ޕަބްލިކް ސަރވިސް މީޑިއާގެ އޮފީސް
ޕަބްލިކް ސަރވިސް މީޑިއާގެ އޮފީސް
ޕަބްލިކް ސަރވިސް މީޑިއާ އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ހުޅުވުމަށްޓަކައި ހަދާނުނިމޭ ޢިމާރާތެއްގެ 02 ފްލޯރ ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދިޔައީ ގަވާއިދާ ޚިލާފަށް ކަމަށް ބުނާ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ 22 ނޮވެންބަރު 2016 ގައި ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލައެކެވެ. އަދި، ދެ ފަހަރެއްގެ މަތިން ދަޢުވާކުރުމަށްޓަކައި ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

އޭސީސީން ބުނީ މި މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެކަން ކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނީ، ޕަބްލިކް ސަރވިސް މީޑިއާ ގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ޕީ.އެސް.އެމް ގެ މައްޗަށް ލާޒިމްކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ޤާއިމްކުރުމަށް ޢިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިޢުލާނާގުޅިގެން ހުށަހަޅާފައިވާ 03 ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކަމަށެވެ.

އެހެންނަމަވެސް، އެބިޑާއެކު ހުށަހަޅާފައިވާ އަރކިޓެކްޗަރަލް ކުރެހުންތަކުން ފްލޯރ ޕްލޭން ރާވާނެގޮތެއް ނޭނގޭތީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ ޢިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީ.އެސް.އެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަޤީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ނިންމިކަމަށެވެ. އެގޮތުން، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާފަދައިން އެ ޢިމާރާތް ބެލުމަށް ޕީ.އެސް.އެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ޕީ.އެސް.އެމްގެ ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭކަމަށް އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން، ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 (ތިރީސްހަތްހާސް) ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. ހަމައެހެންމެ، އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 01 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 01 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން ޢިމާރާތް ޕީ.އެސް.އެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ޙަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީ.އެސް.އެމް އިން ފިޔަވަޅު އަޅާފައިނުވާކަން ވެސް ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައެވެ.

އަދި ހަމައެއާއެކު، އިސްވެ ދެންނެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 (އެއްލައްކަ އެގާރަހާސް) ރުފިޔާ ޕީ.އެސް.އެމް އިން ޢިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވެއެވެ.

އަދި އޭގެ ފަހުން، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލި ކަމުގައިވާ -/74000 (ހަތްދިހަހަތަރުހާސް) ރުފިޔާ ޕީ.އެސް.އެމް އިން ދައްކާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔުންތަކުން އެނގެއެވެ. އެހެންކަމުން، އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބުނާފަދައިން، ޕީ.އެސް.އެމްއާ ޢިމާރާތް ޙަވާލުކުރުމުގެ ކުރިން ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެތަން ކުއްޔަށްދިން ފަރާތުން ފުރިހަމަ ކޮށްފައި ނުވަނީސް، އެ މަސައްކަތްތައް ހުރީ އެއްބަސްވުމުގައިވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް، ޕީ.އެސް.އެމް ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ، މުޙައްމަދު ހާޝިމް (ފާލްސާގެ / ކ.މާލެ) އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާތީ، އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތް ކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން