ޞާދިރު ޢަލީދީދީ   11 ނޮވެމްބަރު 2020 - 14:2
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 30

................

[އޭނ...ކީކޭ! ތިޔަހެންވީއިރު ކޮބައިތަ ނަޝްވާ!؟] ފުރުޤާން އެއްސެވެ. [ނަޝްވާވެސް އެގޭގައި އެބައުޅޭ. އެކަމަކު ކޮޓަރިއެއްގެ ތެރޭގައި ހައްޔަރުކޮށް، ހަންޑީގެ ބާރުގެ ދަށުގައި.] ޕަރީ ކިޔައިދިނެވެ.

[ނޫން...އަހަރެން ބޭނުން ނަޝްވާ ސަލާމަތް ކުރަން. އަހަރެން ރަށަށް ފޮނުވައިދީ. އޭރުން ކަލޭގެ ޝަރުޠުތަކަށްވެސް އަހަރެން އެއްބަސްވާނަން.] ފުރުޤާން ބޭނުންވަނީ ނަޝްވާ ސަލާމަތްކުރަން ރަށަށްދާށެވެ.

[އެންމެ ރަނގަޅު...އަހަންނަށް ދޮގު ނަހަދާތި. އަދި ބުނަން، އަހަރެންގެ ވާހަކަ، އެއްވެސް މީހަކަށް ކިޔާނުދޭތި. ކިޔާދީފިއްޔާ މުޅި ޢުމުރަށް ފުރުޤާން ހިތާމަކުރަން ޖެހިދާނެ.]

ފުރުޤާން ރަށަށް ގެންގޮސްދޭން ޕަރީ އެއްބަސްވިއެވެ.

[މައްސަލައެއް ނެތް. އަހަރެން ޒަހާއާ އިންނަންވެސް އެއްބަސް. އަދި ޒަހާ ތިދެއްކި ހުރިހާ ވާހަކަޔަކަށްވެސް އިޙްތިރާމް ކުރާނަން.] ފުރުޤާން މިހެން ބުނީމާ، ލިބުނު އުފަލާއެކު ޒަހާ ފުރުޤާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މަޑުމަޑުން ފުރުޤާންގެ ދެއަތްވެސް ޒަހާ ވަށާލީ އެއްވެސް އިޚްތިޔާރަކާނުލައެވެ. އެވަގުތު ހިނގާދިޔަ ހުރިހާ ކަމެއްވެސް ހިނގާދިޔައީ ފުރްޤާނަށްވެސް އެނގިގެނެވެ. ނަމަވެސް، ޒަހާއާއި ފުރުޤާންގެ ގުޅުމުން އިތުރު ފުރާނައެއް އުފަންވެދާނޭ ކަމަށް ފަހަރެއްގައިވެސް ފުރުޤާނަކަށް ވިސްނިފައެއް ނެތެވެ. ނުވަތަ އޭނާގެ ހަނދާނުގައިވެސް އެކަމެއް ނެތެވެ.

ޖެހިގެން އައި ދުވަހު، އެރަށަށް ދަތުރު އައި ބަޔަކަށް ފުރުޤާން ފެނި، އޭނާ ފެނުނު ޚަބަރު މުޅި ރާއްޖެއަށް ފެތުރިގެންދިޔައެވެ. ކޯސްޓްގާޑްގެ އެހީގައި ފުރަތަމަވެސް އޭނާ ގެންދެވުނީ ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ.

[އަހަރެން ހޮސްޕިޓަލަށް ގެނައީ ކީއްކުރަން. އަހަރެން ބައްޔެއް ނޫނޭ. އަހަރެން ބޭނުންވަނީ ރަށަށް ދާން.] ހޮސްޕިޓަލަށް ވެއްދުމުން ފުރުޤާން ބުންޏެވެ.

[އެކަމަކު މެޑިކަލް ހަދާފައި ނޫނީ ގެޔަކަށް ނުދެވޭނެ. ނުކައި ނުބޮއި ފަޅުރަށެއްގައި އުޅޭތާ ފަސްދުވަސްވާއިރު، ވަރަށް ވަރުދެރަވާނެ.] ފުރުޤާންގެ ބޭބެ ފިކުރީ ފުރުޤާނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

[ނަޝްވާ....ފަޅުރަށެއްގައި އުޅެނިކޮށް ފުރުޤާން ފެނިގެން، މިހާރު މިކޮޅަށް ގެނެސްފި.] އޮފީހުން އައިސް ގެޔަށް ވަންގޮތަށް ރީޙާން ބުންޏެވެ.

[އޭނ....! ކީކޭ....! ފުރުޤާން ފެނިއްޖޭ...ދޮގެއްތީ.] ނަޝްވާ ދިޔައީ ސިއްސައިގެނެވެ. އޭނާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ.

[ނަޝް ހާދަ ހާސްވަނީ. ހަމަ ތެދެކޭ މިބުނީ، އޭނަ ފެނިއްޖެ. މިހާރުވީ ހިތަދޫ ހޮސްޕިޓަލްގައި. އަހަރެން މިއުޅެނީ އޭނާ ދެކެލަން ހޮސްޕިޓަލަށް ދާން...ނަޝް ދާނަންތަ؟] ރީޙާން ހެދުން ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ.

[ނޫނޭ އަހަންނެއް ނުދާނަން. އަނެއްކާ އަނެއް ކަންތަކާ ތިޖެހުނީ. އަހަރެން ހީކޮށްގެން މިހުންނަނީ، އޭނާގެ ކިބައިން ސަލާމަތްވެވުނީ ކަމަށް. އަހަންނެއް ނުދާނަން. ރީޙާން ދިޔަޔަސް ވަރިހަމަ.] ނަޝްވާ ބުންޏެވެ.

[އެންމެ ރަނގަޅު...އަހަރެން މިދަނީ ހައިޝަމާއެކު ހޮސްޕިޓަލަށް ދާން. މިހާރު ހޮސްޕިޓަލް ވަރަށް ބާރު ބޮޑުވެސްވާނެ.] ރީޙާން ނިކުތެވެ. ނަޝްވާ ވިސްނަން ފެށިއެވެ.

ޙަޤީޤަތުގައި އެ ކުރިމަތިވީ އޭނާގެ ޙަޔާތަށް ވަރަށްބޮޑު ހުރަސްތަކެކެވެ.

[އަހަރެން އޭނާގެ ކިބައިންވެސް ސަލާމަތްވާނަން. އޭނާއަށް އެއްވެސް ވާހަކައެއް ދައްކާނޭ ފުރްޞަތެއް ނުދޭނަން.] ނަޝްވާވެސް ރީޙާންގެ ފަހަތުންހެން ނިކުމެއްޖެއެވެ.

މިހާރު ރީޙާންގެ ރަޙްމަތްތެރިއެއް ކަމުގައިވާ ފަޔާޒްވެސް ހުރީ އޭނާގެ ބައްޕަ އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލްގައި ބާއްވައިގެނެވެ. ޙަކީމްބެދެކެވެސް ނަޝްވާ ބިރުގަނެއެވެ. ވުމާއެކު، އަދި އޭނާ ޙަކީމްބެއާ ކުރިމަތިނުލައެވެ.

[އެއްވެސް އައި.ވީ.އެއް ގުޅާނެ ކަމެއް ނެތް. ބޭބޭ....ހިނގާބަލަ މިތަނުން ގެޔަށްދާން. މިތާ އޮތީމާ ހާދަ މީހުންނެއް އެބަ އާދެޔޭ.] ފުރުޤާން އަދިވެސް ޝަކުވާ ކުރަމުން އެދަނީ، ހޮސްޕިޓަލްގައި ނޯންނާށެވެ. އޭނާ ބޭނުންވަނީ ރަށަށް ގޮސް، ރީޙާނާ ބައްދަލުކޮށްފައި ނަޝްވާގެ ސިފައިގައި އުޅެނީ އިންސާނެއް ނޫންކަމާއި، ޙަޤީޤީ ނަޝްވާ ހައްޔަރުގައި އެގޭގައި ހުރި ވާހަކަ ބުނާށެވެ.

[ފުރުޤާން...ތިޔަ އައި.ވީ ހުސްވީމާ ގެޔަށް ދެވިދާނެ. މިހާރު ދެން އައި.ވީ ހުސްވާކަށް މާގިނައިރެއް ނެތެއްނު. ދެން ބުނެބަލަ...ކޮއްކޮ ކީއްކުރަންތަ، އެ ޑިންގީއަށް އަރައިގެންދިޔައީ....ޢަމުދުން ހިތަދޫ ފަޅުތެރޭގައި އޮތް އެއްޗަކަށް ކޮއްކޮ އަރައިގެން ދިޔުމުން ޢަޖައިބުވޭ.] ފިކުރީ އެއްސެވެ. އޭރު އެސުވާލުގެ ޖަވާބަށް ބޭނުންވެގެން އައްޑޫގައި ޙަރަކާތްތެރިވާ ތިން ނޫސް ރިޕޯޓަރަކުވެސް ތިއްބެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ފުރުޤާން ދެލޯމަރާލިއެވެ.

[މިވަގުތު އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ރަށަށްދާން. ރަށަށް ގޮސް ނަޝްވާ ސަލާމަތްކުރަން އަހަރެން ބޭނުންވަނީ.] ފުރުޤާނަށް މިހެން ބުނެވުނު ވަގުތަކީ، އޭނާގެ މަންމަ ޚަދީޖާ އެތަނަށް އައިސް ވަން ވަގުތެވެ.

[މަންމާ...އަހަރެން ބޭނުންވަނީ ގެޔަށްދާން. އަހަރެން ގެއްލިގެން މަންމަމެން ވަރަށް ހޯދައިފިންދޯ؟ ދެން ހިތާމަނުކުރޭ މަންމާ....އަހަރެން މިހުރީ މަންމަމެންގެ ގާތަށް އައިސް. ދެން އެކަހަލަ ލަނޑެއް އަހަންނަށްދޭކަށް އޭނަޔަކަށް ފުރްޞަތެއް ނުދޭނަން. އަހަރެން އޭނާގެ ހުރިހާ ކަމެއް ފަޅާއަރުވާނަން.] ފުރުޤާން ވާހަކަ ދައްކަނީ ވަރަށް ދުރުންނެވެ. ވުމާއެކު، އެތަނުގައި ތިބި ހުރިހާ އެންމެންގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

[ދަރިފުޅާ...ކާކުގެ ވާހަކައެއްތަ ތި ދައްކަނީ...މަންމަމެން ގާތު ބުނެބަލަ. ދަރިފުޅު ތި ޙާލުގައި ޖެއްސީ ކާކުތަ؟] ޚަދީޖާ އެހިއެވެ. ނަމަވެސް، ފުރުޤާން ޖަވާބެއް ނުދިނެވެ. އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.

އެއީ ލޫބާ އައިސް އެތާނގެ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. އޭނާ ބޭނުންވަނީ ފުރުޤާނުގެ ވާހަކަ ހުއްޓުވާލާށެވެ.

[ދަރިފުޅާ ބުނެބަލަ ކާކުތަ އެއީ!] ޚަދީޖާއަށް ރޮވުނެވެ. އެވަގުތު އެވާހަކަ މަންމަމެނަށް ކިޔާދިނުމަށްޓަކައި ފުރުޤާން މަންމައާއި ދިމާޔަށް އެނބުރުނެވެ.

[މަންމާ...އެއީ.....] ދޮރުމަތީގައި ހުރި ލޫބާ ފުރުޤާނަށް ފެނުނީ އެވަގުތެވެ. އެޔާއެކު، އޭނާގެ ދުލުގައި ކަސްތޮޅު އެޅުނު ކަަހަލައެވެ. ލޫބާ ހުރީ ނިކަން ބިރުވެރި ސިފައެއްގައެވެ. އޭނާ ފެންނަނީވެސް ހަމައެކަނި ފުރުޤާނަށެވެ.

[ކިހިނެއްވީ ދަރިފުޅާ....ދެންވެސް ބުނެބަލަ. އަވަހަށް ބުނޭ....] ޚަދީޖާއަށް މިހެން ބުނެވުނު ވަގުތަކީ، ރީޙާނާއި ހައިޝަމް އެތަނަށް އައިސް ވަން ވަގުތެވެ.

[ފުރުޤާން....ކިހިނެއް..؟] ރީޙާނާއި ހައިޝަމް ފުރުޤާނާ ސަލާމްކޮށްލިއެވެ. ނަމަވެސް، ދޮރުމަތިން ފެންނަމުންދިޔަ ބިރުވެރި އިންޒާރުތަކުގެ ސަބަބުން ފުރުޤާން އެއޮތީ އަނގައިންވެސް ބުނަން ނުކެރިފައެވެ.

އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ގެނެސްފައިވާ ޙަކީމްބެއާއި ފަޔާޒް އެތަނަށް އައިސް ވަނީ އެވަގުތެވެ.

ޙަކީމްބެ ވަން ވަގުތު ދޮރުމަތީގައި ހުރި ލޫބާ ގެއްލުނު މަންޒަރު ވަރަށް ރަނގަޅަށް ފުރުޤާން ދުށްޓެވެ. ވުމާއެކު، ފުރުޤާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

[އަޑުއަހާ މަންމާ...އަހަރެން މިޙާލުގައި ޖެއްސީ ނަޝްވާ.] ފުރުޤާންގެ މި ޖަވާބުން ނަޝްވާއަކީ ކާކުކަން އެނގޭ މީހުންގެ ދެލޯ ޙައިރާންކަމާއެކު ބޮޑުވިއެވެ.

[އޭނ.....ނަޝްވާއޭ!.....] ޙައިރާންކަމާއެކު ރީޙާނަށް އަހާލެވުނެވެ.

[ނަޝްވާއެއް ނޫން. ނަޝްވާގެ ސިފައިގައި ރީޙާންގެ އަންބެއްގެ މަޤާމް ފުރަމުންދާ ހަންޑި....ރީޙާން...އަވަހަށް ތި އެތީގެ ކިބައިން ސަލާމަތްވޭ. އޭތީގެ ބާރުގެ ދަށުގައި ތިގޭ ކޮޓަރިއެއްގައި ހައްޔަރުކޮށްފައިވާ ނަޝްވާ ސަލާމަތްކުރޭ.....] ފުރުޤާން މިހެން ބުނީމާ، ރީޙާނަށް ބަލައިލެވުނީ ހައިޝަމްގެ މޫނަށެވެ. އެއަށްފަހު، ނަޝްވާގެ ސިފައިގައި އުޅޭ ހަންޑި، ފުރުޤާން ކާރަށްލައިގެން ގެންގޮސް އޭނާ ޑިންގީއަށްލާ، ބައްސާލިގޮތް ވަރަށް ތަފްޞީލުކޮށް ނޫސްވެރިންގެ ޙާޟިރުގައި ކިޔާދިނެވެ. ވަގުތުން ޙަކީމްބެ ގޮވައިގެން ރީޙާންމެން ދިޔައީ ގެޔަށެވެ.

ޙަކީމްބެ ގޮވައިގެން ގޮސް ރީޙާންމެން ފުރަތަމަ ބެލީ، ކުރިން ބޭސްލާފައި ހުރި ކޮޓަރިއެވެ. ނަމަވެސް، އެތާކުން މީހެއްގެ އެއްވެސް ހިލަމެއް ނުވުމުން، ރީޙާން ޙަކީމްބެއާއެކު ގޮސް، އެމީހުންގެ ޚާއްޞަ ކޮޓަރީގެ ދޮރު ހުޅުވައިފިއެވެ. އެޔާއެކު ޙަކީމްބެ ދެލޯ ބޮޑުވިއެވެ. އެތާހުރި ސޯފާގައި ހަތަރެސްފައި ބަނދެފައިވާ އަންހެނަކު އޮތެވެ. އޭނާ ފެނުނީ އެކަނި ޙަކީމްބެއަށެވެ.

[ރީޙާން...ނަޝްވާ ތިއޮތީ....] ޙަކީމްބެ ކިޔަވަން ފެށިތާ އިރުކޮޅެއްނުވެ ކުއްލިއަކަށް އެންމެންގެ ލޯމައްޗަށް ނަޝްވާ ފެނުނެވެ. ވަގުތުން ނަޝްވާގެ އަތްފައި މޮހާލުމަށްފަހު، ރީޙާން ނަޝްވާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މިހާރު ނަޝްވާ ބާރުބާރަށް ރޮނީއެވެ.

އެއަށްފަހު، ނަޝްވާ ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު، ޤަވާޢިދުން ހަންޑި އޭނާއަށް ކާންދޭ ވާހަކައާއި، އޭނާއަށް އަނިޔާނުކުރާ ވާހަކަވެސް ކިޔާދިނެވެ.

[ޙަކީމްބޭ....އަވަހަށް ތިއެތީގެ ކިބައިން އަހަރެމެން ސަލާމަތްކޮށްދީ....] މިހާރު އެގެޔަށް ރަށުގެ ވެރިންނާއި ފުލުހުންވެސް އައިސް ވަދެއްޖެއެވެ. މީގެއިތުރުން، ބައެއް ނޫސް ރިޕޯޓަރުންވެސް ތިއްބެވެ.

[ތިޔައީ އެއްވެސް ކަމެއް ނޫން. އޭތީގެ ކިބައިން މުޅި ޢުމުރަށް ތިޔަ ދެކުދިން ސަލާމަތް ކޮށްދިނުމުގެ ޤާބިލްކަންވެސް އަހަރެންގެ ކިބައިގައި އެބަހުރި.] ޙަކީމްބެ އޭރުވެސް ކިޔަވަނީއެވެ.

އެރޭ ޙަކީމްބެ ދެތަވީދު ލިޔެފައި ނަޝްވާއާއި ރީޙާންގެ އުނަގަނޑުގައި އެޅުވިއެވެ. އަދި ފުރުޤާންގެ ރައްކަލަށް އޭނާގެ އުނަގަނޑުގައި އެޅުވުމަށްޓަކައިވެސް ޙަކީމްބެ ތަވީދެއް ލިޔުނެވެ.

[އަހަރެން ތަވީދެއް ނާޅާނަން. މަންމާ...އަހަރެން މިހާރަކު އޭތިދެކެ ކުޑަވެސް ބިރެއްނުގަނޭ...އޭއްޗަކަށް ދެން އަހަންނަށް ގޯނާކުރާކަށް ނުކެރޭނެ. މިގެޔަށްވެސް އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް...]

ޖެހިގެން އައި ދުވަހު، ޙަކީމްބެ ލިޔެދިން ތަވީދު އޭނާގެ އުނަގަނޑުގައި އަޅުވަން އުޅުމުން ފުރުޤާން ބުންޏެވެ. ފުރުޤާން ހޮސްޕިޓަލުން ގެޔަށް ދޫކުރީ އެދުވަހުގެ ހެނދުނުއެވެ.

[ދަރިފުޅާ...އެހެން ކަމަކުނުދާނެ. މި އަޅާބަލަ....] ފުރުޤާންގެ އަތަށް ޚަދީޖާ ތަވީދު ދިނެވެ. މަންމަ މާބޮޑަށް އާދޭސްކުރަން ފެއްޓީމާ ފުރުޤާން ތަވީދު އަތުލިއެވެ.

[އެންމެ ރަނގަޅު. އަހަރެން ތަވީދު އަޅާފާނަން. މަންމަމެން ހާދަ ބިރެކޭދޯ ތިގަންނަނީ. ފުރުޤާން ތަވީދު ހިފައިގެން ގޮސް ފާޚާނާޔަށް ވަނެވެ. ނަމަވެސް އޭނާ އުނަގަނޑުގައި އެ ތަވީދެއް ނާޅައެވެ. އޭނާ ފާޚާނާޔަށް ވަދެ އިރުކޮޅެއްފަހުން ތަވީދު ޖީބަށް ލައިގެން ނިކުތީއެވެ.

[މިހާރު މަންމަ ހިތްހަމަޖެހިއްޖެ.] ޚަދީޖާ ބުންޏެވެ.

[މަންމަ ހިތްހަމަޖައްސަން ވެގެންނޭ މި އެޅީ. މަންމާ ޙަޤީޤަތުގައިވެސް ތަވީދެއް ނޭޅިޔަސް، އޭތި އަހަރެންދެކެ ޖެހިލުންވާނެ.] ފަޚުރުވެރި ރާގެއްގައި ފުރުޤާން ބުންޏެވެ.

[ޖެހިލުންވިނަމަ، ދަރިފުޅު ތިގޮތަށް ބެހިގެންދާނެ!؟] ޚަދީޖާ ފުރުޤާންގެ ބޮލުގައި އަތްކާއްތާލިއެވެ.

[މަންމާ...އަހަރެން މިބުނަނީ އޭރުގެ ވާހަކައެއް ނޫން. މިހާރުގެ ވާހަކަ. މިބުނަނީނު، އޭއްޗަކަށް ލާހިކު ކުޅަދާނައެއް ނޫނޭ އަހަންނާ ބެހޭކަށް.] ފުރުޤާން މޭ ފުއްޕާލިއެވެ. ހަވީރު ނޫހާއި މިއަދު ނޫހުގެ ދެ ރިޕޯޓަރުން އެގެޔަށް އައިސް ވަނީ އެވަގުތެވެ.

ކުރީ ދުވަހުވެސް މި ދެރިޕޯޓަރުން ވަނީ ފުރުޤާންގެ އިންޓަރވިޔުއެއް ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ފުރުޤާން އެއްވެސް ނޫހަކަށް މަޢުލޫމާތުދޭކަށް ބޭނުމެއް ނުވިއެވެ.

[އަނެއްކާވެސް ތިއައީދޯ؟ އަހަރެންގެ ފޮޓޯ ނޫހުގައި ޖެހިޔަސް ވަރިހަމަ...އެކަމަކު އަހަރެންގެ ފަރާތުން މަޢުލޫމާތެއްދޭކަށް ބޭނުމެއް ނޫން.] ނޫސްވެރިން ފެނުމުން ފުރުޤާން ބުންޏެވެ.

[ސިއްރުކުރަން ބޭނުންވާ ކަންތައްތައް ސިއްރު ކުރިޔަސް، ތި ޙާދިޘާއާ ބެހޭގޮތުން ކޮންމެވެސް މިންވަރެއް ކިޔާދީ....] އެތަނުން އެއް ރިޕޯޓަރު އެދުނެވެ. ނަމަވެސް، ފުރުޤާން އެކަމަކަށް އެއްބަސްވާކަށް ނޫޅުނެވެ.

[އެޙާދިޘާއާ ބެހޭގޮތުން އެއްޗެކޭ ބުނެވޭނީ ވިސްނާފައި. ހަމަގައިމުވެސް ޑޮކްޓަރ ނަޝްވާއެއް ނޫން އަހަރެން ޙާލުގައި ޖެއްސީ.] ނޫސްވެރިންގެ ކުރިމަތީގައި ފުރުޤާން ބުނީ އެހާވަރަށެވެ.

ޖެހިގެން އައި ދުވަހު ނިކުތް ހަވީރު ނޫހާއި މިއަދު ނޫހުގައި އެޙާދިޘާއާ ބެހޭގޮތުން ލިޔެފައިވާ ޚަބަރުތަކުގެ ސުރުޚީތަކުގައި ވަނީ ފުރުޤާންގެ ވާހަކައިގެ ޢިބާރާތްތަކެވެ.

ފުރުޤާން އެންމެ ލޯބިވާ ކަމަށް ބުނާ ނަޝްވާޔާ ދޭތެރެޔަކު މިހާރު އެއްވެސްވަރަކަށް އޭނާ ވިސްނާހެނެއް ހިއެއްނުވެއެވެ. އޭނާގެ ވިސްނުމުގައި ވަނީ މުޅިން އެހެން ކަމެކެވެ. ފުރުޤާންގެ ހިތް އެދި ގޮވަމުން ދަނީ، އެހެން ކަމަކަށެވެ. ހަނދާނަށް އަންނަނީ، އެ އުފާވެރި ރޭތަކެވެ. އެ ބީހުންތަކާއި ކުރެވުނު ހިތްގައިމު އިޙްސާސްތަކެވެ.

އެއީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އަނެއްކާ ޒަހާ ކޮބައިބާއެވެ. އޭނާގެ ބީހުންތަކުން ފުރުޤާންގެ ހިތް މިލްކު ކުރުމަށްފަހު ފިލީބާއެވެ. މިއީ މިހާރު ހައްތާވެސް ފުރުޤާންގެ ހިތަށްއަރާ ސުވާލުތަކެވެ. ޒަހާއާ ބައްދަލުވޭތޯ މިހާރު އޭނާއަށް ވަރަށް އިންތިޒާރުވެސް ކުރެވިއްޖެއެވެ. މިހާރުވެސް ލިންކް ރޯޑާ ދިމާއަށް ފުރުޤާން ނިކުމެ އެހުރީ، ޒަހާގެ ޚަބަރެއްވޭތޯއެވެ. ޒަހާގެ އެދުމުގެ މަތިން، އޭނާ ޒަހާޔާބެހޭ އެއްވެސް ވާހަކައެއް، އެއްވެސް މީހަކަށް ކިޔައެއްނުދެއެވެ. އެއީ ޒަހާޔަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ އިޙްތިރާމަކާއި ލޯތްބެއްގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން