މީގެކުރިން ބޭއްވި ޑަބްލިޔުޓީއެމްގެ ފެއަރއެއްގެ ތެރެއިން
މީގެކުރިން ބޭއްވި ޑަބްލިޔުޓީއެމްގެ ފެއަރއެއްގެ ތެރެއިން
ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން، ޑަބްލިޔުޓީއެމް ވާޗުއަލްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބުނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އެއް ފެއާކަމަށްވާ، ޑަބްލިޔުޓީއެމް ފެއަރ ކުރިއަށްދާނީ ކޯވިޑް-19 އާ ގުޅިގެން ވާޗުއަލްކޮށް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ.

އެމްއެމްޕީއާރުސީއާއިއެކު ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ސަން ސިޔާމް ރިސޯޓްސް، ރެޑިސަން ބްލޫ ރިސޯޓްސް މޯލްޑިވްސް އަދި ރޮބިންސަން ކްލަބް މޯލްޑިވްސްއިން މި އަހަރުގެ ވާޗުއަލް ފެއާގައި ބައިވެރިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މިފެއާގައި މިއަހަރު އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ކޯވިޑް-19ގެ ބަލިމަޑުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދިނުމަށެވެ.

މިއަހަރުގެ ފެއަރގައި ލައިވް ކޮންފަރެންސް ސެޝަންތަކާއި ފޯރަމްތައް ބާއްވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ދަތުރުފަތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެކަމަށްވެސް ފެއަރ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީން ހާމަކުރާގޮތުގައި މި ވާޗުއަލް ފެއާގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ވިޔަފާރި ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުގެ އިތުރުން، މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނެ ކަމަށެވެ.

ޑަބްލިޔުޓީއެމް ވާޗުއަލްގައި ބައިވެރިވުމާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވިދާޅުވީ މިއީރާއްޖެ އަކީ މުޅި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ޑަބްލިޔު.ޓީ. އެމް ވާޗުއަލް 2020 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު އިވެންޓް. މި އިވެންޓުގައި ބައިވެރިވެ، އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިންނަށް ޔަގީންކަން އަރުވަން ދިވެހިރާއްޖެ އަކީ އެންމެ ރައްކާތެރި މަންޒިލްކަން. އަދި އަޅުގަނޑުމެން އަމާޒަކީ މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖެ އިޝްތިހާރުކުރުން އިތުރުކޮށް، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން." ޠައްޔިބު ވިދާޅުވި އެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އިޝްތިހާކުރަމުން އައި ގޮތް ބަދަލުކޮށް، އެމްއެމްޕީއާރުސީން ވަނީ އޮންލައިން އަދި ޑިޖިޓަލް ފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ. އެގޮތުން ޑަބްލިޔުޓީއެމް ވާޗުއަލް އަކީ މިފަދަ އެއް އިވެންޓެވެ. ވިޒިޓް މޯލްޑިވްސްއިން އަންނަނީ ރާއްޖެ އިޝްތިހާރުކުރަން ގިނަ އޮންލައިން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން