ޞާދިރު ޢަލީދީދީ   13 ނޮވެމްބަރު 2020 - 12:48
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 32

................

ފުރުޤާންވެސް ތައްޔާރުވަމުން މިހާރު އެދަނީ އޭނާގެ އަލަތު ކައިވެންޏަށެވެ. ނަމަވެސް، އަދިވެސް އޭނާ އިންނަން އުޅޭ ކުއްޖާ، އެއްވެސް މީހަކަށް އޭނާ ނުދައްކައެވެ. ފުރުޤާން ބުނަނީ ކައިވެނީގެ ވަގުތު ވަރަށް ކައިރިކޮށްފައި ނޫނީ އޭނާ ޒަހާ އެއްވެސް މީހަކަށް ނުދައްކާނޭ ކަމަށެވެ.

[ދަރިފުޅާ...ދަރިފުޅު މަންމަމެން މޮޔަހައްދަނީތަ؟ މިރެޔަކީ ކައިވެނި ކުރެވޭ ރޭ. އަދިވެސް ތިބުނާ އަންހެން ކުއްޖަކު ނުފެނޭ. ތިކުއްޖަކު މިހާރު ދެން މިގެޔަށް ގެނެސް، ދައްކަން ވެއްޖެއެއްނު.] ޚަދީޖާ ހިތްހަމަނުޖެހިފައި ބުންޏެވެ.

[މަންމާ، އޭނާޔަށް ކިޔަނީ ޒަހާ. މިހާރުވެސް އަހަރެން އޭނަ ގެނެސްފާނަން. ގެންނަންތަ؟] ފުރުޤާން ވަށައިގެން ނަޒަރު ހިންގާލިއެވެ.

[އާނ ގެނެސްބަލަ. މަންމަމެން މިހާރު މިތިބެނީ އެ މަންޖެ ދެކޭހިތުން ކެތްމަދުވެފައި.] ޚަދީޖާ ބުންޏެވެ.

[އެކަމަކު ބުނަން މަންމާ، އޭނަޔާމެދު މަންމަމެން ހިތްހަމަނުޖެހުނަސް، ނުރުހުން ފާޅުކޮށްގެން ނުވާނެ. އަހަންނާ އޭނާގެ ކައިވެންޏަށް މަންމަމެން ޖެހޭނެ އެއްބަސްވާން.] ފުރުޤާން މިހެން ބުނީމާ ޚަދީޖާ ބޯޖަހާލިއެވެ.

ފުރުޤާން، އޭނާގެ ޖީބުގައި އޮތް ލައިޓަރު ނަގައި، އޭނާގެ އިނގިލީގައި އޮތް އަނގޮޓިއަށް ހޫނުކޮށްލިއެވެ. ހަމައެޔާއެކު، ވަރުގަދަ ވިދުވަރަކާއެކު، އެތަނަށް އެ ފާޅުވީ ޒަހާއެވެ.

ޚަދީޖާގެ އިތުރުން އެތަނުގައި އެވަގުތު ތިބި މީހުންގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. އެވެރިން އެހާމެ ބިރުވެސްގަތެވެ. އެއީ ޕަރީއެކެވެ. ޚަދީޖާ ބިރުން ފަހަތަށް ޖެހުނެވެ.

[ދަރިފުޅާ...ކާކުތީ....އިންސާނެއް ނޫންދޯ؟] ޚަދީޖާ ބިރުގަތެވެ.

[އާނ މަންމާ...މީ އިންސާނެއް ނޫން. ޕަރީއެއް...އަހަރެން ކަނޑުވެފައި ވަނިކޮށް މަރުން ސަލާމަތްކޮށްދިނީ މީނަ. އަހަރެންގެ ޙަޔާތުގެ ބާކީބައި އަހަރެން ހޭދަކުރަން ބޭނުންވަނީ މި ޕަރީއާއެކު...އަހަރެމެންގެ ކައިވެންޏަށް މަންނަމެން އެއްބަސްނުވާ ކަމުގައި ވަނީނަމަ، އަހަރެން މީނަޔާއެކު މީނާ ގެންދާ ތަނަކަށްދާނަން.] ޕަރީގެ އަތުގައި ފުރުޤާން ހިފަހައްޓާލިއެވެ.

[ނޫން...ދަރިފުޅާ...ތިކަހަލަ މޮޔަ ޚިޔާލު ނުކުރޭ. ދަރިފުޅަކީ އިންސާނެއްް....ކިހިނެއްތަ، ޕަރީއަކާއެކު އުޅޭނީ. ދަރިފުޅަކަށް ނުދެވޭނެ. ހެޔޮނުވާނެ....އަހަރެންގެ ދަރިފުޅު ސަލާމަތްކުރޭ.] ޕަރީ ގާތު ޚަދީޖާ އާދޭސްކުރިއެވެ. ޕަރީ އިސްއޮބާލިއެވެ.

[މަންމާ...އަހަރެން ފުރުޤާނަށް ދެރައެއްނުދޭނަން. އެކަމަކު އަހަރެން ބޭނުން، ފުރުޤާނާއެކު އުޅެން. އަހަރެން ފުރުޤާންދެކެ ވަރަށް ލޯބިވޭ....ވަރަށް ލޯބިވޭ....] ޕަރީ ބުންޏެވެ.

[އެންމެ ރަނގަޅު. ކަލޭމެންގެ ކައިވެންޏަށް އަހަރެން ޤަބޫލު.] މިހެން ބުނެފައި، ރޮމުން ޚަދީޖާ ގެއިން ނިކުތެވެ. އޭނާ ދިޔައީ އެރަށުގައި ހުރި އެންމެ ރަނގަޅަށް ފަންޑިތަ ހަދާ މީހާގެ ގެޔަށެވެ. ކަންތައް ވެގެން އުޅޭގޮތް، ތުއްތުބެއްޔާއަށް ޚަދީޖާ ސާފުކޮށް ކިޔާދިނީމާ، ތިޔައީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެ، ޚަދީޖާއާއެކު ތުއްތުބެއްޔާ އެގެޔަށް ދިޔައެވެ.

އޭރު ޕަރީއެއް ނެތެވެ. ފުރުޤާން ކައިވެނީގެ ތައްޔާރީތައް ވުމުގައި އަވަދިނެތި އުޅެއެވެ.

[ފުރުޤާން...ހާދަ މަސައްކަތް ބުރަކޮށްލައިގެނޭދޯ ތިއުޅެނީ. ކައިވެނި އޮތީ މިރޭ ކޮންގަޑިއަކުތަ؟] ތުއްތުބެއްޔާ ފުރުޤާން ހުރި ކޮޓަރިޔަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އޭރުވެސް ތުއްތުބެއްޔާ ހުރީ ކިޔަވާލަ ކިޔަވާލައެވެ.

[މިރޭ އަށެއް ޖަހާއިރު.] ފުރުޤާން ހިނިތުންވެލަމުން ޖަވާބު ދިނެވެ.

[ފުރުޤާން އިންނަން އުޅޭ މަންޖެ ތުއްތުބެއްޔާމެނަށްވެސް ދައްކާލަންވާނެތާ.] ތުއްތުބެއްޔާ ބުންޏެވެ.

ތުއްތުބެއްޔާއަކީ ފަންޑިތަ ހަދާ މީހެއްކަން ފުރުޤާނަށް އެނގިފައިނުވާތީ، އޭނާ ވަގުތުން އަނގޮޓި ހޫނުކޮށްލިއެވެ. އެޔާއެކު ޕަރީ އެތަނަށް ފާޅުވެއްޖެއެވެ. ފާޅުވުމާއެކު، އޭތީގެ ޙަރަކާތް ހުއްޓުނެވެ. ހީވީ އޭނާގެ ވަށައިގެން ކަސްތޮޅު އެޅުނީހެންނެވެ. ޙަޤީޤަތުގައިވެސްވީ އެހެންނެވެ. މިހާރު އޭތި އެހުރީ ސީދާ ތުއްތުބެއްޔާގެ ބާރުގެ ދަށުގައެވެ.

[އެކަމަކު ބުނޭ، ޕަރީންނަކީ އަނިޔާވެރި އެއްޗިއްސެއް ނޫނޭ. ކީއްވެތަ، އިންސާނަކު ހައްލާލައިގެން އިންނަން ތިއުޅެނީ...ހަމަ ރަނގަޅަށްވެސް އެނގޭނެ، އިންސާނުންގެ ތެރޭގައި ނޫޅެވޭނެކަން.] ތުއްތުބެއްޔާ ސީދާ ޕަރީއާ މުޚާޠަބު ކުރިއެވެ.

[އަހަރެން ފުރުޤާނާ އިންނަން އުޅެނީ އަނިޔާވެރިވެގެނެއް ނޫން. އަހަރެން ފުރުޤާންދެކެ ލޯބިވާތީ....] ޕަރީ އިސްއޮބާލިއެވެ.

[ކިތަންމެ ލޯބިވިޔަސް، އިންސާނަކާއެކު ދާއިމީކޮށް ނޫޅެވޭނެކަން އެނގިހުރެ، ކީއްވެތަ، ތިކަމަށް ކުރިމަތިލީ. ތިޔައީ ޕަރީއަކަށްވެ، ފުރުޤާން ސަލާމަތްކޮށްދިން ބާރަކަށްވާތީ، ފުރްޞަތުދޭނަން. އަހަރެންގެ ކުރިމަތީގައި ހުވާކުރޭ، ފުރުޤާނަށް އެއްވެސް އުނދަގުލެއް ނުކުރާނޭ ކަމަށް. ފުރުޤާންގެ މަތިން ހަނދާންނައްތާލާނޭ ކަމަށް. އެހެން ނޫނީ، އަހަރެން ކަލޭ ދުލެއްނުކުރާނަން.] ތުއްތުބެއްޔާ ފުރިހަމަ ބާރާއެކު ޕަރީއާ ކުރިމަތިލިއެވެ.

[އަހަންނަކަށް ފުރުޤާންގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. އެކަމަކު އަހަރެން ފުރުޤާނާ ދުރުގައި އުޅެން އެއްބަސްވެދާނަން. ހަނދާންތަކާ ދުރަށް ނުދެވޭނީ، އަހަރެންގެ ބަނޑުގައި ފުރުޤާންގެ ދަރިއެއް އޮތީމަ.] ޕަރީއަށް ރޮވުނެވެ. މިހާރު ފުރުޤާނަށްވެސް ރޮވިއްޖެއެވެ.

[އަހަންނަށް ނުވާ އުނދަގުލެއް، އެހެން މީހުނަށް ވަނީ ކީއްވެތަ؟ އަހަރެން ބޭނުން، ޒަހާޔާއެކު އުޅެން. ތުއްތުބެއްޔާ ޒަހާ ދޫކުރޭ...] ފުރުޤާން އެދުނެވެ. އޭރު ފުރުޤާންގެ ގައިގައި ހަތަރު ފިރިހެނަކު ވަނީ ހިފަހައްޓާފައެވެ.

[އޭނާ އަހަރެން ބުނާގޮތަށް އެއްބަސްވެ ހުވާކުރީމާ، އޭނާ ދޫކުރަން އަހަރެން މިހުރީ ތައްޔާރަށް.] ތުއްތުބެއްޔާގެ އެދުމުގެ މަތިން، އެހެން މީހަކު އެވަގުތު ޚަތިމެއް ގެނެސްދީފިއެވެ. ތުއްތުބެއްޔާ ޚަތިމް ގެންގޮސް، ޕަރީގެ ކުރިމަތީގައި ބޭއްވިއެވެ. އެއަށްފަހު، ފުރުޤާނާ ވަކިވީކަމަށް ޚަތިމްގައި އަތްލާ ޕަރީ ލައްވައި ހުވާކުރުވިއެވެ. އެޔާއެކު، ތުއްތުބެއްޔާ، އޭނާގެ ބާރުގެ ދަށުން ޕަރީ ދޫކޮށްލިއެވެ. އެވަގުތު ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. އެންމެން ބަލަން ތިއްބާ ޒަހާ އުދުހިގެން އެދިޔައީއެވެ. އެވަގުތު ފުރުޤާން، އޭނާގެ ގައިގައި ހިފަހައްޓައިގެން ތިބި މީހުން ފޮޅުވާލުމަށްފަހު، ޒަހާޔަށް ގޮވަމުން ދުއްވައިގެންފިއެވެ. އޭނާ މޮޔަވީކަންނޭނގެއެވެ. ލޯތްބަށްޓަކައެވެ.

މިހާރު ނަޝްވާގެ ގޭގެ ތިރީ ބައިގައި ތިބެ ޙަކީމްބެއާއި ބައިވެރިން ކިޔެވެލި ކިޔަވަމުން ދަނީއެވެ. ކުރިމަތީގައި ހުރި ދެ އެނދެއްގައި ރީޙާނާއި ނަޝްވާ ބާއްވާފައި އޮތެވެ.

އޭރު މުޅި ގޭތެރެ އެއްވަސްވެފައިވަނީ، ކުމުންޒާނިގެ ވަހުންނެވެ. ކުރިމަތީގައި ހުރި އަލިފާންގަނޑު ތެރެޔަށް، ޙަކީމްބެ ދޭތެރެ ދޭތެރެއިން ކޮންމެވެސް އެއްޗެހިތަކެއް އަޅާލައެވެ.

[އެއްވެސް ކުއްޖަކު ބިރުނުގަންނާތި. މި އަލިފާންގަނޑުތެރެޔަށް އޭތި ހުލިވެގެންދާތަން، މާގިނައިރުތަކެއްނުވެ ފެންނާނެ.] އޭރުވެސް ކިޔެވެލީގެ އަޑު މެދުނުކެނޑި ކުރިޔަށްދެއެވެ.

ކުއްލިއަކަށް މުޅި ގެޔަށްވެސް ހީވީ ލޮޅުމެއް އައީހެންނެވެ. ދެން ފެނުނީ އަލިފާންގަނޑުގެ މެދުން ލޫބާއެވެ. އޭތި ސަލާމަތަށް އެދި ރޮމުން ދަނީއެވެ.

[ރީޙާން....ތިޔަހެން ނޯވެ، އަހަރެން ސަލާމަތްކޮށްދީބަލަ. ހެޔޮނުވާނެ. އަހަރެން ސަލާމަތްކޮށްބަލަ. އިންސާނަކުދެކެ ލޯބިވެވުމުން، މިވަރުގެ ބޮޑު ސަޒާއެއްދޭން ހެޔޮވާނެތަ؟] އޭރު އޭތި އަނދަމުންދިޔަ އަލިފާންގަނޑުތެރޭ ރޯވަމުންދިޔަ މަންޒަރު ބައެއް މީހުންނަށް ފެންނަމުންދެއެވެ. ނަމަވެސް، ޙަކީމްބެ އޭނާގެ މަސައްކަތެއް ހުއްޓައެއްނުލައެވެ.

މާގިނައިރުތަކެއްނުވެ ދެން ފެނުނީ، އެ އަލިފާންގަނޑު ތެރެޔަށް އޭތި ފުނޑުވެ ބުރައިގެންދިޔަ ތަނެވެ. އެހާ ހިސާބުން ޙަކީމްބެ އޭނާގެ މަސައްކަތް ހުއްޓާލައި، ކިޔަވަން ތިބި ކުދިންނަށްވެސް ހުއްޓާލުމަށް އެންގިއެވެ.

[މިހާރު އޭތީގެ ވަސްވެސް ފޮހެވިގެން އެދިޔައީ.] މިހެން ބުނެފައި، ޙަކީމްބެ ރީޙާނާއި ނަޝްވާ ތެދުކޮށް ސަލާމްކޮށްލިއެވެ.

[ވަރަށް ބޮޑަށް ޝުކުރިއްޔާ....ޙަކީމްބެ ތިކޮށްދިނީ، ވަރަށްބޮޑު ކަމެއް.]

ރީޙާން އެތަނުގައި ތިބި މަސައްކަތުގެ ހުރިހާ ބައިވެރިންނާ ވަކިވަކިން ސަލާމް ކުރުމަށްފަހު، ޝުކުރު އަދާކޮށްފައި، ނަޝްވާ އުފުއްލާލިއެވެ.

އެރެޔަށްފަހު ދެން އައީ ރީޙާންގެ ޒަވާޖުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. ނަމަވެސް މިހާރު އިރިފުސްމެ ވަގުތު އޭނާ އެކަނި އަތިރިޔަކަށް ނުދެއެވެ.

އޭރުވެސް އިރިފުސްމެ ވަގުތު އޭނާއާ ޖިންނި އަވަލީ، މައިންބަފައިންގެ ބަސް އަޑުނޭހުމުންނެވެ. މިހާރު އެކަން އޭނާއަށް ވިސްނިއްޖެއެވެ. އަބަދުވެސް މައިންބަފައިން ދަރިންނަށް ދޭނީ ރަނގަޅު ނަޞޭޙަތެވެ. ދެން އެކަން އޭނާ ހަނދާން ބަހައްޓާނެއެވެ.

ރީޙާން މިހާރު ބޭނުންވަނީ، އިރިފުސްމެ (އިރާކޮޅު) ވަގުތު އޭނާއާ އަވަލައި، އޭނާގެ ޙަޔާތުގައި ޖިންނި އަދާކުރި ދައުރު މުޅިން ހަނދާންނައްތާލައި، އޭނާ އަބަދުވެސް އެންމެ ލޯބިވާ ބައިވެރިޔާ، ނަޝްވާއާއެކު އުފާވެރި ދިރިއުޅުމެއް ވެއަތުކުރާށެވެ.

ނިމުނީ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން