ހުޅުމާލޭގައި ތަރައްޤީކުރާ މާލޭ ކޯޓް ކޮމްޕްލެކްސްގެ ބިންގާ އެޅުން
ހުޅުމާލޭގައި ތަރައްޤީކުރާ މާލޭ ކޯޓް ކޮމްޕްލެކްސްގެ ބިންގާ އެޅުން
ހުޅުމާލޭގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރުގެ އަރިހުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރަކް އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލޭގައި ތަރައްޤީކުރާ މި ކޯޓު ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުރުމަށް މިދިޔަ ޖުލައި މަހު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢަކީ ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މުހިންމު މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.





މި މަޝްރޫޢުގެ ދަށުން 29،490 އަކަފޫޓުގެ ބިމެއްގައި 14 ފަންގިފިލާގެ ޒަމާނީ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތް ނިމުމުން ކްރިމިނަލް ކޯޓް، ސިވިލް ކޯޓް، ފެމިލީ ކޯޓް، ޑްރަގް ކޯޓް، ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ތަނަވަސް ޖާގަ ލިބިގެންދާނެއެވެ.

މި ބޮޑު މަޝްރޫޢަކީ ޖުމްލަ 699.86 މިލިއަން ރުފިޔާއަށް، 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު