ޞާދިރު ޢަލީދީދީ   10 ނޮވެމްބަރު 2020 - 14:41
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 29

................

[ފުރުޤާން، މިގަޑީގައި މާގިނަ ވާހަކަ ދައްކަން ނަހަދާ، އަރާމުކޮށްލާ....ފުރުޤާން އަހަރެންދެކެ ބިރުގަނޭތަ؟] ޒަހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[ކިހިނެއްވީ...ތީ އިންސާނެއް ނޫންދޯ؟] ފުރްޤާންގެ ހިތަށް ބިރުވެރިކަން ސަވާރުވީީ އަދި ކިރިޔާއެވެ.

[އާނ...އެކަމަކު ފުރުޤާން ބިރުނުގަންނާތި. އަހަރެންގެ ފަރާތުން ފުރުޤާނަށް އެއްވެސް ގެއްލުމެއް ކުރިމައްޗެއް ނުވާނެ. އަހަންނަކީ އިންސާނެއް ނޫން. އަހަންނަކީ ޕަރީއެއް....] ޒަހާ ލުއި ހިނިތުންވުމަކާއެކު ބުންޏެވެ. ޒަހާ މިހެން ބުނުމާއެކު، ފުރުޤާން ފުންމައިގެން ތެދުވެއްޖެއެވެ.

[އަޅެ....އަހަރެން ސަލާމަތްކުރޭ....އަހަރެން ޑިންގީއަކަށްލާ، މާސިންގާ ކަނޑަކަށް ދޫކޮށްލީވެސް އިންސާނެއް ނޫން. ހެޔޮނުވާނެ، އަހަރެން ސަލާމަތްކުރޭ. އާދޭސްކުރަން. އަހަންނަށް މި އަދަބު މިލިބެނީ ކޮން ކުށެއް ކޮށްގެންތަ؟] ފުރުޤާން ރޮއި އާދޭސްކުރަން ފެށިއެވެ.

[ފުރުޤާން...އަޑުއަހާބަލަ....އަހަންނަށް ހުރިހާ ކަމެއްވެސް އިނގޭ. ނަޝްވާގެ ސިފައިގައި އުޅޭ ރޫޙާނީ އެއްޗަކު ފުރުޤާނަށް ދިން ލަނޑެއްކަންވެސް އެނގޭ. އެކަމަކު އަހަރެން ފުރުޤާނަށް ދެރައެއް ނުދޭނަން. އިހަށް އަރާމުކޮށްލާ. މާދަމާ ފުރުޤާން ބޭނުމިއްޔާ، ފުރުޤާންގެ ރަށަށް ގެންގޮސްދޭނަން. އިހަށް ނިދާލެވޭތޯ ބަލާ.] ފުރުޤާންގެ ދެކޮނޑުގައި ޒަހާ ހިފައި އެނދުގައި އޭނާ ބާއްވާލިއެވެ. އެހާ ހިސާބުން ފުރުޤާން މައިތިރިވިއެވެ.

[ޒަހާ އޮންނާނީ ކޮންތާކު...؟] އެއީ ދުނިޔެމައްޗަށް ވިއްސާރައިގެ އަސަރު ވެރިވެ، ތުނިތުނިކޮށް ވާރޭވެހެން ފެށި ވަގުތުވެސްމެއެވެ. ވައިވެސް އެހާމެ ބާރެވެ.

[އަހަރެން ބިންމަތީގައި އޮންނާނަން.] ޒަހާ ތެދުވިއެވެ.

[ނޫން...އަހަރެން ޒަހާޔަށް އިތުބާރުކުރަން. ޒަހާވެސް މިއެނދުގައި އޮށޯވޭ. މިއީ ވަރަށް ފިނިވެސް ރެޔެއްނު.] ފުރްޤާން މިހެން ބުނީމާ، ޒަހާ (ޕަރީ) ހިނިތުންވެލުމަށްފަހު، އެ އެނދުގެ މަގަތުގައި އޮށޯވެއްޖެއެވެ. އެޔާއެކުހެން ބޯކޮށް ވާރޭވެހެން ފެށިއެވެ. ފިނިބޮޑުވަމުންދިޔަ ފުރުޤާން، ގާތުގައި އޮތް ޒަހާއާ ގާތަށް ޖެހިލިއެވެ. އޭރު ޒަހާޔަށް އޮތީ ނިދިފައެވެ. ނަމަވެސް، ފުރުޤާންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އޭނާ ބިރުގަންނަނީއެވެ. އޭނާ ހާސްވަނީއެވެ.

ކުއްލިއަކަށް ނިދީގައި އޮވެ، ޒަހާ ފުރުޤާންގެ ހަށިގަނޑުގައި އޮޅުލައިގަތީ ކޮޓަރިތެރެޔަށް އެންމެ ފިނިބޮޑުވި ވަގުތެވެ. ފުރްޤާނަށް ދެލޯ މަރާލެވުނެވެ. ބޭއިޚްތިޔާރުގައި މަޑުމަޑުން އޭނާގެ ދެއަތްވެސް ޒަހާގެ ހަށިގަނޑު ވަށާލިއެވެ. އެފުރްޞަތުގައި ޒަހާ ފުރްޤާންގެ މޭގެތެރެޔަށް ބޮނޑިވެލައިފިއެވެ.

ދެން ފެނިގެން ދިޔައީ ފުރްޤާން ކިތަންމެ ކެތްތެރިވާން މަސައްކަތްކުރި ކަމުގައިވިޔަސް، އޭނާގެ ކެތްތެރިކަން ކޮޅުންލީ މަންޒަރެވެ. ހުރިހާ ކަމެއް ހިނގާދިޔައިރުވެސް ޒަހާ އޮތެވެ.

[އައި ލަވް ޔޫ ފުރްޤާން....] ކުއްލިއަކަށް ވައިއަޑުން ޒަހާގެ އަޑު ނިކުތެވެ. އޭރު ފުރްޤާން އެއްވެސް ލަދުވެތި ކަމެއް، ބިރުވެރިކަމެއްނެތި، ހިތްހަމަޖެހުން ލިބިގަންނަނީއެވެ.

ފަހުން ފުރްޤާން ވަރަށް ދެރަވިއެވެ. ފަހަރެއްގައިވެސް ވެދިޔަ ކަންތައްތަކަކީ އޭނާ ކުރަން ވިސްނިވެސް ކަމެއް ނޫނެވެ. ނަމަވެސް، މިހާރު އޭނާޔަށް އެވަނީ ގުޅުން އުފެއްދިފައެވެ.

[އަހަންނަށް މަޢާފްކުރޭ ޒަހާ...އަޅެ މިރޭ އެހިނގި ކަންތަކުގެ ސަބަބުން ޒަހާ އަހަރެން ބަނދެނުލައްޗޭ.] ފުރްޤާން ރޯންފެށިއެވެ. މިހާރު އޭނާ ދެރަވެ އެ ރޮނީ ރޫޙާނީ އެއްޗަކާއެކު ގުޅުން ހިންގުނީމައެވެ.

[އެއީ އެއްވެސް ކަމެއް ނޫން. ކަންބޮޑުނުވޭ. އެއީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫން. އެވީކަންތަކުން އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބިއްޖެ. އަދިވެސް ފުރްޤާން ބޭނުމިއްޔާ....] މިހެން ބުނެފައި، ޒަހާ އޮށޯވެލިއެވެ. ފުރްޤާންވެސް އޮށޯތެވެ.

އެރޭ ފުރްޤާނަކަށް އެއްވެސްވަރަކަށް ނިދޭގޮތެއް ނުވިއެވެ. އެރޭ ހިނގި ކަންތައްތަކާމެދު އޭނާއަށް ވިސްނެނީއެވެ. ހަމަގައިމުވެސް އެ ހަނދާންތަކާ ދުރަށް ދިޔުމަކީ އޭނާޔަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ފުރުޤާނަށް ނިދޭގޮތްވީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ. ވުމާއެކު، އޭނާއަށް ހެނދުނު ހޭލެވުނީ ދިހައެއްޖަހާ ބޮޑުވެފައި ވަނިކޮށެވެ. އޭނާ ތެދުވިއިރު ޒަހާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްގެން ހުއްޓެވެ.

މުޅިންވެސް ހުރީ މޭވާގެ ބާވަތްތަކެވެ.

[ފުރުޤާން އަވަހަށް މޭވާތައް ކާން އާދޭ...ފުރްޤާން ދެރަނުވާތި، އަހަރެން ފުރުޤާން ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދޭނަން.] މޭވާ ތަބައް ގެނެސް، ފުރްޤާންގެ ކުރިމަތީގައި ޒަހާ ބެހެއްޓިއެވެ. މޭވާތައް ކައިގެން ފުރްޤާން ގެއިން ނިކުމެ އަތިރިޔަށް ފޭބިއެވެ. އެވަގުތު ރިޔަލު ދޯންޏެއް އައިސް، އެރަށުގެ ފަޅުތެރެޔަށް ވަންތަން ފުރުޤާނަށް ފެނުނެވެ. ލިބުނު އުފަލާއެކު، އެ ދޯނި ލަފާ ދިމާޔަށް އޭނާ ދުއްވައިގެންފިއެވެ.

[ފުރްޤާން ނުދުވެ މަޑުކުރޭ....] ފުރުޤާން ދުވަން ފެށީމާ ޒަހާ ގޮވިއެވެ. ނަމަވެސް، ފުރްޤާން ފަސްއެނބުރި ބަލައެއްވެސްނުލައެވެ.

އޭނާ ދުވެދުވެ ވަރުބަލިވީއިރުވެސް އެދޯނި އޮތް ސަރަޙައްދަކަށް ނުދެވުނެވެ. އޭނާ ދުވާވަރަކަށް ހީވަނީ ދުރުވާހެންނެވެ. ވުމާއެކު، އިސާހިތު ފުރުޤާން ވަރުބަލިވެގެން ވެއްޓުނެވެ.

އެ ފުރްޞަތުގައި، ޒަހާ ފުރުޤާން ކޮނޑަށްލައިގެން ގޮސް ގެޔަށް ވައްދައިފިއެވެ. އެއީ އެރަށަށް ލެފި ދޯނިން މީހުންތައް ފައިބައިގެން އެއްގަމަށް އަރަމުންދިޔަ ވަގުތެވެ. ނަމަވެސް، އެއިން އެއްވެސް މީހަކަށް ޒަހާ ފުރުޤާން ވެއްދި ގެއެއް ނުފެނެއެވެ. އެއިން މީހަކަށް ފުރުޤާންވެސް ނުފެނެއެވެ. އެރަށަކީ ވަރަށް މަދުން ނޫނީ މީހުން އައިސް އުޅޭ ރަށެއްވެސް ނޫނެވެ. ގިނަފަހަރަށް އެރަށަށް މީހުން ނާންނަނީ، އެރަށަކީ ނާމާން ރަށެއް ކަމަށް، ބައެއް މީހުން ބުނަމުންދާތީއެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ދަރުހޯދަން ބައެއް މީސްމީހުން އެރަށަށް އައިސް އުޅެއެވެ. މިހާރު އެރަށަށް އައިސް އެއުޅޭ މީހުންނަކީވެސް ދަރު ހޯދަން އައިސްއުޅޭ ބައެކެވެ.

މިހާރުވެސް ފުރުޤާން ހޯދުމުގެ މަސައްކަތް، ދިވެހި ސިފައިން ހުއްޓައެއްނުލައެވެ. މިހާރުވެސް ޑިންގީ ފެނުނު ސަރަޙައްދު ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަދެއެވެ. ނަމަވެސް، އެއްވެސް ބަޔަކު އަދި ފުރުޤާން ހޯދުމަށްޓަކައި ޒަހާ (ޕަރީ)ގެ ބެލުމުގެ ދަށުގައި އޭނާ ހުރި ރަށަކަށް ނުދެއެވެ. އެއީ ހުވަދުއަތޮޅު ފަޅުފުށި ކިޔާ ރަށެކެވެ. އެރަށަކީ ޢާންމުކޮށް މީހުން ގޮސް ނޫޅޭ ރަށަކަށްވުމުން، އެއީ ވަރަށް ގަސްބޯ ޖަންގައްޔެއްވެސް އޮންނަ ރަށެކެވެ. ވުމާއެކު، އެރަށުތެރެޔަށް އަދި އެރިޔަސް އެއީ އެރަށުގައި އުޅޭ އެންމެ މީހަކު ދެމީހަކު ހޯދުމަށް އެހާ ފަސޭހަ ކަމެއް ނޫނެވެ.

[ޑިންގީ ފެނިއްޖެ. އޭގައި އޮތޯ ފުރުޤާން ލައިގެން ހުރި ގަމީހާއި ފަޓްލޫނު. އޭނަޔަށްވީ ކިހިނެއްބާ؟] ރީޙާން ވާހަކަ ދެއްކީ އޭނާގެ އަންހެނުން ނަޝްވާއާއެވެ.

[ވެދާނެއެއްނު، އޭނަ ސަލާމަތްވާން ފުންމާލީމާ، ކަނޑުވީ ކަމަށްވެސް. އަހަންނަށް ރަނގަޅީ ދެން އޭނާއަށް އެނބުރި ނާދެވިއްޖެއްޔާ....ޙަޤީޤަތުގައި އޭނާގެ ސަބަބުން އަހަންނަށް ވަރަށް އުނދަގޫވޭ. މިރަށު އަހަރެންގެ ރައްޓެއްސަކު ބުނީ، އޭނަ އަހަރެން ޙާޞިލް ކުރުމަށްޓަކައި ފަންޑިތަ ހަދަން އުޅުނު ވާހަކަ. އޭނާ އުޅުނީ އަހަރެމެންގެ ލޯތްބަށް ހުރަސްއަޅަން. ރީޙާން އެގޮތް ބޭނުންތަ؟] ނަޝްވާ ބުންޏެވެ.

[ޙަޤީޤަތުގައިވެސްތަ؟ އޭނާ ހާދަވަރަކަށޭ ދޯ ނަޝްވާދެކެ އެ ލޯބިވަނީ.] ރީޙާން ދެއަތަކަށް ބޯހޫރާލިއެވެ.

[ރީޙާންވެސް އަހަރެންދެކެ ލޯބިވަމެއްނު. ދެން އޭނާގެ ވާހަކަ ނުދައްކަބަލަ.] ނަޝްވާ ބުންޏެވެ.

[އެންމެ ރަނގަޅު. އަހަރެން މިދަނީ އޮފީހަށް. މާދަމާ އެއްކަލަ ކަށީގެ ޑޮކްޓަރުގެ ނަމްބަރެއް ހޯދަންވާނެ. ފަޔާޒާއި ޙަކީމްބެ މިރޭ އަންނާނެ.] ރީޙާން މިހެން ބުނީމާ، ނަޝްވާ ވަރަށް ބޮޑަށް ސިހުނެވެ.

[އަޞްލުވެސްތަ، މައްސަލައެއް ނެތް. މިރޭ ޑިއުޓީގައި ހުރެގެން ނަމްބަރެއް ހޯދާނަން. އޭރުން މާދަމާ ދައްކާލެވޭނެ.] ނަޝްވާ ބުނެލިއެވެ.

ނަޝްވާ ބޭނުންވަނީ، ޙަކީމްބެމެން އަންނަރޭ ގިނަވަގުތު ބޭރުގައި އުޅޭށެވެ. އެރޭ ޙަކީމްބެއާއި ފަޔާޒް އައިއިރު، ނަޝްވާ ގެޔަކު ނޫޅެއެވެ. ފަޔާޒްމެނަށް ކާންދީ އެހީތެރިކަން ފޯރުކޮށްދިނީ ޝިވާންތައެވެ. ނަޝްވާ ދިޔައީ ޝިވާންތައާ ހުރިހާ ކަމެއް ޙަވާލުކޮށްފައެވެ.

[ރީޙާންގެ ވައިފް ކޮބައިތަ؟] ފަޔާ ކައިނިމި ހަމަޖެހިލަމުން އެއްސެވެ.

[މިރޭ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރީ. ޢަމުދުން މިރޭ ކަށީގެ ޑޮކްޓަރުގެ ނަމްބަރެއް ލިބޭތޯ އޭނާ ހުންނާނީ ޑިއުޓީގައި.] ރީޙާން ބުންޏެވެ.

އެރޭ ނަޝްވާ ގެޔަށް އައީ ޙަކީމްބެމެން ނިދާހާއިރު ކޮށްފައި ވަރަށް ދަންވި ފަހުންނެވެ. ޖެހިގެން އައި ދުވަހު ފަތިހު އަނެއްކާވެސް ހޭލައިގެން އޭނާ ދިޔައީއެވެ. އޭނާ ދިޔައީ ނަމްބަރު ނަގަން ކިއުގައި ޖައްސާށެވެ.

ނަމްބަރު ލިބުމާއެކު، އޭނާ ރީޙާނަށް ގުޅާފައި އެމީހުން ގޮވައިގެން ހޮސްޕިޓަލަށް އައުމަށާއި، ކައުންޓަރުގައި އިން އަންހެން ކުއްޖަކާ ނަމްބަރު ޙަވާލުކޮށްފައިވާނޭ ކަމަށް ބުންޏެވެ.

[މައްސަލައެއް ނެތް. އެމީހުން ގޮވައިގެން އަހަރެން މިދަނީ. ނަޝް ތިއުޅެނީ ގެޔަށްދާންދޯ؟] ރީޙާން ބުންޏެވެ.

[އާނ އަހަރެން ކާރެއްގައި މި ނައްޓާލަނީ. ރީޙާން އަވަހަށް ހޮސްޕިޓަލަށްދޭ.] ނަޝްވާ މިހެން ބުނެފައި، ފޯނު ބާއްވައިފިއެވެ.

ފުރުޤާނަށް ހޭލެވުނުއިރު އޮވެވުނީ އެ ކުޑަކުޑަ ގޭގެ ހިތްގައިމު ކޮޓަރިތެރޭގައެވެ. މިފަހަރުވެސް އޭނާގެ ފޭރާންވަނީ ބަދަލުވެފައެވެ. އޭނާގެ ގާތުގައި ފުރުޓް ތަށްޓެއް ހިފައިގެން ޒަހާ އިނެވެ. ޒަހާ އިނީ ފުރުޤާންގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

[އަނެއްކާވެސް އަހަރެން މިތަނަށް ގެނައީތަ؟ އަހަރެންގެ ހެދުން ބަދަލުކުރީ ކީއްވެ؟] ފުރުޤާން ވަށައިގެން ހޯދަން ފެށިއެވެ.

[ފުރުޤާން އަނބުރައިގަނެގެން ވެއްޓުނީ ޗަސްބިމަށް. އަހަރެން ފުރަތަމަ ފުރްޤާން ގެނެސް ފެންވެރުވީ.] ޕަރީ ހިނިތުންވެލަމުން ބުންޏެވެ.

[އަހަރެން ބޭނުން ރަށަށްދާން. އަހަރެން މިރަށުގައި ހިފަހައްޓައިގެން ތިއުޅެނީ ކީއްކުރަންތަ؟] ފުރުޤާން އުޅުނީ ތެދުވާށެވެ.

[ފުރުޤާން...ކެތްތެރިވެބަލަ. މިރަށުގައި އަހަރެންގެ ކައިރީގައި ހުއްޓަކަސް، ފުރުޤާނަށް އެއްވެސް ނުރައްކަލެއް ނެތް. އަހަރެން ފުރުޤާނަށް ލޯބިދޭނަން.] ފުރުޤާންގެ އަތުގައި ޒަހާ ހިފެހެއްޓިއެވެ.

[ނޫން...އަހަރެން ބޭނުމީ ރަށަށްދާން.] ފުރުޤާނަށް ރޮވޭގޮތްވިއެވެ.

[އިހަށް މަޑުކުރޭ. ދެން މާގިނަ ދުވަސްތަކެއްނުވެ، އަހަރެން ފުރުޤާންގެ ރަށަށް ގެންގޮސްދޭނަން. އެކަމަކު އެއީ ޝަރުޠެއްގެ މަތިން.] ޒަހާ މިހެން ބުނެފައި، މޭވާތަށި ފުރުޤާންގެ އަތަށްދިނެވެ.

[އަވަހަށް ބުނޭ، ކޮބައިތަ ޝަރުޠަކީ؟ އަހަރެން ބޭނުން ސަލާމަތްވެގެން، އަހަރެންގެ މައިންބަފައިންނާއި ލޯބިވާ މީހާގެ ކައިރިޔަށް ދާން.] ފުރުޤާން ބުންޏެވެ.

ޒަހާގެ ފަރާތުން ތަފާތު ކަންތައްތަކެއްގެ ހިތްހަމަޖެހުން ލިބިފައިވީ ކަމުގައިވިޔަސް، އޭނާ ބޭނުންވަނީ ރަށަށް ގޮސް ނަޝްވާއާ ބައްދަލުކޮށް، ނަޝްވާގެ ސިފައިގައި އުޅޭ ހަންޑިއަކު އޭނާއަށް ކެހިދިން ވާހަކަވެސް ކިޔާދޭށެވެ.

[ތިޔަބުނާ ލޯބިވާ މީހަކީ ކާކުތަ؟ އަޅެ އަވަހަށް ބުނެބަލަ.] ޒަހާގެ ހިތް އަވަސްވިއެވެ.

[އެއީ ނަޝްވާ. އަހަންނަށް ކެހިދިނީ ނަޝްވާގެ ސިފައިގައި އުޅޭ ހަންޑިއެއް.] ފުރުޤާން ބުންޏެވެ.

[ފުރުޤާން ތިޔަ ބުނާ ނަޝްވާޔަކާ ފުރުޤާނަކާ ބައްދަލެއްނުވެވޭނެ. އޭނާ މިހާރުހުރީ ތިޔަބުނި ހަންޑީގެ ބާރުގެ ދަށުގައި. މިހާރު ފުރުޤާން ދިޔަޔަކަސް އޭނަޔާ ދިމައެއްނުވާނެ. ކީއްކުރަންތަ ދަނީ. އަހަރެންގެ ގާތު މިތާ ހުންނަންވީނު.] ޒަހާ އާފަލެއް ފަޅާލުމަށްފަހު، ފުރުޤާންގެ އަތަށް ދިނެވެ.

[އަހަރެން ބޭނުންވަނީ، ސަލާމަތްވެގެން ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭން. ތިޔަ ބުނަން އުޅޭ ޝަރުޠުތައް އަވަހަށް ބުނޭ.] ފުރުޤާން އާފަލު ފަޅި ތަށްޓަށްލިއެވެ.

[ޝަރުޠަކީ އަހަންނާ ކައިވެނި ކުރުން...ކޮންމެހެންވެސް މިއަދު އަހަންނަށް މިވަނީ ފުރުޤާނާ ކައިވެނި ކުރަން މަޖުބޫރުވެފައި.] ޒަހާ މިހެން ބުނުމާއެކު، ލިބުނު ސިހުމާއެކު ފުރުޤާން ފުންމައިގެން ތެދުވެއްޖެއެވެ.

[އޭނ...ކީކޭ ކަލެޔާ އިންނާށޭ! ނުވާނެ ތިކަމެއް. ނުވާނެ ތިކަމެއް. ތިޔައީ ރޫޙާނީ އެއްޗެއް. އަހަންނަކީ އިންސާނެއް. ތިޔަ ބުނަނީ ކިހިނެއް ކުރެވޭނޭ ކަމެއް.] ފުރުޤާން ދެއަތަކަށް ބޯހޫރަން ފެށިއެވެ.

[މިއީކީ އެއްވެސް މައްސަލައެއް ނޫން. މިހާރު ރީޙާނާއި ނަޝްވާވެސް އެއުޅެނީ އިނދެގެން ނިކަން އުފަލުގައި. އަހަރެމެންނަށްވެސް އުޅެވެންވާނެއެއްނު. އަވަހަށް ބުނޭ، އަހަންނާ އިންނާނަމޭ.] މިހެން ބުނިއިރު، ޕަރީގެ މޫނުމަތިން ފެންނަމުންދިޔައީ އާދަޔާ ޚިލާފު ކުލަވަރަކާއި އަސަރެކެވެ.

ހިނދުކޮޅެއް ވަންދެން އަސަރުން ފުރިފައިވާ ޕަރީގެ މޫނަށް ބަލަން ފުރުޤާނަށް ހުރެވުނީ އެއްވެސް ޙަރަކާތެއްނެތިއެވެ. ހީވާކަހަލައެވެ. ޕަރީގެ މޫނުމަތިން ފެންނަމުންދިޔަ ޖާދުވީ އަސަރުގައި ފުރުޤާން ޖެހެނީއެވެ. ނުވަތަ ޕަރީގެ ބާރުން އޭނާ ފުރުޤާންގެ ހިތް އަނބުރަނީއެވެ.

[ފުރުޤާން ތިޔަހެން ނުހުރެ ބުނެބަލަ އާއެކޭ....އަހަރެން ފުރުޤާން ގެނބެމުން ދަނިކޮށް ސަލާމަތް ކޮށްގެން ގެނައީ އަހަރެން އިންސާނަކާއެކު ދިރިއުޅެން ބޭނުންވާތީ.] ފުރުޤާން ސިހުނީ ޕަރީގެ އަޑުންނެވެ.

[ތިބުނީ ރީޙާނާ ނަޝްވާވެސް އުޅެނީ ނޫންހޭ...ކީއްވެ އެހެން ބުނީ؟] ފުރުޤާން މިހުރިހާއިރު ވިސްނީ އެކަމާއެވެ.

[އެއީ ނަޝްވާއެއް ނޫން. ޑޮކްޓަރ ނަޝްވާގެ ސިފައިގައި އެއުޅެނީ ހަންޑިއެއް.] ޕަރީ ބުންޏެވެ. ފުރުޤާންގެ ދެލޯ ބޮޑުވިއެވެ.

[އޭނ...ކީކޭ! ތިޔަހެންވީއިރު ކޮބައިތަ ނަޝްވާ!؟] ފުރުޤާން އެއްސެވެ.

[ނަޝްވާވެސް އެގޭގައި އެބައުޅޭ. އެކަމަކު ކޮޓަރިއެއްގެ ތެރޭގައި ހައްޔަރުކޮށް، ހަންޑީގެ ބާރުގެ ދަށުގައި.] ޕަރީ ކިޔައިދިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން