ޒަހީނުއްދީން ސަޢީދު   25 ނޮވެމްބަރު 2020 - 11:57
ވަޅޯމަސް މާރުކެޓް ބިއްދޮށުގައި ނިދައި ކައިބޮއި ހަދައި އުޅޭ ޒުވާނަކު ރަސް އޮންލައިނާ ވާހަކަ ދައްކަނީ
ވަޅޯމަސް މާރުކެޓް ބިއްދޮށުގައި ނިދައި ކައިބޮއި ހަދައި އުޅޭ ޒުވާނަކު ރަސް އޮންލައިނާ ވާހަކަ ދައްކަނީ
މިހާރަކަށް އައިސް ގޭގެއިން އުކާލަން ނެރޭ ކާތަކެތީގެ ކުނި ކޮތަޅުތައް ހާވާ ޒުވާނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ގޮތަށް ކޮތަޅުތައް ހާވާ ބައެއް މީހުން ފުޅިފުޅި އާއި ދަޅުދަޅާއި ޕެކެޓްތަކުގެ ފުލުގައި ހުންނަ ބާކީ އެތިފޮދު ބޮއެ ހަދާތަން މިހާރަކަށް އައިސް ފެންނަނީ މަދެއްކޮށެއް ނޫނެވެ. މާލޭގައި ވަންނާނެ ބޯހިޔާވަހި ކަމެއް ނެތި އެގޮތް މިގޮތަށް މަގުމައްޗަށް ގިނަވެ "ލާޗާރު ބިޗާރިވެގެން" އުޅެނީ ހަމަ ދިވެހި ޒުވާނުންނެވެ. ޒުވާން ކުދީންނާއި މީހުން މިހާލަތަށް ދިޔައީ ކީއްވެގެން ހެެއްޔެވެ؟ އެއީ ހަމަ ކޯވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތެއް ނެތިގެން ހެއްޔެ؟ ކުރިން މިމީހުން ކޮބައިހެއްޔެވެ؟ ކުރިން އެމީހުން އުޅުނީ މުޅިން ވެސް ވައްކަން ކޮށްގެންނާއި "ޕީސް ކޮޅު" ވިއްކާލައިގެން ހެއްޔެވެ؟ އެކަމަކު މިގައުމު ދުވަހަކުވެސް ނުދާ މިހާލަތަށް ދާން ދޫކޮށްލުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ހެއްޔެވެ؟ މިކަންކަން ބަލާނެ ވަޒީރަކު، ކޮމިޝަނަރަކު ނޫނީ އެހެންވެސް އެފަދަ އިދާރާއެއް، ކޮމިޝަނެއް، ކޮމިޓީއެއް ވެސް ހަމަ ނެތީ ހެއްޔެވެ؟ ނޫނީ މިއީ ގަސްތުގައި މި މަންޒަރު މި ގައުމުން ދައްކަން ވެގެން ބަޔަކު ކޮށްގެން އުޅޭ ކަމެއް ހެއްޔެވެ؟ މިހިރީ މި ދައްކާން އުޅޭ ވާހަކަތައް އަޑު އައްސަވާފައި ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ވެސް އުފެދޭނެ ސުވާލު ތަކެވެ.

މާލޭގައި ހާލުގައި ޖެހި މަގުތަކަށް ގިނަވެފައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ޑްރަގް ފަރުވާއަށް ކަމަށް ބުނެ އެ ޒުވާނުން މާލެ ތެރެއަށް ގެނެސް ދޫކޮށްލަނީ ހަމަ ސަރުކާރުންނެވެ. ޑްރަގް ކޯޓަށް ފަރުވާއަށް މާލެ ގެނެސް ޒުވާނުން ދޫކޮށްލުމުން އެ ޒުވާނުންވަނީ މަގުމަތިވެފައެވެ.

އެތައް މަހެއް ފާއިތުވެގެންދާއިރު ވެސް ފަރުވާގެ ޚަބަރެއް ނުވެއެވެ. ފަރުވާ ބޭނުންވެފައިވާ އެތަކެއް ޒުވާނުން މިއަދު ވަނީ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަހާތަން ހިރުވާވެސް ނުލައެވެ. އާއިލާގެ އެހީތެރިކަމުން މަހުރޫމްވެފައިވާ އެޒުވާނުން މާލޭގައި ބޯހިޔާވަހިކަމުން މަހުރޫމްވެ ހަދާނެ ގޮތް ވަނީ ހުސްވެފައެވެ. ބަނޑު ފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތްތާގައި އެންމެ ކުޑަމިނުން ގައިން ތާހިރުވެވޭނެ ގޮތެއް ވެސް ނެތެވެ. އެހީތެރިކަމަށް އެދި ދާނެ ސަރުކާރުގެ މުވައްސަސާ އެއް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއް ނުވެއެވެ.

ޕާކްތަކާއި މާރުކޭޓް ގޮޅި އާއި މިސްކިތްތަކާއި މާލޭގެ ރަސްފަންނުގައި ހުރި ޕެވިލިއަން ގައި ވެސް ވަންނާނެ ގެދޮރެއް ނެތް ޒުވާނުން ތަންމަތި އަޅައިގެން ނިދާހަދަނީއެވެ. ކޮވިޑާއެކު ހާލުގައި ޖެހުނު މިދެންނެވި ފަދަ މީހުންގެ ތެރެއިން ވަޅޯމަސް މާރުކޭޓުގެ ބިއްދޮށުގައި ހުންނަ ގޮޅިތަކުގައި އާންމުކޮށް ނިދާ މީހުންނަކީ ޑްރަގް ފަރުވާއަށް މާލެ ގެނެސްފައި ތިބި ޒުވާނުންނެވެ. މާރުކޭޓް ބިއްދޮށުގައި ހުރި އެފަދަ 11 ގޮޅިއެއްގެ ތެރޭގައި ކޮންމެ ރެއަކުވެސް ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ނިދައެވެ. 25 އާއި 30 އާ ދެމެދުގެ އަދަދަކަށް އެ ގޮޅިތަކުގައި މީހުން ދިރިއުޅެއެވެ. ބައެއް ގޮޅި ގޮޅީގައި ތިން މީހުން ވެސް ނިދާފައި ތިބެއެވެ.

"ރަސް އޮންލައިން" ގެ ނިއުސް ޓީމް މާރުކޭޓް ސަރަހައްދަށް އިއްޔެ މެންދުރު ދިޔައިރު އެގޮޅިތަކުގައި ބައެއް ޒުވާނުން ނިދާފައި ތިއްބެވެ. އެތަނުގައި ގޮޅިއެއްގައި އާންމުކޮށް ނިދާ ޅ. ނައިފަރަށް ނިސްބަތްވާ ޒުވާނަކު ބުނީ، އޭނާ މާލެ އައީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ކަމަށާއި، އާއިލާގެ އެހީތެރިކަމެއް ވެސް ނުލިބި ވަންނާނެ ތަނެއް ނެތި މަގުމަތިވެ ހާލުގައި ޖެހިފައިވާ ކަމަށެވެ. ފަރުވާ އަށް ދާން ބޭނުންވެގެން އެތައް ފަހަރަކު ނަންނޯޓްކޮށްގެން މިހާތަނަށް އަލިމަގެއް ނުފެނި އެ ޒުވާނާ ވަނީ މާޔޫސްވެފައެވެ. އެގޮތުން ފަރުވާ އަށް މާލެ ގެނެސް އެތައް މަހެއް ވާއިރުވެސް ޚަބަރެއް ނުވާ ކަމަށް އެ ޒުވާނާ ރަސްއޮންލައިނަށް ކިޔައިދިނެވެ.



"މާދަން ގުޅާނަމޭ ބުނެ އެ މާދަމާ އެއް ދުވަހަކު ނުފެނޭ. ފަރުވާ އަށޭ ކިޔާފައި މިގެންނަނީ ކޯޓަށް، ގެނެސްފައި އެސެސްމަންޓް މިހަދަނީ ހަދާފައި މިބުނަނީ ކޯޓަށް ފޮނުވާފައި އަންގާލާނަމޭ. ދެމަސް ތިން މަސް ތެރޭގައި އެގޮތަށް ހުކުމްވެސް ކުރަނީ އެ ދެމަހެއް ނާދޭ އަހަރު ދެއަހަރުވާއިރު، ރަށައް ދާތަނުން ވެސް ގެނެސްދާނެ މާލެ، އެދުވަހެއް ނޭގޭނެ. މާދަން ވާނެ ގޮތެއް ނޭގޭ، އެހެންވެ ހުންނަންޖެހެނީ އެހެން ދިގުދެމިގެން މިދަނީ ހަމަ." އެ ޒުވާނާ ބުންޏެވެ.

އެޗްްޕީއޭގެ ގަވާއިދުގައި ބުނާގޮތުން މާލެއިން ރަށްރަށަށް ދާ މީހުން އަދިވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަަމަ ކުރަން ޖެހޭތީ އެގޮތަށް މާލެ ގެންނަ ޒުވާނުން ފަރުވާއަށް ދެވޭނެ ދުވަހެއް ނޭގޭތީ އަނބުރާ ރަށައް ދެވޭނެ ގޮތެއް ވެސް ނޯވެއެވެ. ހަގީގަތަށް ބުނާނަމަ އެމީހުން އެގޮތަށް މިހާރު މާލެ ގެނައިމާ ރަށު ބަންދުވަނީއެވެ. ރަށަށް ދިއުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެދުމުން އެކަމުގެ ހުއްދަ އެޗްޕީއޭއިން ދެނީ އެ މީހަކު ނުވަތަ ބަޔަކު ކަރަންޓީނުގައި ތިބޭ ތަނެއް ކައުންސިލާއި އެ ރަށުގެ އާރުއާރްޓީ ޓީމުން ބެލުމަށްފަހު އެއީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭ ތަނަކަށް ވާނަމައެވެ. އެހެންކަމުން އެމީހުންނަށް ހަގީގަތުގައި ގޮތް ހުސްވެ މާލޭގައި މަގުމަތިވެގެން އުޅެން މަޖުބޫރުވަނީއެވެ.

"ހަމަސް ހަތްމަސް ވަނީ މިހެން އުޅޭތާ، ލޮކްޑައުންގައި ވެސް އުޅުނީ މިހެން ދިނިއްޔާ ކައިގެން ނުދިނިއްޔާ ނުކައި، ފާޚާނަކުރަނީ މިތާކައިރި މިހުރި މިސްކިތު ފާޚާނާ އިން ތިން މަސްވެދާނެ ބައެއް މީހުން ފެންނުވަރާތާ. ދަބަސް އަޅުވައިގެން ގިނައިން އުޅޭނީ މިތާ ނިދާ ހަދާ ކުދިން ތަންތަނުގައި ލިބޭ ގަމީސް އެއްޗެހި ހޮވައިގެން ލައިގެން އުޅެނީ. އެ އެއްޗެހި 20 ރުފިޔާ އަށް ބިދޭސީންނަށް ވިއްކައިގެން ކައި އުޅެނީ، ދެންމެވެސް މިއައީ މާރުކޭޓް ގޮޅިތަކުން އާދޭސްކޮށްފައި މިހާރު މިކަނީ ޑަސްބިނުން ހޮވި ބިސްކޯދު ޕަކެޓެއް." ބިސްކޯދު މޮޑެގެން ކާން އިން އެ ޒުވާނާ ރަސްއޮންލައިން އަށް ކިޔައިދިނެއެވެ.

ފަރުވާ ކޮށް މުޖުތަމައަށް އަންނަން ބޭނުންވި ނަމަވެސް އެ ފުރުސަތުން އޭނާ ފަދަ އެތަށް ޒުވާނުން ވަނީ މަހުރޫމްވެފައެވެ. އެއީ ހަގީގަތުގައި ސަރުކާރުގެ ޒިންމާ ނަގަން ޖެހޭ ކޮންމެވެސް ބަޔަކު ޒިންމާ ނުނެގުމުގެ ނަތީޖާއެވެ. އޭނާވެސް ހިއްސާވާ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަންގަވައިގެން ނަލަ އެއާކޯން ކާރުގައި ދުއްވައި، ބައްދަލުވުމެއް އޮތިއްޔާ ރައީސުލްޖުމްހޫރިއްޔާއަށް ، މޮޅު ވާހަކަ ކިޔައިދިނުމާއި "ދަންނަވަންތޯ" ނޫން އެހެން ކަމެއް ނުކުރެއެވެ. މިދެންނެވި ފަދަ ހިސާބުގައި މުޅިން ވެސް ތިބީ "އަލީ ވަހީދު ވިދާޅުވާހެން ގަޑިން ގަޑިއަށް ސައިބޮއިލައިގެން ގުޅަތަށްޓެއް ކައިލައިގެން" ތިބޭ މީހުންނެވެ. މަދުން ނޫނީ ޒިންމާ ނަންގަވާ ބޭފުޅަކު ނޫޅުއްވައެވެ. މިއީ ހަމަ ކޮންމެ ސަރުކާރެއް އޮތަސް ވާވަރެވެ. ނަންވާނީ އަބަދުވެސް "ބްރޯ" އެވެ.

މިއީ ޔޯލަކޮށްލާފައި ދައްކާ ވާހަކައެއް ނޫނެވެ. އެގޮޅިތަކުގައި އެ ޒުވާނާ އަށް ކުރިމަތިވެފައިވާ ހާލުޖެހިފައިވާ އެތަކެއް ޒުވާނުން މި މާލޭގައި އުޅެމުންދާކަން ސަރުކާރުގެ ބައެއް ވަޒީރުންނަށް އެނގިވަޑައިގަންނަވާކަން އިއްޔެ ހޯމް މިނިސްޓަރ ކުރަށްވާން ފެއްޓެވި މަސައްކަތުން ވެސް އެނގި ޔަގީން ވެއެވެ. މިސްކިތްތަކުގައި ނިދައި ކައިބޮއި ގައިން ތާހިރުވެ އުޅޭ ބަޔަކު އުޅޭކަން ދާޚިލީ ވަޒީރަށް ރޭކާލިކަން ވެސް ނަސީބެކެވެ. އެކަން ހައްލު ކުރަށްވާން ކޮމިޓީއެއް ހެއްދެވިކަން އަދި މާބޮޑު ނަސީބެކެވެ. މިސަރުކާރަކީ ކޮމިޓީއާއި ކޮމިޝަން ހަދައިގެން ކަންކަން ހައްލުކުރާ ސަރުކާރެއް ކަމަށް މީހުން ބުނެއެޅޭތީ ދާޚިލީ ވަޒީރަށް ވެސް އެކަން ހައްލު ކުރެއްވޭނީ އެމަގުން ހިނގައިގެންތާއެވެ.



އާންމުކޮށް އިރުއޮއްސި 6:30 އާއި ރޭގަނޑު 8:00 އާއި ދެމެދު ގޮޅިތަކުގައި ދިރިއުޅޭ ޒުވާނުން ކެއުމަށް މާރުކޭޓް ގޮޅިތަކަށް ދެއެވެ. ކެއުން ހަމަޖައްސައިދެނީ ހެއު އެދޭ ފަރާތަކުންނެވެ. ކައިގެން އެ ޒުވާނުން ގޮޅިތަކުގައި ނިދަނީއެވެ. ޒުވާނުން ގޮޅިތަކުގައި ނިދާފައި ތިއްބާ ދެން ކުރިމަތިވަނީ ފުލުހުންގެ އުނދަގުލެވެ. ބައެއް ރޭރޭ ނިދާފައި ތިއްބާ ފުލުހުން އައިސް ބޫޓުން ތަޅާ ތެދުވެގެން ދާން ބުނެ އެވެ. އެހެން ނަމަވެސް ދާނެ ތަނެއް ނެތުމުން އެ ޒުވާނުންނަށް ވަނީ އެތަނުގައި ތިބެން މަޖުބޫރުވެފައެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލައިގެން ތެދުވެ ގޭގެއިން އުކާލާފައި ހުންނަ ކޮތަޅާއި ގޮނޑު ހޮވައިގެން އެއްޗެހި ވިއްކައިގެން ކާނެ އެއްޗެއް ހޯދަން ނިކުންނަނީއެވެ. ކަރުދާސް ފޮށި ހޮވައިގެން ވިއްކާ ޒުވާނުން ވެސް މާރުކޭޓް ސަރަހައްދުގައި އުޅެއެވެ. ގޮނޑުންނާއި ކޮތަޅުތަކުންނާއި މީގެ އިތުރުން ބައެއް ތަންތަނުން ވަގަށް ނަގާ އެއްޗެހި ވިއްކުމަށް ނީލަން ފިހާރަ ކައިރީގައި އެ ޒުވާނުން ގިނަ ވަގުތު ހޭދަކުރެއެވެ.

"އަޅުގަނޑުގެ ހަޔާތުގައި ވެސް ދިވެހި ޒުވާނުން، ނުވަތަ އެއްވެސް އުމުރެއްގެ ބަޔަކު ޑަސްބިން ހާވައިގެން ކައިބޮއި އުޅޭ ތަނެއް ނުދެކެން. ދުވަހަކު އަޑެއްވެސް ނާހަން. އެކަމަކު މިއަދު އަޅުގަނޑުގެ ލޮލަށް އެމަންޒަރު ފެނުމުން ގަބޫލުކުރަން ވެސް ދަތި. އެކަމު އެއީ މިއަދުގެ ހަގީގަތް." އަމިއްލަ ވިޔަފާރި ކުރާ އަދި ކުރިން ދައުލަތުގެ ޓީވީން ވަރަށް ގިނަ އިންފެނިފައިވާ ބޭފުޅަކު ވަރަށް އަސަރާއެކު އޭނާގެ ވާހަކަތައް މިނޫހާ ހިއްސާ ކުރަށްވަމުން ވިދާޅުވިއެވެ.

މިމައްސަލައިގައި "ރަސް އޮންލައިން" އާއި ވާހަކަ ދެއްކެވި ދުވަސްވީ އަންހެނަކު ވިދާޅުވީ "މިއުޅޭ ޒުވާނުންގަނޑު" ފަހަތުން ހިނގާ ސަލާން ޖަހާވަރުން މިހާރު މަގުމައްޗަށް ނުކުންނަން ވެސް އުނދަގޫ ކަމަށެވެ.

"މިހާރު މަގެއްގެ މައްޗަކަށް ނުނުކުމެވޭނެ، އެއިން ކުއްޖަކު އައިސް، ދައްތާ ދިހަ ރުފިޔާ ދީބަލާށޭ، ނުކައި ހުންނަތާ ދެދުވަސް ވެއްޖެއޭ ކިޔައިގެން ފަހަތުން ނުހިނގާނެ ކަމަކަށް." އޭނާއަށް މަގުމަތިން މިހާރު ފެންނަ މަންޒަރު ހިއްސާ ކުރަށްވަމުން ވިދާޅުވިއެވެ.

ޑްރަގް ފަރުވާ އަށް ކަމަށް ބުނެެ ޒުވާނުން ގެނަސް މާލެ ތެރެއަށް ދޫކޮށްލުމުން ހާލުގައި ޖެހި މަގުމަތިވުމުގެ ޒިންމާ ސަރުކާރުގެ ކޮންމެވެސް ވުޒާރާއަކުން ނޫނީ އިދާރާއަކުން ނަގަންޖެހެއެވެ. އެކަން އެހެން ދިމާވަނީ ސަރުކާރުގެ ކޮންމެވެސް ފަރާތެއްގެ އިހުމާލުންނެވެ. ރާއްޖޭގެ ޖުޑިޝަރީގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ މިހާރު ސަރުކާރުގައި ތިބި އިސް ވެރިންނަށާއި މަޖިލީހުގެ މެންބަރުންނަށެވެ. އެހެންވީމާ ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްތައް ހިނގާ ބާރު، ފިނިހަކަ ސްޕީޑް އެންމެ ރަނގަޅަށް އެނގޭނީ މިދެންނެވި ފަރާތްތަކަށެވެ. ޑްރަގް ފަރުވާ އަށް މާލެ ގެންނަ ޒުވާނުން މަގުމައްޗަށް ދޫކޮށްނުލައި ވެސް އެކަން ކުރެވޭނެ ގޮތް އޮންނާނެއެވެ. ހަމަ ގައިމުވެސް މި ކޯވިޑްގައި ފެނިގެން ދިޔަ އެއްމަންޒަރަކީ ރާއްޖޭގައި އުޅޭ ބަނގްލަދޭޝްގެ "ބޭފުޅުން" ހާލުގައި ޖެހުނަ ނުދިނުމަށް އެމީހުންނަށް ބޯހިޔާވަހިކަންދީ ކާންބޯންދީގެން ބެލެހެއްޓި ތަނެވެ. ހަމަ އެގޮތަށް ހާލުގައި ޖެހިގެން މަގުމަތީގައި އުޅޭކަމަށް މިބުނާ ދިވެހިން ނުބެލެހެއްޓޭންވީ ސަބަބެއް ނެތެވެ.

މިހާރުވެސް އެކި ކަހަލަ ފަރުވާއަށް ޙުކުމްކޮށް ފަރުވާ ނުފެށި 889 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒަކަށް ގެންގޮސް (ރެސިޑެންޝަލް) ފަރުވާ ދޭން ޖެހޭ 602 މީހަކާއި، ކޮމިޓީ ފަރުވާއަށް ޙުކުމް ކޮށްފައިވާ 223 މީހެއްގެ އިތުރުން، އިންޑިވިޖުއަލް ( 3 މަހުގެ) ފަރުވާއަށް ޙުކުމް ކޮށްފައިވާ 64 މީހެއް ހިމެނެއެވެ. މިއީ ފަރުވާއަށް ޙުކުމްކޮށް، ފަރުވާ ނުފެށި ކިއޫގައި ތިބި މީހުންގެ ތަފާސް ހިސާބުތަކެވެ.

މިހާރު އޮންނަ އުސޫލަކީ ޖާގަ ނުލިބިގެން ފަރުވާ ލަސްވާނަމަ ޝަރުތުތަކެއް ކޮށްފައި މުޖުތަމައަށް ދޫކޮށްލުމެވެ. އެކި ސަބަބުތަކާހުރެ ފަރުވާ ލަސްވި ނަމަވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާދޭންޖެހޭ މީހުން އެ ލަސްވާ މުއްދަތުގައި ބައިތިއްބަން އެކަށީގެންވާ ރިމާންޑް ސެންޓަރުތަކެއް ޤާއިމުކުރަން ޖެހޭނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބުނެފައިވެެެއެވެ. އެހެން ނަމަވެސް އެކަށީގެންވާ ރިމާންޑް ސެންޓަރެއްވެސް ރާއްޖޭގައި ނެތެވެ.

ކޮންމެ އަހަރަކު އެފަދަ އެތައް ބަޔަކަށް ފަރުވާއަށް ޙުކުމް ކުރާއިރު، ފަރުވާގެ ކަންކަން ބަލަހައްޓައި އިންތިޒާމުކުރުމު ޒިންމާ ހަވާލުވެފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޒިންމާ އަދާކުރުމުގައި މިވަނީ ފެއިލްވެފައެވެ. މީގެސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާ ބޭނުންވާ އަދި އެ ފުރުސަތުން މަހުރޫމްވެ މުޖުތަމައަށް ގިނަވެ ސަލާން ޖެހުމާއި ވައްކަން ކުރުމާއި ފޭރުން ފަދަ ކުށްތަަކަށް އަރައިގަންނަން މަގުފަހިވެގެންދެއެވެ. ޤައުމުގައި މަސްތުވާތަކެތީގެ މައްސަލަތައް މޫލައި، އެ މޫތަކުގެ ވަބާ މުޅި ޤައުމަށް ފެތުރިގެން ދިޔައީ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ދޯހަޅި ސިޔާސާތު ތަކުގެ ސަބަބުންނެވެ. މިސަރުކާރުން އައީ އެކަންކަން ހައްލު ކުރަން ވައުދު ވެގެންނެވެ. އެހެންވީމާ އިމްރާނަކަސް މަހުލޫފަކަސް އެމްސީ ހަމީދަކަސް އެއްވެސް ބަހާނާއެއް ދެއްކެވޭކަށް ނޯންނާނެއެވެ. އޮތް ގޮތަކީ އަމީނު ވެސް ހެއްދެވިހެން ޒިންމާ ނުނެންގެވެންޏާ އަވަހަށް މަގާމުން ދުރަށް ވަޑައިގެންނެވުމެވެ.

މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ މިފަދަ ޒުވާނުންގެ ސަބަބުން އިތުރު ކުށްތަކަށް އަރައިގަންނަ މިންވަރުވެސް އިތުރުވެ އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ވަނީ އުފެދެން ފަށާފައެވެ. އެފަދަ ޒުވާނުން ކުށްތަކަށް އަރައިގަތުމުން ތަޅާ އަނިޔާކޮށް ބަރަހާނަކޮށް މަގުމަތީގައި ގަން ހިންގުމަކީ އެފަދަ މައްސަލަތަކުގެ ހައްލެއް ނޫނެވެ. އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި މުޖުތަމައުންވެސް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިންތިހާ އަށް ބޭނުމެވެ. ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމަ އަށް އަދާކުރަންޖެހެއެވެ. އެމުވައްސަސާ ތަކަށް އަޑު ނީވޭނަމަ އެ އަޑު އިއްވުމަށް ކޮންމެވެސް ބަޔަކު މަސައްކަތް ކުރަން ޖެހެއެވެ. ރައްޔިތުންގެ މާލިއްޔަތުން ބޮޑެތި މުސާރަތައް ނަގައިގެން މުވައްސަސާތަކުން، ބޮޑެތި ނަންނަން ކިޔާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ޒިންމާ އަދާނުކޮށް ތިބުމަކީ ވަރަށް ލަދުވެތިކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


22

6އޭ

01-Dec-2020

ތި އީި ވަރަށްބޮޑު ތެދެއް އަރެންވެސް ތިމަންޒަރު ދުށީން ބާޒާރުން ދިވެހި ޒުވާނުން ބަނދަރު މަތީ ކަރުދާސް ފޮށިތައް ހިފައިގެން މީހުންގެ ފަހަތުންއާދެސް ކުރަމުން ދާތަން ބޭބެ ގަންނަ ތަކެތި ބަންދު ކުރަން އަޅުގަނޑު އަތަށްދޭށޭ ކިޔަމުން ދުވާތަން އެކަމު އެއީ ހާލުޖެހިގެން އުޅޭ ބައެއްކަން އަދި މިއެގުނީ ހުރިހާމީނުން އެ ޒުވާނުންނަށް އެހީތެރިވެދިނުމަކީ ވަރަށްބޮޑު އެދުމެއް


0

މޯޑު

27-Nov-2020

ބަނގުލަދޭސް މީހުނނައްވުރެ ހާލުގަ ދިވެހި ޒުވާނުން މިއަދު އުލެންޖެހިފައި މިވަނީ މިސަރުކާރުގަ އަވަސް ހައްލެއް ބޭނުން އެންޑީޕީ (ސޯޅިހް/އަންނި)


0

މޯޑު

27-Nov-2020

ބަނގުލަދޭސް މީހުނނައްވުރެ ހާލުގަ ދިވެހި ޒުވާނުން މިއަދު އުލެންޖެހިފައި މިވަނީ މިސަރުކާރުގަ އަވަސް ހައްލެއް ބޭނުން އެންޑީޕީ (ސޯޅިހް/އަންނި)


5

އަލި

27-Nov-2020

ރަސް ނޫހަށް ޝުކުރިއްޔާއެވެ.


36

ބަކުރުބެ

26-Nov-2020

ހަކުރު ބަލީގެ ޒުވާނުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢު އަށް ގެނައުމަގަ ހުރިހާ ސަރުކާރެއްވެސް މިއަދާ ހަމައަށް އޮތީ ފެއިލްވެފަ


9

މުޙައްމަދު

26-Nov-2020

ތިވާހަކަ ރަނގަޅު


20

ހައިސަމް

26-Nov-2020

ފަރުވާ ހޯދަން ގިނައިން އުޅެނީ އެކަން ބޭނުންވާ މީހުނެއް ނޫން. ޖަލުހުކުމަކުން ސަލާމަތްވާންވެގެން އުޅޭ ބައެއް އެއީ، ފަރުވާއަށް ގޮސްފަވެސް ފަރުވާ ފުރިހަމަ ނުވަނީސް ފިލައިގެން ދަނީ.


4

ޒުވާނާ

26-Nov-2020

އަތް ފައިގައި ބާރު ހުރި ޒުވާނުން ތީ.. އަމިއްލަ އަށް މަސައްކަތް ކޮށްގެން ކެވޭނެ.. ގައުމުގަ ކުރާނެ މަސައްކަތް ބައިވަރު.. ތި މުދާފެރީ ކައިރިޔަށް ގޮސް އެއްޗެއް އަރުވާލަ ދިނަސް ކާ އެތިކޮޅު ލިބޭވަރު ވާނެ



ޓްރެންޑިން