ތުރާކުރު މިސްކިތް ތަރައްގީކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ތުރާކުރު މިސްކިތް ތަރައްގީކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހއ. ތުރާކުނުގައި އެމްޓީސީސީން އިމާރާތްކުރަމުންދާ މިސްކިތުގެ މުންނާރުގެ ޕްލާސްޓަރު ކުރުމާއި، ވަށާފާރުގައި ކުލަލުމުގެ އިތުރުން ފިނިޝިންގ މުހިންމު މަސައްކަތްތަކެއް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، ތުރާކުނު މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ މުންނާރުގެ ޕްލާސްޓަރު މަސައްކަތްތަކާއި، ވަށާފާރުގައި ކުލަލުމުގެ މަސައްކަތެވެ. މީގެ އިތުރުން މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގ ފަދަ ޚިދުމަތްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް (އެމްއީޕީ ފިނިޝިންގ ވޯކްސް) ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު މުޅި މަޝްރޫޢުގެ 96 އިންސައްތަ މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. އެހެންކަމުން މާ ލަސްތަކެއް ނުވެ މިސްކިތުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

ތުރާކުނުގައި އަޅާ 240 އަކަމީޓަރުގެ ޖާގަ ތަނަވަސް މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 4 ސެޕްޓެމްބަރ 2023 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ޖީއެސްޓީ ނުލައި 10,384,214.35 އެވެ.



ކިޔުންތެރިންގެ ހިޔާލު