މަގުއޮޅިގެންނެވެ. އެމީހުން ފެނުނީ، އިންޑޮނޭޝިޔާއިންނެވެ. މިހާރުވެސް އެއިން ދަތުރުކުރި ހުރިހާ މީހުންވެސް ރަނގަޅު ޞިއްޙަތުގައި މަސައްކަތުގައި މަޝްޣޫލުވެގެން އެބައުޅެއެވެ.

[ތިޔަބުނީ ފުރްޤާންވެސް އެ ޑިންގީގަނޑުގައި އިންޑޮނޭޝިޔާ ނުވަތަ ސީޝެލްސްއަށް ދާނީއޭތަ؟] ނަޝްވާ ހީގަތެވެ.

[ތިކަމުގައިވެސް އޮތީ މާތްރަސްކަލާނގެ މިންވަރު ކުރެއްވުން. ތިޔައީ ނުވާނެ ކަމެކޭ، އަހަންނެއް ނުބުނާނަން.] ރީޙާން ބުންޏެވެ.

ނަޝްވާއަށް ހީވަނީ ފުރުޤާނާބެހޭ ހުރިހާ ޙަޤީޤަތެއް ނުވަތަ މިހާރު އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަންވެސް އެނގެނީހެންނެވެ.

[އަނެއްކާ ފުރުޤާނަށް ވީގޮތް ނަޝްއަށް އެނގެނީތަ؟] ރީޙާނަށް ޝައްކުވިއެވެ.

[ދައްކާ ވާހަކަ...އަހަންނަށް ކިހިނެއްތަ އެނގެނީ. އޭނާގެ އުނދަގޫވެސް އެހާ ބޮޑުވިއްޔަ. އަހަންނަށް ރަނގަޅީ އުނދަގޫކުރަން އެނބުރި ނާދެވުނިއްޔާ.] ނަޝްވާ މިހެން ބުނީމާ ރީޙާން ދެލޯ ބޮޑުވިއެވެ.

[ނަޝްވާ ތި ނަޒަރުން ވިސްނާކަށް ނުވާނެ. އިންސާނިއްޔަތުކަން އަހަރެމެންގެ ކިބައިގައި ހުންނަންޖެހޭނެ. ތިގޮތަށް ވިސްނަން ހެޔޮވެސް ނުވާނެ. ޢަމުދުން ނަޝްވާފަދަ ޑޮކްޓަރަކު.] ރީޙާން ހިތްހަމަނުޖެހުނެވެ.

[އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެއް. އަހަރެންވެސް ދެރަވޭ، އޭނަ ގެއްލުނީމާ. އަހަރެން ދެރަނުވާނަމަ، ކީއްކުރަންތަ އެ ޚަބަރު އޮޅުންފިލުވަންވީ.] ނަޝްވާ ރީޙާންގެ މޭގައި ބޯއަޅާލިއެވެ.

ފުރުޤާން ބެހުނު ޑިންގީ އޮޔާދަނިކޮށް ހުވަދުއަތޮޅުން މަހަށް ނިކުމެ އުޅުނު މަސްދޯންޏަކަށް ފެނުނީ ޖެހިގެން އައި ދުވަހުއެވެ. ދުރުން މާދުރުން ޑިންގީ ފެނުމާއެކު، ގއ.ވިލިނގިލީ [ބާރުދުވެލި] ނަމަކަށް ކިޔާ މަސްދޯނި އެދިމާޔަށް މިޞްރާބުޖެހީ މީހަކާއެކު ޑިންގީއެއް ބެހިއްޖެ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވުމާ އެކުގައެވެ.

[އެ ފެންނަނީ އެ ޑިންގީކަންނޭނގެ. ކާސިމާ ކުޑަކޮށް ދުވެލި ބާރުކޮށްލަބަލަ.] ފަޅުވެރިޔަކު ދޯނީގެ ކެޕްޓަނަށް ގޮވާލާފައި ބުންޏެވެ. ކާސިމް ދުވެލި ބާރުކޮށްލިއެވެ.

އެއީ އިރުއޮއްސެމުންދިޔަ ވަގުތުކަމުން، ދުރުން ޑިންގީތެރެޔަކުން މީހަކު ފެންނަވަރެއް ނުވެއެވެ.

[އެއަކުން އެއްވެސް މީހަކު ނުފެނޭ.] ކުނބުކުރިޔަށް އަރައި ބަލައިލަމުން ފަޅުވެރިޔަކު ބުންޏެވެ.

[ވަރުބަލިވެގެން ޖައްސާލާފައި އޮތީ ކަމަށް ވެދާނެ. މިހާރު އެމީހަކު ގެއްލުނުތާ ތިންދުވަސްވީޔޭ.] ކާސިމް ބުންޏެވެ.

ވިއްސަކަށް މިނެޓްގެ ދުއްވުމަކަށްފަހު، އެމީހުންނަށް ޑިންގީއާ އަރާ ހަމަކުރެވުނުއިރު، ދުނިޔެމަތިވަނީ މުޅިން އަނދިރިވެފައެވެ. އެއީ މީހަކު ނެތް ހުސް ޑިންގީގަނޑެކެވެ. ނަމަވެސް، އޭގައި ފިރިހެން ފައިވާނަކާއި ގަމީހެއްގެ އިތުރުން، ފަޓްލޫނެއް އޮތެވެ. ދޯނީގެ ނެވި ކާސިމް، އެއަތޮޅު އަތޮޅުއޮފީހަށް ވަގުތުން ގުޅާފައި އެވާހަކަ ބުނެފިއެވެ.

އެހާ ހިސާބުން އަތޮޅު އޮފީހުން ދިން މަޢުލޫމާތަށް ކޯސްޓްގާޑުން އެދިމާއަށް ދަތުރު ފެށިއެވެ. އެވަގުތު ކޮންމެވެސް ކަމެއްގައި ހުވަދުއަތޮޅުގައި އޮތް ކޯސްޓް ގާޑްގެ ލޯންޗަށް އެހިސާބަށް އާދެވުނީ އަށެއްޖަހާކަންހާއިރުއެވެ.

ބެލެވޭ ގޮތުގައި، ބޭނުމަކީ އެ ސަރަޙައްދުގައި ފުރުޤާން އޮތްތޯ ހޯދުމެވެ. ނަމަވެސް، ފުރުޤާން ހޯދުމަށް ކުރި މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. ފެނުނީ ޑިންގީއާއި އޭނާ ލައިގެން ހުރި އަންނައުނެވެ. ނަމަވެސް، އެ އަންނައުނަކީ ސީދާ ފުރުޤާންގެ އަންނައުނުކަން އޭނާގެ ޢާއިލާއިން ކަށަވަރުކޮށްދިނެވެ.

[އަހަރެން ބުނީމެއްނު، މިހާރު އޭނާ ދުނިޔެއަކު ނުހުންނާނެއޭ.] ޓީ.ވީ ޚަބަރު ބަލަން އިނދެފައި ނަޝްވާ ރީޙާނާ ވާހަކަ ދެއްކިއެވެ.

ހަމަގައިމުވެސް މިހާރު ކަންތައްތައް ވެފައިވާ ގޮތުން، ފުރުޤާން ސަލާމަތްވެގެން އައިސްފިނަމަ، ނަޝްވާއަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެއެވެ. ފަހަރެއްގައިވެސް އެނބުރި ފުރުޤާން އައްޑުއަތޮޅަށް އައުމަކީ އޭނާއަށް ރުހެވޭނޭ ކަމެއް ނޫނެވެ.

ނަމަވެސް، ތަޤްދީރު ރޭވެމުންދާ ގޮތަކީ، އެއްވެސް އިންސާނަކަށް ކުރިން އެނގޭނޭ ކަމެއް ނޫނެވެ. ފުރުޤާން ސަލާމަތްވުމަށް، ބަޔަކު ހިތަށްވެސް ނާރާފަދަ ކަމެއް މެދުވެރިވެދާނެއެވެ.

ވީވެސް އެހެންނެވެ. އޭނާ ސަލާމަތްކުރީ ނުވެސް ދަންނަ މީހެކެވެ. ދުރުން ފެނުނު ފަޅުރަށަކާ ދިމާއަށް ފަތައިގަތުމަށްޓަކައި އޭނާ މާކަނޑަށް ފުންމާލި ވަގުތު، އެ އެހީތެރިކަން އޭނާއަށް ލިބުނީ ކަނޑު އަޑިންނެވެ. އެއީވެސް ތަޤްދީރުގެ ރޭއްވެވުމެކެވެ. ތަޤްދީރުގެ ނިންމެވުމެކެވެ. ފަހަރެއްގައިވެސް ފުރުޤާން އެ ފަޅު ރަށަށް ދިޔައީކީ ފަތާފައެއް ނޫނެވެ. އޭނާ ދިޔައީ ކޮންމެވެސް އެއްޗެއްގެ ބުރަކަށިމަތީގައި އޮވެގެނެވެ. ނަމަވެސް އޭރު އޭނާ އޮތީ ހޭނެތިފައެވެ. ވުމާއެކު، ފުރުޤާނަށް އެރަށަށް ދެވުނު ގޮތެއް އެއްގޮތަކަށްވެސް އޭނާޔަކަށް ނޭނގެއެވެ.

[އަހަންނަށް މިރަށަށް އާދެވުނީ ކިހިނެއް؟ އަޅެ މީ ކޮންތަނެއް!] ހޭވެރިކަންވުމާއެކު، ވަށައިގެންވާ މަންޒަރުތަކަށް ނަޒަރު ހިންގާލަމުން ފުރުޤާން ވާހަކަ ދައްކަން ފެށިއެވެ. އަމިއްލަ ނަފްސާއެވެ. އޭނާއަށް އޮވެވުނީ ކުޑަވަރެއްގެ ހިތްގައިމު ގެއެއްގައެވެ. ގޭގެ ވަށައިގެން ވަނީ މާމެލާމެލީގެ ބަގީޗާއެވެ. ނަމަވެސް، އެ ސަރަޙައްދުންވެސް އެއްވެސް މީހެއްގެ ހިލަންވެސް ނުވެއެވެ. އެވަގުތަކީ އިރުއޮއްސޭ ވަގުތު ކަމުގައިވިޔަސް، އެ ކުޑަކުޑަ ގޭގެތެރެޔަކަށް އެއްވެސް އަނދިރިކަމެއް ވެރިއެއް ނުވެއެވެ.

ފާރުގެ ވަށައިގެން ފޭދިފައިވާ އައްޔެއްގެ ސަބަބުން މުޅިގޭތެރެޔަށް ވަނީ ހިތްގައިމު އައްޔެއް ފެތުރިފައެވެ.

[މީ ކޮން ތަނެއް....] ފުރުޤާން އުޅުނީ ތެދުވާށެވެ. ނަމަވެސް، މާބޮޑަށް ބަނޑުހައިވެ ވަރުބަލިވެފައި ވުމުގެ ސަބަބުން އޭނާޔަކަށް ނުތެދުވެވުނެވެ.

[އަހަރެން ސަލާމަތްކުރޭ...] ފުރުޤާނަށް ރޮއިގަނެވުނެވެ.

[ނުރޮއި ހުއްޓާލާ...ފުރުޤާން. އަހަރެން ފުރުޤާން ސަލާމަތްކޮށްދޭނަން. މިހާރު ތިޔައިނީ ވަރަށް ބޮޑަށް ބަނޑުހައިވެފައި. އަވަހަށް މިހިރަ އެއްޗެތި ކާލާ....] ކުއްލިއަކަށް އެގެޔަށް އައިސް އެވަނީ ވަރަށް ރީތި ހިތްގައިމު އަންހެން ކުއްޖެކެވެ. އޭނާ އަތުގައި ހުރި ތަބަކެއްގައި ދޮންކޭލާއި ދޮންއަނބާއި އަދި ފޭރާއި ކުރުނބާ ހުއްޓެވެ. ފުރުޤާން ދެލޯ ބޮޑުކޮށްގެން، ޙައިރާންކަމާއެކު، އެ އަންހެން ކުއްޖާއަށް ބަލަން ފެށިއެވެ.

[ޙައިރާންނުވޭ ފުރުޤާން...އަހަރެން ފުރުޤާނަށް އެހީވާނަން. އަވަހަށް މި ކާލާ....] އެ ރީތި އަންހެން ކުއްޖާ، ފުރުޤާންގެ ކުރިމަތީގައި ތަބައް ބަހައްޓައިފިއެވެ. މާބޮޑަށް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން ފުރުޤާނަށް އެ އެއްޗެއްސަށް ބަލާކަށް ނީނދެވުނެވެ. އޭނާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ އެއްޗެހި ކައި ހުސްކޮށްލައިފިއެވެ. އޭނާ ބޭރަށް ނިކުންނަން އުޅުނީ އެއަށްފަހުގައެވެ.

[ފުރުޤާން ކޮންތާކަށް...؟] ފުރުޤާން ހިނގައިގަތީމާ، އެ އަންހެން ކުއްޖާ ފުރުޤާން ހުއްޓުވަން މަސައްކަތް ކުރިއެވެ.

[ގެޔަށްދާން....] ފުރުޤާން ހުއްޓި، އެ އަންހެން ކުއްޖާގެ މޫނަށް ބަލައިލިއެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާ ދެކެފައިނުވާފަދަ ރީތި ސިފަތަކެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.

[ފުރުޤާން އެކަންޏަކު ގެޔަކަށް ނުދެވޭނެ. އިހަށް އަރާމުކުރަން އޮށޯވޭ. އަހަރެން ފުރުޤާން، ފުރުޤާންގެ ރަށަށް ގެންގޮސްދޭނަން.] އެއަންހެން ކުއްޖާ ފުރުޤާންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. ފުރުޤާން މޫދަށް ފުންމާލިއިރު ލައިގެން ހުރި ބޮކްސާ، ކޮޓަރިތެރޭ ހުރި ލަކުޑި ހަރެއްގެ މަތީގައި އޮއްވާ އޭނާއަށް އެވަގުތު ފެނުނެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

[އަހަރެންގެ ހެދުން ބަދަލުކުރީ ކާކު؟] ފުރުޤާނަށް އޭނާ ލައިގެންހުރި ހެދުން ބަަދަލުވެފައިވާ ކަމުގެ އިޙްސާސްވީ އަދި ކިރިޔާއެވެ.

[އަހަރެން...އެކަމާ ކަންބޮޑުނުވޭ.] އެ ރީތި އަންހެން ކުއްޖާ ފުރުޤާން އޮތް އެނދުގެ މަގަތުގައި އިށީނެވެ. ޙަޤީޤަތުގައި މިހާރު ފުރުޤާން އެއޮތީ ވަރަށް ލަދުގެންފައެވެ.

[ތީ ކޮން ނަމެއް ކިޔާ ކުއްޖެއްތަ؟ އަހަންނާ ދިމާވިގޮތް ކިޔާދީފާނަންތަ؟] ފުރުޤާން އެއްސެވެ.

[އަހަންނަށް ކިޔަނީ ޒަހާ....އަހަންނަށް ފުރުޤާން ފެނުނީ އޮޔާދަނިކޮށް. އެވަގުތު އަހަރެން ފުރުޤާން ސަލާމަތްކޮށްގެން، މި ފަޅުރަށަށް ގެނައީ.] ޒަހާ ކިޔާދިނެވެ.

[ވަރަށް ބޮޑަށް ޝުކުރިއްޔާ. ޒަހާ ތިކޮށްދިން ހެޔޮކަމުގެ ބަދަލު އަހަރެން ދޭނީ ކިހިނެއްތަ؟] ފުރުޤާން ފުން ނޭވާއެއްލިއެވެ.

[ފުރުޤާން، މިގަޑީގައި މާގިނަ ވާހަކަ ދައްކަން ނަހަދާ، އަރާމުކޮށްލާ....ފުރުޤާން އަހަރެންދެކެ ބިރުގަނޭތަ؟] ޒަހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[ކިހިނެއްވީ...ތީ އިންސާނެއް ނޫންދޯ؟] ފުރްޤާންގެ ހިތަށް ބިރުވެރިކަން ސަވާރުވީީ އަދި ކިރިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން