ނަގުދު ފައިސާ ބޭނުންނުކޮށް ޓެކްސީ އަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ޚިދުމަތެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފް ކުރެވުނު ޚިދުމަތެއް ކަމަށެވެ. މި ޚިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެއެވެ. މި ޚިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ޚިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ޚިދުމަތްތަކުގެ ތެރެއިންނެވެ.

ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް މިއަދު ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. ޚިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރ ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒަރ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފައެވެ. ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ.



ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއްކަމަށެވެ.

"މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ. ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ޚިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ޚިދުމަތަކަށް ވެގެންދާނެކަމަށް އުއްމީދުކުރަން. އެކުގައި މި ދަތި ދުވަސްތަކާ ކުރިމަތިލުމުގައި ބޭންކުން މުޖަތަމައަށް އެހީތެރިވުމުގައި ދެމިއޮންނާނެ." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުންވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ. މި އެޕް އެޕަލް ސްޓޯރ އިންނާއި ގޫގަލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ. ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކާޑުތަކާ ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވާލަދެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހި ފައިސާ ދެއްކޭނެ މަގުފަހިވެގެން ދިޔުމާއެކު މިއީ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން