[ތިޔަ ސުވާލު ކުރަން ލަދެއްނުގަނޭތަ؟] ރޫޙު މިފަހަރު ވާހަކަ ދެއްކީ އެހެން ފަހަރުތަކާ ޚިލާފަށް ބިރުވެރި އަޑެއް ނެރެގެންނެވެ. ވެދާނެއެވެ. ރަޝްފާއަށް ބުނެވެން ނުވާވަރުގެ އެއްޗެކޭ ބުނެވުނީއެވެ.

ރަޝްފާއަށް އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. ހަށިގަނޑުގައި ހުރިނަމަ ހުރިހާ ބާރެއް ފަޔަށް ލުމަށްފަހު، ފާޚާނާއިން ނުކުންނަން ދުއްވައިގަތެވެ. އެވަގުތު ކުޑަކުއްޖަކު ރޮއިގަތް އަޑު ތަށީގެ ތެރެއިން އޭނާއަށް އިވުނެވެ. އާދަވެގެން ކޮންމެ ރެޔަކު މިކަންތައްގަނޑު ހިނގާތީ، ރަޝްފާ މިކަމެއް މައިދައިތައަކަށް ނާންގައެވެ. އޭނާއަށް ހީވަނީއެވެ. މަންމައަށް ބޭޒާރު ވެދާނެއެވެ. ފަޟީޙަތް ވެދާނެއެވެ.

އަނެއް ދުވަހު ހެނދުނު ރަޝްފާއަށް މާއިލްގެ ސިޓީއެއް ލިބުނެވެ. އޭގައި އޮތީ ބޯޓުގައި ހިނގި އަލިފާނުގެ ޙާދިޘާއެއްގައި އަނިޔާވުމުގެ ސަބަބުން، ޖެހިގެން އަންނަ ހަފްތާގައި އޭނާ މާލެ އަންނަ ވާހަކައެވެ. ރަޝްފާ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. ލަހުފާ އައިސްވަނީ ރަޝްފާ އެ ސިޓީ ކިޔަން އިންދައެވެ.

[އައްދޭ....މާއިގެ ސިޓީއެއްތަ؟] ލަހުފާ ރަޝްފާ އިށީނދެ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

[އާނ، އަންނަ ހަފްތާގައި އެބަ އަންނަމޯ. އަޅެ ލަހުފާ! ޙަޤީޤަތް އެނގޭ ދުވަހަކުން މާއިލް ކަންތައް ކުރާނީ ކިހިނެއްބާ؟] ރަޝްފާގެ ހިތުގައި ސުވާލު އުފެދުނެވެ.

[އޭނާއަށް ފެންނަ އެންމެ ރަނގަޅަކަށްނު. ރަޝް ބުނަން އަހަރެންވެސް ހިއެއް ނުކުރަން، ރަޝްމެންގެ ޒަވާޖީ ޙަޔާތަކީ ތިހާ ދޯދިޔާ އެއްޗަކަށްވާނެ ކަމަކަށް. އެކަމަކު ހީކުރާ ގޮތަކަށް ނޫންވިއްޔަ ކަންތައްވަނީކީ.] މިހާރަކަށް އައިސް ލަހުފާވެސް ހުންނަނީ ރަޝްފާގެ މަތިން ފޫހިވެފައެވެ. ފިރިމީހާއަށް ބޭވަފާތެރި އަންބަކަށް ރަޝްފާވީތީއެވެ.

އެއީ އަބަދުވެސް އެދެމީހުންގެ ދޭތެރެޖެހޭ މައްސަލައެކެވެ. ދެމީހުންގެ މިޒާޖު ތަފާތުވާތީއެވެ.

**********************

ދުވަސްތައް ފާއިތުވަމުން ގޮސް ރަޝްފާގެ ފިރިމީހާ މާއިލް މާލެ އަންނަ ދުވަސް ޖެހިއްޖެއެވެ. މިރޭ ރަޝްފާ އެހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އޭނާ ހީކުރަނީއެވެ. މާއިލް އައުމުން، ރޫޙު އޭނާއާ ދިމާނުކުރާނެއެވެ. [ރޫޙު] އޭނާއަށް އުނދަގޫ ކުރާނީ އޭނާ އެކަނިވާ ވަގުތުތަކުގައެވެ.

އެރޭ ރަޝްފާ ނިދަން އޮށޯތީ، މާއިލްގެ އިންތިޒާރުގައި އެގާރަ ޖަހަންދެން ހުރުމަށްފަހުގައެވެ. އެރޭ މާއިލަށް އާދެވުނީ، ގާތްގަނޑަކަށް ބާރަޖަހާ ބޮޑުވި ފަހުންނެވެ.

އޭރު މާއިލްގެ މަންމަ ފާއިޤާވެސް ނިދައިފިއެވެ. މާއިލް ކޮޓަރިއަށް ވަންއިރު، ރަޝްފާ ހެދުންވެސް ބަދަލުނުކޮށް ނިދާފައި އޮތެވެ. ރަޝްފާ އޮތްގޮތުން އޭނާ އަންނަންވާއިރަށް ރަޝްފާ ތައްޔާރުވެފައިވާކަން އެނގުނެވެ.

[އޫނ.....ޒުބޭރު އުނދަގޫނުކޮށްބަލަ.] މާއިލް ރަޝްފާ ނަގަން އުޅުނެވެ.

[އޭތް....ރަޝް ޒުބޭރެއް ނޫން. މާއީއޭ މީ! ތެދުވެބަލަ.] މާއިލް ރަޝްފާގެ ކަންފަތުގައި އަނގަ ޖައްސައިގެން ހުރެ ބުންޏެވެ.

[އޭ މާއީ. ހާދަ އިރެއް ކޮށްފަޔޭ އަހަންނާ މަންމަ ނިދީ.] ރަޝްފާގެ ދެލޯ އުނގުޅަމުން ތެދުވިއެވެ.

[މަންމައަށް ނުގޮވަންތަ؟] ރަޝްފާ އެހިއެވެ.

[އަޅާނުލާ މާދަމާ މަންމައަށް [ސަޕްރައިޒް] އެއް ދޭނީ.] މާއިލް ލައިގެން ހުރި ޖިންސް ފޮތީގެ ގަމީސް ބާލަމުން ވާހަކަ ދެއްކިއެވެ.

[ކުއްލިއަކަށް ފެނުމުން އުފަލެއް ނުވޭތަ! ނާހާނަންތަ ބޯޓުން އަހަންނަށް ލިބުނު ގެއްލުމެއްވެސް.] ރަޝްފާގެ މޫނުމަތިންނާއި ޙަރަކާތުގައި އުފާވެރި ގޮތް ނެތުމުން، މާއިލްގެ ހިތުގައި ޖެހުނެވެ.

[ނޫން...ވަރަށް އުފާވޭ.] އެވަގުތު ރަޝްފާއަށް މާއިލްގެ ބުރަކަށީގައި އަޅާފައި ހުރި ބޭސް ބެންޑޭޖް ފެނުނެވެ.

[އައްދޭ ވަރަށް ބޮޑަށް އަނިޔާވިތަ؟ ރަޝްފާ މާއިލްގެ ބުރަކަށީގައި ފިރުމަން ފަށައިފިއެވެ. އެވަގުތު މާއިލަށް ނުވަ މަހަށްފަހު، ފުރަތަމަ ފަހަރަށް ޖަޒްބާތީ އިޙްސާސްތަކެއް ކުރެވުނެވެ. މާއިލް ރަޝްފާ ގެނެސް، އޭނާގެ ހަށިގަނޑާ ގާތްކޮށް މެޔާލާ ބޮނޑިކޮށްލިއެވެ.

[އިހަށް ދޭ ހެދުން ބަދަލުކޮށްގެން އަންނަން.] މާއިލް ރަޝްފާގެ ހަށިގަނޑުން ދޫކޮށްލިއެވެ.

[ހިނގާ މާއީވެސް އަހަންނާއެކު.] ރަޝްފާ އެކަނި ފާޚާނާއަށް ވަންނަން ބިރުގަތެވެ.

[ކޮންތާކަށް މިތާހުރެވެސް ބަދަލު ކުރެވިދާނެއެއްނު.] މާއިލް ބުންޏެވެ.

[ނިދާ ހެދުން އޮތީ ފާޚާނާގައޭ. ދެން ހިނގާބަލަ އަހަންނާއެކު.] ރަޝްފާ ހިނގައިގަތެވެ. ފަހަތުން މާއިލްވެސް ހިނގައިގަތެވެ. ރަޝްފާއަށް ހީވަނީއެވެ. މާއިލާއެކު ފާޚާނާއަށް ވަނުމުން އޭނާއަށް އެއްވެސް ނުރައްކަލެއް ނުވާނެއެވެ.

ރަޝްފާއާއެކު ފަހަތުން މާއިލްވެސް ފާޚާނާއަށް ވަނެވެ. އަބަދުގެވެސް އާދަ ފަދައިން، މިފަހަރުވެސް އޭނާއަށް ފުރަތަމަ ބެލުނީ ފާޚާނާ ތަށްޓަށެވެ. ހަމައެއާއެކު، އޭނާއަށް އޭނާގެ ހީކުރުންތަކުގެ ޔަޤީންކަން ލިބުނެވެ. މާއިލާއެކު ވަނުމުން، ރޫޙު އޭނާއާ ދިމާނުކުރެއެވެ.

[ތިޔަ ހީކުރީ ރަނގަޅަކަށް ނޫން. ފާފައިގެ ގޮތުގައި އަހަރެން މިދުނިޔެއަށް ގެނެސް، ފާފައިގެ ގޮތުގައި ނައްތާލުމަށްފަހު، ޒުބޭރަށާއި ކަލެއަށް އުފަލުގައި އުޅެވިދާނެ ކަމަށް ހީނުކުރާތި.....] ރަޝްފާ ހީކުރިގޮތާ ޚިލާފަށް ތަށިތެރެއިން އަޑު އިވުނެވެ.

[ނޫން...ނޫން....ނޫން....] އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ.

[ކިހިނެއްވީ؟] ރަޝްފާ ހަޅޭއްލަވައިގަތުމުން، މާއިލް ޙައިރާންވެފައި ހުރެ އެހިއެވެ. ރަޝްފާ މާއިލަކަށް ޖަވާބެއް ނުދެއެވެ. އޭނާ ބަލަމުން ގެންދިޔައީ ތަށިމަތީގައި ކޮއްޅަށް ހުރި ކުޑަކުޑަ ރޫޙަށެވެ.

[ކީއްކުރަން ތިހާވަރަށް ތިބަލަނީ؟ އަދިވެސް މިކަންތައް ފިރިމީހާއަށް ސިއްރު ކުރަނީތަ؟] މިފަހަރު [ރޫޙު] ވާހަކަ ދެއްކިލެއް އިހުނަށްވުރެން ބާރެވެ.

[ނޫން.....ސިއްރެއް ނުކުރަން.] ބިރުގެންފައިވާ ރަޝްފާ މާއިލް ހުރި ހަނދާން ނެތުނެވެ.

[ރޫޙު....ދައްކާ ވާހަކަ އަޑު ނީވުނަސް، މާއިލަށް ރަޝްފާ ދައްކާ ވާހަކަތައް އަޑު އިވެއެވެ.

[ކޮންކަމެއް ސިއްރު ނުކުރާ ވާހަކަތަ؟ ކާކަށް ތިބަލަނީ؟ އަހަންނަށް ނުފެންނަ އިތުރު މީހަކު މިތާ ހުރީތަ؟] މާއިލް ރަޝްފާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އެއްސެވެ.

ރަޝްފާއަށް ހޭވެރިކަންވީ ދެނެވެ. ދެން އޭނާ މަސައްކަތް ކުރީ މާއިލަށް އޮޅުވާލެވޭތޯއެވެ. އޭރު ރަޝްފާ ހުރީ ފެންކަޅިވެފައެވެ. އޭނާ ހެދުންވެސް ބަދަލުނުކޮށް ފާޚާނާއިން ނުކުމެ އެނދުމައްޗަށް ވެއްޓިގަތެވެ.

[ކިހިނެއްވީ....؟] މާއިލް އައިސް އެނދުގެ މަގަތުގައި އިށީނެވެ.

[ބޮލުގައި ރިއްސަނީ. ވަރަށް އުނދަގޫވޭ....] ރަޝްފާ ބޮލުގައި ދެއަތުން ހިފަހައްޓައިގެން އޮވެ ރޯން ފަށައިފިއެވެ. ރަޝްފާ މިހެން ކިޔާ ރޯން ފެށުމުން، މާއިލަށް ފާޚާނާތެރޭގައި ރަޝްފާ ދެއްކި ވާހަކަތަކުން އެއްވެސް ކަމެއް ޝައްކެއް ނުވިއެވެ.

[ހިނގާ އަވަހަށް އޭ.ޑީ.ކޭ އަށް ދަމާ.] މާއިލް ކަންބޮޑުވިއެވެ.

[ނޫން..މާއީ. އިރުކޮޅަކުން ރަނގަޅުވެދާނެ.] ރަޝްފާ ހޮސްޕިޓަލަށްދާ ޚިޔާލެއް ނުކުރިއެވެ. ރަޝްފާގެ އެދުމުގެ މަތިން މާއިލްވެސް ހޮސްޕިޓަލަށް ރަޝްފާ ގެންދާ ޚިޔާލު ދޫކޮށްލިއެވެ.

[އެކަމަކު ތިއޮއް އަޅާ ވޭނެއްދޯ.] މާއިލް ރަޝްފާގެ ބޯ މޮޑެދޭން ފެށިއެވެ.

[މިހާރު...ހީވޭ ތަންކޮޅެއް ލުއިހެން.] ރަޝްފާ ކުކުރަމުން ކުކުރަމުން ވާހަކަ ދެއްކިއެވެ. ފަހުން ކޮންމެ ގޮތެއްވިޔަސް، އެރޭ ރަޝްފާއަށް އޭނަގެ ރޭވުން ކާމިޔާބު ކުރެވުނެވެ.

އަނެއް ދުވަހު ހެނދުނު ޒަހީނާއި ޝިޒްނީ ކުޑަ ދަރިފުޅު ގޮވައިގެން ރަޝްފާމެންގެ ގެޔަށް ދިޔައެވެ.

[އައްދޭ ހާދަ ދުވަހެއް ކޮށްލާފައި.] ޝިޒްނީމެން އައިސް ވަނުމުން، ރަޝްފާ ޝަކުވާގެ ރާގަކަށް ބުންޏެވެ.

[ކިހިނެއް އާދެވޭނީ. ގޭގައިވެސް އިތުރު ބަޔަކު އުޅެނީއެއް ނޫން. ދައްތަމެންވެސް ފުރަނީ! ކޮބާ މާއިލް؟ ނާދެވޭ ސަބަބު އޮޅުންފިލުވައި ދިނުމަށްފަހު، ޝިޒްނީ އެއްސެވެ.

[ނޭނގެ. ހީވަނީ ރައްޓެއްސަކާއެކުހެން ދިޔައީ.] ރަޝްފާ ޖަވާބު ދިނެވެ.

[އަހަރެންގެ ހިތަށްއަރާ، ރަޝްފާ އެހާ ކުޑަ ދުވަސްކޮޅެއްގައި ބަދަލުވީ ކީއްވެބާއޭ؟] ރަޝްފާގެ ވިޔާނުދާ ބަދަލުވުމުގެ ސަބަބުން ޝިޒްނީވެސް ހުންނަނީ ކޮންމެވެސް ވަރަކަށް ފޫހިވެފައެވެ.

[ތިޔަކަމާ ލަހުފާވެސް އަހަރެންދެކެ ރުޅިއައިސްފައި ހުންނަނީ. މިހާރު ވަރަށް ނާދޭ މިގެޔަށްވެސް. ކިހާދެރަ، އަހަންނަށް އުޅެވުނު ގޮތަކުން ރަޙްމަތްތެރިންވެސް ގެއްލެނީހެން އަހަންނަށް ހީވަނީ.] ރަޝްފާ އަމިއްލަ ކުށް ގަބޫލުކުރާ ކަހަލައެވެ.

[އަހަރެންގެ ހިތަށްއަރާ، މާއިލަށް ޙަޤީޤަތް އެނގިއްޖިއްޔާ، ދެން ވާނީ ކިހިނެއްބާއޭ؟] މި ސުވާލު އުފެދެނީ ޝިޒްނީގެ ހިތުގައި އެކަންޏެއް ނޫނެވެ. މިއީ ހަމަ ރަޝްފާގެ ހިތުގައިވެސް އުފެދިފައިވާ ސުވާލެކެވެ.

[ޝިޒޫ އަދި އަނެއްކާވެސް މިއުޅެނީ ބޮޑު ކަންތައްގަނޑަކާ ދިމާވެގެންނު.] ރަޝްފާ ބޭނުންވީ ފާޚާނާތެރެއިން ފެންނަ ރޫޙުގެ ވާހަކަ ޝިޒްނީއަށް ކިޔައިދޭށެވެ. އެހެނަސް ވަގުތުގެ ނާޒުކުކަމުން، އެ ވާހަކަ ކިޔައިދިނުމުގެ ޚިޔާލު އޭނާ ދޫކޮށްލިއެވެ.

[ކޮން ކަންތަކެއް؟ މާއިލަށް އެނގުނީތަ؟] ޝިޒްނީ އަހާލިއެވެ.

[ނޫން...އެނގުނީކީ ނޫން...އެވާހަކަ ފަހުން ކިޔައިދޭނަން.] ރަޝްފާ ބޭނުންވީ، އެވާހަކަ އެހިސާބުން ހުއްޓާލާށެވެ. ޒަހީން ހުރީމައެވެ. ޝިޒްނީއަށް އެނގުނަސް، ޒަހީނަށް އޭނާގެ ޙަޤީޤަތް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

[އާނ އެންމެ ރަނގަޅޭ. ދެން މިވަގުތު އަހަރެމެން ދަނީ އިނގޭ.] ޝިޒްނީ ޝާއިންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

[ޝާއިން ދައްތައާ ސަލާމެއް ނުކުރާނަންތަ؟] ޝިޒްނީ ޝާއިންގެ އަތުގައި ހިފައިގެން ހިނގައިގަތުމުން، ރަޝްނާ ބުންޏެވެ.

[ދަރިފުޅާ ދޭ ދައްތައާ ސަލާމްކޮށްފައި އަންނަން.] ޝިޒްނީ ޝާއިންގެ އަތުން ދޫކޮށްލިއެވެ. ކުޑަކުޑަ ޝާއިން ދުވެފައި ގޮސް ރަޝްފާއާ ސަލާމް ކޮށްފިއެވެ.

[ދެން ބުނޭ ދަނިއްޔޭ.] ޒަހީން ބުންޏެވެ. ޝިޒްނީމެންނާއެކު ދޮރާއްޓާ ހަމައަށް ރަޝްފާވެސް ނުކުތެވެ.

********************

މިހާރު ޒުބޭރަށް ރަނގަޅަށް ނުނިދޭތާވެސް ހަފްތާއެއްވަރު ވެއްޖެއެވެ. އޭނާއަށް ހުވަފެންތަކުގެ ސިފައިގައި ކޮންމެވެސް ހިޔަންޏެއްގެ އުނދަގޫ ފޯރަނީއެވެ. މިހާރަކަށް އައިސް ދުވާލުގެ ވަގުތުތަކުގައިވެސް އޭނާއަށް ހުރެވެނީ ބިރުން ވަށައިގެން ހޯދި ހޯދިއެވެ. އެއްޗެއް ގެއްލިގެން އުޅޭ މީހަކު އުޅޭފަދަ ގޮތަކަށެވެ.

މިރޭވެސް އޭނާ ނިދޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. މިރޭ ހީވަނީ އޭނާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނުވަނީހެންނެވެ.

އެނދުގައި ދެފަރާތަކަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު، އޭނާ އެންމެފަހުން ތެދުވެއްޖެއެވެ. މިނެޓެއްހާއިރު އެގޮތަށް އިނުމަށްފަހު، އޭނާ ކޮޓަރިންވެސް ނުކުތެވެ. ހީވާކަހަލައެވެ. އޭނާ އެދަނީ ދަޢުވަތު އެރުވިފައިވާ މަންޒިލަކަށެވެ. ނޭނގެނީ ކޮންކަހަލަ މަންޒިލަކަށް ކަމެވެ.

އެވަގުތު އެގޭ ބޮޑު ކޮޓަރީގެ ފާރުގައި ހުރި ގަޑިން ބާރަ ޖެހިކަން އިޢުލާނު ކުރި އަޑު އިވުނެވެ. ޒުބޭރު ދޮރާއްޓާ ހަމައަށް އައިސް މަޑުކޮށްލިއެވެ. ކޮންމެވެސް ނާމާން ފާޑެއްގެ އަޑެއް އިވުނުހެން ހީވެގެންނެވެ. އޭނާ މަޑުކޮށްލީ ދެވަނަފަހަރަށް އެ އަޑު އިވޭތޯއެވެ.

[އަހަރެން ކަލޭ މިތަނަށް ނެރުނީ ކީއްކުރަންކަން އެނގޭތަ؟] ދޮރާށި ކުރިމަތިން ކުޑަކުއްޖަކު ވާހަކަ ދެއްކި އަޑު އިވުނެވެ.

[ކާކު؟ ކޮންކުއްޖެއް؟] ކުއްޖަކު ނުފެނި އަންނަ އަޑާ މުޚާޠަބުކޮށް، ޒުބޭރު ވާހަކަ ދެއްކިއެވެ.

[ކަލޭގެ ފާފައިގެ މޭވާ.] މިފަހަރު ވާހަކަ ދެއްކި ކުޑަ ކުއްޖާ ޒުބޭރަށްވެސް ފެނުނެވެ. އެވަގުތު ޒުބޭރު ހަޅޭއްލަވައިގަންނަންވެސް ބޭނުންވިއެވެ. އެހެން ނަމަވެސް، ގަތް ބިރެއްގެ ބޮޑުކަމުން އޭނާގެ ދޫ ބަންދުވިއެވެ.

[ތިޔައީ ކޮން.....ކުއްޖެއް...!] ޒުބޭރު ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[ބުނެފީމެއްނު ކަލޭގެ ފާފައިގެ މޭވާއެކޭ. ކަލޭ ހިތަކަށްވެސް ނާރާނެ އަހަރެން އަތުވެދާނެ ކަމަކަށް. އަހަންނަކީ ކަލޭމެން މަރާލި ކަލޭމެންގެ ދަރިފުޅުގެ [ރޫޙު]. ދޮރާށި ކުރިމަތީގައި ހުރި ކުޑަ ފިރިހެން ކުއްޖާ ވާހަކަ ދެއްކީ ބަރު އަޑުންނެވެ.

[އަހަންނެއް ނޫނެއްނު، ދަރިފުޅު ތަށީގެ ތެރެއަށް އެއްލައިލީއެއް.] ފެންކަޅިވެފައިވާ ޒުބޭރަށް ދުއްވައިގަނެވުނީ ދޮރާށިން ބޭރަށެވެ.

[ކަލޭ އެހީނުވިނަމަ، ފާފައިގެ މޭވާއަކަށް އަހަރެންވީސްތަ؟] ރޫޙުގެ ގާތަށް ރުޅިއައިހެން ހީވިއެވެ. ފަހަރަކަށްވުރެން ފަހަރަކަށް ރޫޙުގެ އަޑުވެސް އައީ ބާރުވަމުންނެވެ. ޒުބޭރު ދުވެފައިދާ ވަރަށް، ފަހަތުން ރޫޙުވެސްދެއެވެ.

[މަޑުނުކުރާތި ބާރަށް ދުވޭ.] ރޫޙު ފަހަތުން ދަމުން ބުނެލި އަޑު އިވުނެވެ. ޒުބޭރު ހަޅޭއްލަވަމުން ދުވެލި ބާރުކޮށްލިއެވެ. އޭނާ ދުވެލި ކިތަންމެ ބާރުކުރިޔަސް، ރޫޙު ހުންނަ ހިސާބުގައި ހުރެގެން އާދެއެވެ.

އޭރު އަދި މާލޭގެ މަގުތަކުން ދުއްވާ އެއްޗެތި ހުސްވެ އަމާންވާހާ ދަން ނުވުމާއެކު، ޒުބޭރު ދުވަމުން ދިޔައީ ދުއްވާ އެއްޗެތިތަކުން ސަލާމަތްވަމުންނެވެ. ރޫޙު ދަތުރު ކުރަމުން ދިޔައީ ދުއްވާ އެއްޗެހިތަކުގެ މަތިންނެވެ.

މިގޮތަށް ދުއްވާ އެއްޗެތިތަކުން ސަލާމަތްވެގެން ޒުބޭރަށް ދެވުނީ ޗާނދަނީ މަގާ ހަމައަށެވެ.

ޗާނދަނީ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއްގައި ޖެހި، އޭނާ ބުރައިގެން ދިޔައެވެ. މުޅި ހިސާބުގަނޑަށް ވަގުތުން ފެތުރިގެންދިޔަ ލޭގެ ކޯރުން ޒުބޭރު އިތުރަށް މިދުނިޔެއަށް ނޭވާ ނުލާނެކަން ދޭހަކޮށްދެއެވެ. ޒުބޭރު އެންމެފަހުގެ ނޭވާ މިދުނިޔެއަށް ދޫކުރިއިރު، ގާތުގައި ރޫޙު ހުއްޓެވެ. އެވަގުތު ރޫޙު ބުނާކަހަލައެވެ. ފާފައިގެ ގޮތުގައި އަހަރެން ދުނިޔެއަށް ގެނައުމަށްފަހު، ފާފައިގެ ގޮތުގައި މިދުނިޔެއިން އަހަރެން ނައްތާލި ފަދައިން، ކަލޭމެންވެސް ޖެހޭނީ މިދުނިޔެއިން ނެތިދާށެވެ.

ޒުބޭރުގެ މަރުގެ ޚަބަރު އެންމެ ފުރަތަމަ ލިބުނީ ރަޝްފާއަށެވެ. އޭނާ ނިދާފައި އޮއްވާ އެޚަބަރު އޭނާއަށް ދިނީ ރޫޙެވެ.

[ދަރިފުޅުތަ މަރާލީ....] ރަޝްފާއަށް ރޮވޭގޮތްވިއެވެ.

[އަހަރެން....] ރޫޙު ގެއްލުނެވެ.

ރޫޙުގެ ސަބަބުން ރަޝްފާ އެންމެ ބޮޑަށް ބިރުގަތީ މިފަހަރުއެވެ. އޭނާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑަށް މާއިލް ހޭލިއެވެ.

[ކިހިނެއްވީ؟] މާއިލް އެހިއެވެ.

[ޒުބޭރު....މަރުވެއްޖެ.....އަހަރެންވެސް....ބިރުގަނޭ....] ރަޝްފާ އަޑުން އަޑުނަގާ ރޯން ފަށައިިފިއެވެ.

[ރަޝްފާ ކީކޭތަ ތިޔަ ކިޔަނީ؟ ކިހިނެއްތަ ތިޔަވަނީ؟] މާއިލް ހީކުރީ، ކުރީ ރޭ ގޮތަށް ރަޝްފާ ބޮލުގައި ރިއްސާތީ، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެނީ ކަމަށެވެ.

[އާނ....މާއިލް! ހަމަ ތެދެއް މިބުނީ. ޒުބޭރު މަރުވެއްޖެ.] ރަޝްފާ މާއިލްގެ ހަށިގަނޑުގައި ބައްދައިގެން އިނދެ، ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.

[ކިހިނެއް ނިދާފައި އޮއްވާ ރަޝްއަށް އެނގުނީ. ތިވާނީ ހުވަފެނެއް ފެނުނީ ކަމަށް.] އެއީ މާއިލް ހީކުރިގޮތެވެ.

[ނޫން...މާއިލް...އޭނާ މަރުވެއްޖެ....ހަމަ ދެންމެ މަރުވީ....] އަހަރެންވެސް މަރާނަމޭ.....] ރަޝްފާގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ.

[ކާކު ރަޝްފާވެސް މަރާނަމޭ ބުނީ؟] ރަޝްފާ ހުއްޓާނުލާ ރޮމުން ދިޔުމުގެ ސަބަބުން މާއިލް ފެންކަޅިވިއެވެ. އިރުކޮޅަކު މިހެން ރުއިމަށްފަހު، ރަޝްފާ ޚަބަރު ހުސްވިއެވެ. މާއިލަށް ހަދާނެގޮތް ބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް ޓެކްސީއަކަށް ގުޅައިގެން ޓެކްސީއެއް ގެނައެވެ.

ރަޝްފާ ހޮސްޕިޓަލަށް ގެންދެވުނުއިރު، ދޭއްޖަހާ ބޮޑުވެއްޖެއެވެ. ހޮސްޕިޓަލަށް ގެންދެވުމާއެކު، ވަގުތުން ރަޝްފާއަށް ފަރުވާދެވެން ފެށުނެވެ. އެހެނަސް ރަޝްފާއަށް ވެގެން އުޅޭގޮތެއް ޑޮކްޓަރެއް ނުބުނެއެވެ.

އޭރު ހޮސްޕިޓަލް ތެރެއިން ނަރުހުންނާއި، ތަފާތު ބަލިތަކާބެހޭ ޑޮކްޓަރުން ހޭލަމޭލަވާތަން ފެނުނެވެ. ޑޮކްޓަރާ ވާހަކަ ދައްކަން ހުރި ޒުބޭރުގެ ބޭބެ، ކުއްލިއަކަށް އެތަނުން މާއިލަށް ފެނުނެވެ. މާއިލް އަވަސް އަވަހަށް އޭނާގެ ގާތަށް ދިޔައެވެ.

[އަހަނ...ނަޝީދު ކާކު ގޮވައިގެން؟] މާއިލް އެއްސެވެ.

[ޒުބޭރު ގޮވައިގެން...] ނަޝީދު ޖަވާބު ދިނެވެ.

[ޒުބައިރޭ! ކިހިނެއްވީ؟] ރަޝްފާ ރޮއެ ރޮއެފައި ދެއްކި ވާހަކަތައް ސީދާވަނީހެން މާއިލަށް ހީވާން ފަށައިފިއެވެ.

[ވަރަށް....ދެރަ. ޒުބޭރު މަރުވެއްޖެ.] އެވަގުތު އެތަނަށް އައިސް މަޑުކުރި ޑޮކްޓަރ އަރުޖުން، ނަޝީދުގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

[ޒުބޭރު މަރުވެއްޖެއޭ؟] ނަޝީދާއި މާއިލަށް އެއްފަހަރާހެން ބުނެވުނެވެ.

[އާނ....މިތަނަށް ގެނެވުނުއިރުވެސް އެހަށިގަނޑަކު ފުރާނައެއް ނެތް.] ޑޮކްޓަރު އިތުރަށް އޮޅުންފިލުވައިދިނެވެ. މާއިލްގެ ދެލޯ ވަގުތުން ފެންކަޅިވިއެވެ. އޭނާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ބާރު ބޮނޑިއެއް އެޅިހެންނެވެ. އޭނާގެ ހިތް އަވަސްވެގަތީ، މަރުވެފައިވާ ރަޙްމަތްތެރިޔާގެ މޫނު ދުށުމަށެވެ.

އޭނާއަށް [އިމަރޖެންސީ ރޫމް] އަށް ވަދެވުނުއިރު ހުރީ ނޭވާ ކުރުވެ ހާސްވެފައެވެ. ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އޭނާއަށް ރަޝްފާގެ މަތިންވެސް ހަނދާން ނައްތާލެވިއްޖެއެވެ.

[ޒުބޭރު....] މާއިލަށް މަޑުމަޑުން ޒުބޭރަށް ގޮވާލެވުނެވެ. އެވަގުތު ޒުބޭރު ބުނާ ކަހަލައެވެ. މާއިލެވެ. އަހަންނަށް މަޢާފް ކުރާށެވެ. އަހަންނަށް މިލިބުނީ އަހަރެންގެ ފާފަތަކުގެ ފުރިހަމަ ސަޒާއެވެ. އެވަގުތު ޑޮކްޓަރ އަރުޖުން އައިސް މާއިލަށް ހިތްވަރު ދެމުން، އޭނާ އެތަނުން ނެރުނެވެ. މާއިލް އޭނާގެ ދެލޮލަށް ގިނަވި ކަރުނަތައް، އަތުގެ ނުފުށުން ފޮހެލަމުން އޭނާ ގޮސްވަނީ ބަލިމީހުން ބަލާ ކޮޓަރިއަށެވެ. އޭރު އަދި ރަޝްފާ ހެއެއްނާރައެވެ. ރަޝްފާ ހޭއަރަންދެން އެތަނުގައި ބޭއްވުމަށް ޑޮކްޓަރު ލަފާދިނެވެ. ހޭއަރާނެ ވަކިގަޑިއެއް ޑޮކްޓަރު ނުބުނެއެވެ. ކެތްތެރިކަން ކުޑަވެފައި މާއިލް ހުންނަތާ އިރުގަނޑެއް ފަހުން ރަޝްފާ ހޭއެރިއެވެ.

[ދަ....ދަރިފުޅާ...މަންމައަށް މަޢާފްކުރޭ....] ހޭއެރި ވަގުތު ރަޝްފާގެ ދޫ ޙަރަކާތް ކުރިހެން ހީވިއެވެ. ރަޝްފާ ކީ އެއްޗެއް ރަނގަޅަށް ސާފުނުވުމުން، އިތުރަށް ރަޝްފާ އެޖުމްލަ ތަކުރާރު ކުރޭތޯ މާއިލް ބަލަން ހުއްޓެވެ.

[ދަރިފުޅާ...މަންމަ...މަންމައަށް....މަޢާފްކުރޭ....] މިފަހަރު އެ ޖުމްލަ ރަނގަޅަށް މާއިލަށް އަޑުއިވުނެވެ. މާއިލަށް ލިބުނީ ޙައިރާންކަމެވެ. ހިތުގައި އުފެދުނީ ސުވާލުތަކެވެ. ރަޝްފާ ދަރިފުޅޭ ކިޔައިގެން މުޚާޠަބު ކުރަނީ ކާކާ ހެއްޔެވެ؟ އަނެއްކާ ރަޝްފާ އަހަންނާ އިނުމުގެ ކުރިން، ނޭނގޭ ސިއްރުތަކެއް ކޮށްފައިވަނީބާއެވެ؟

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން