ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިގަމުން ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިގަމުން ދަނީ
ޙުސައިން ރަޝީދު އަޙްމަދު

މަޖިލީހުގެ ހޫނު ބަހުސު މީޑިޔާގެ އަމާޒު:

މިދުވަސްކޮޅު މީޑިޔާގައި އެންމެ ހޫނުވެފައިވާ އެއް ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމު ޤުރުއާނުގެ އާޔަތެއް ކިޔަވައި ވިދާޅުވިހިނދު ރިޔާސަތުން އެކަމާ އިންކާރު ކުރެއްވުމުންނެވެ. މީޑިޔާގައި ބައެއް ޝައިޚުން ވެސް ރިޔާސަތުގެ އެޢަމަލަށް ފާޑުވިދާޅުވެފައި ވެއެވެ. ކިޔެވި އާޔަތެއްވެސް، ކިޔެވި ބޭނުމެއްވެސް ބެއްލެވުމެއްނެތިއެވެ. މަނާކުރެއްވީ ކޮން ސަބަބަކާ ހުރެތޯވެސް އަޑު އައްސަވާލެއްވުމެއް ނެތިއެވެ. އަދި އާޔަތް ކިޔެވީ މުނާސަަބު މަޤާމެއްގައި، މުނާސަބު ފަރާތަކުންތޯވެސް ބައްލަވާލެއްވި ކަމެއް ނޭގެއެވެ.

ޤުރުއާން ކިޔެވުން މަނާވެގެންވަނީ ހަމައެކަނި ފާޚާނާގައެވެ.

ޤުރުއާނަކީ ﷲގެ ކަލާމްފުޅެެވެ. އެއިލާހުގެ ކަލާމުފުޅު ކޮންމެ ތަނެއްގައިވެސް މުސްލިމަކަށްވީތީ ކިޔެވޭނެއެވެ. ކިޔެވުން މަނާވެގެން ވަނީ ހަމައެކަނި ފާޚާނާގައެވެ. އެނޫންތަނެއްގައި މަނާވެގެން ނުވެއެވެ. ވަކިންޚާއްޞަކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގެންފައިވާ މިނިވަންކަމަކީ މާފުރިހަމަ މިނިވަން ކަމެކެވެ. މަޖިލީހުގެ ތަޅުމުގައި ކުފުރުގެ ބަހެއް ބުންޏަސް އެކަން ކުށްވެރި ކުރެވޭކަށް ނޯވެއެވެ. އެހެންކަމަށް ވާނަމަ ޤުރުއާން ކިޔެވުމުގެ މައްސަަލައެއް އެބައޮތްތޯއެވެ؟ ކޮންމެހެން ރިޔާސަތަށް ކިޔެވޭ އާޔަތުގައި ކުށްކިޔެވޭތޯ ވެސް ބައްލަވާކަށް ނުޖެހެއެވެ. މިހެނީ ކިޔަވަން ރަނގަޅަށް ނުދަންނަ މީހާއަށް ކޮށަކޮށައިގެން ކުށްކިޔަމުން ދާހާލު ކިޔެވުމަކީ ވެސް ކިޔަވަން ދަންނަމީހާއަށް ވުރެން އިތުރަށް އޭނާއަށް ސަވާބުލިބޭނޭ ކަމެއްކަމުގައި ޢާލަމްތަކަށް ކައުކުރެއްވި ނަބިއްޔާގެ މޫރިތި ބަސްފުޅުން ސާބިތުވާތީއެވެ.

ޤުރުއާން ކިޔަވާމީހާ ޤުރުއާން ކިޔަވާނީ ދެބޭނުމެއްގެ ތެރެއިން އެއް ބޭނުމަކާހުރެއެވެ. ފުރަތަމަ ބޭނުމަކީ އަޅުކަމެއްގެ ނިޔަތުގައި ޤުރުއާން ތިލާވަތު ކުރުމެވެ. މިހާލަތުގައި ކިޔެވޭ އާޔަތްތަކުގެ މާނަ ނޭގުނު ކަމުގައި ވިއަސް ކިޔަވާ މީހާއަށާއި އަޑުއަހާ މީހާއަށް ސަވާބު ދެއްވާނެއެވެ. ދެވަނަ ބޭނުމަކީ ތިމާ ހުށަހަޅާ ވާހަކައެއްގެ ދަލީލު ދެއްކުމުގެ ގޮތުން ކަލާމު ﷲ އިން ޙުއްޖަތް ލިބިގަތުމަށް، ކަމާގުޅޭ އާޔަތެއް ނުވަތަ އާޔަތްތަކެއް ހުށަހެޅުމެވެ. އެހެނަސް މިކަން ކުރަންޖެހޭނީ ޤުރުއާނާއި ސުއްނަތުން ޙުއްޖަށް ނެރެންއެނގޭ ފެންވަރުގެ މީހެކެވެ. ނޫންނަމަ ތިމާ ހިތުހުރި ގޮތަށް ﷲގެ ކަލާމްފުޅު ބޭނުންކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެއީ މުސްލިމަކު ކުރާނެ އެންމެ ބޮޑު ފާފައެވެ. މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން އިމާމު އަބޫދާއޫދާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ قَالَ فِي الْقُرْآنِ بِغَيْرِ عِلْمٍ فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ - وَمَنْ قَالَ فِي الْقُرْآنِ بِرَأْيِهِ فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ. قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ މާނައީ: ލޮބުވެތި رَسُولُ اللَّهِ H ޙަދީޘު ކުރަށްވާފައި ވެއެވެ. ތިމާގެ ކިބައިގައި ތަފްސީރު ޢިލްމުނެތި، ދީނުގެ ޢިލްމުވެރިންގެ ފަރާތުން ރައުޔެއް ނުހޯދައި، ތިމާގެ އަމިއްލަ ރައުޔަށް ބުރަވެހުރެ ޤުރުއާނުގެ އާޔަތެއްގެ މާނަކޮށްފިމީހާ ދަންނާށެވެ! ހަމަކަށަވަރުން އެމީހަކު ތިމާގެގޮނޑި ނަރަކައިން ކަނޑައަޅާހުށިކަމެވެ.

އެހެންކަމުން ތިމާއަށް ޢަރަބި ބަސް އެނގުނަސް އަދި ޤުރުއާނުގެ މާނަ އެނގުނަކަސް އެއާޔަތެއްގައި ﷲގެ މުރާދަކީ ކޮބައިކަން ނޭގި މާނަކޮށްގެން ނުވާނެއެވެ. މިހެނީ ޤުރުއާނުގެ މާނަކޮށް އޭގެ އާޔަތްތަކުގެ މުރާދު ބަޔާންކުރާ މީހަކަށް ވަރަށް ގިނަ ޢިލްމު ލިބިފައި ހުންނަން ޖެހެއެވެ. އެހެން ނޫންނަމަ އެމީހާއަށް އަރައިގަނެވެނީ ވަރަށް ބޮޑު ފާފައަކަށެވެ. ޤުރުއާނުގެ އެންމެ ބޮޑު މުފައްސިރު ކަމުގައިވާ ޢަބްދު ﷲ އިބްނި ޢައްބާސްގެ އަރިހުން މީހަކު ސުވާލު ކުރިއެވެ. ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ މިއާޔަތުގެ މުރާދަކީ ކޮބައިތޯއެވެ؟ (މާނައީ: ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟުރަތަށް ގެންދެވެއެވެ.) މިމީހާގެ ސުވާލަށް ޖަވާބު ދެއްވަމުން އިބްނި ޢައްބާސް ވިދާޅުވިއެވެ. تَعْرُجُ الْمَلاَئِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ (މާނައީ: ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެންމެހައި މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެކަލާނގެ ޙަޟުރަތަށް އަރާވަޑައިގަންނަވާނެތެވެ.) ﷲގެ މިވަޙީ ބަސްފުޅުގެ މުރާދު އެނގޭހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ކަލޭގެފާނަށް މިދަންނަވަނީ ތިޔަ ބަސްފުޅުގެ މުރާދު ދެނަގަތުމަށް ނޫންތޯއެވެ؟ އެހިނދު އިބްނި ޢައްބާސް ވިދާޅުވިއެވެ. މާތް ﷲއާއި އެއިލާހުގެ ރަސޫލާ ނާންގަވާ އެއްޗެއް ﷲގެ ކަލާމްފުޅުން އަމިއްލައަށް ނެރެ ބަޔާންކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަލާމް ލެއްވި ޖިބްރީލުގެފާނު ވަޑައިގެން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަވަނީ ލޮބުވެތި ރަސޫލާއަށް އުނގަންނަވައި ދެއްވާފައެވެ. ލޮބުވެތި ޞަޙާބިން ޚާއްޞަކޮށް ތަފްޞީރު ކުރެއްވުމުގައި ދެމިތިއްބެވި ބޭކަލުން ވަނީ ކީރިތި ރަސޫލާގެ އަރިހުން މާނަ އުނގެނިވަޑައިގެންފައެވެ. ތާބިޢީ ބޭކަލުންގެ ތެރެއިން މުފައްސިރުން ވަނީ މިދެންނެވި މުފައްސިރު ޞަޙާބީންގެ ފަރާތްޕުޅުން ސަނަދާއެކު އާޔަތްތަކުގެ މާނައާއި މުރާދާއި އާޔަތް ބާވައިލެއްވުނު ސަބަބަށް ދާނދެން ހޯއްދަވާފައެވެ. އެއަށްފަހު ތަފްޞީރު ޢިލްމުވެރިިންވަނީ އަޅުގަނޑުމެންނާ ހަމައަށް މިމުރާދުތައް ޤަލަންކުރަށްވައި ފޯރުކޮށް ދެއްވާފައެވެ.

ދަންނަވަންތޯއެވެ؟ އަޅުގަނޑު މިވާހަކަ ލިޔަނީއަކީ ވަކި މީހަކަށް ތާއީދު ކުރާތީއެއް ނޫނެވެ. މަޖިލީހުގެ ރައީސަށް ހެއުއެދިގެނެއްވެސް ނޫނެވެ. އަދި ހޯމް މިނިސްޓަރު ޢިމްރާން ދިފާޢު ކުރާކަށެއް ވެސް ނޫނެވެ. ހަމަ ޔަޤީނުންވެސް މެންބަރު ސަލީމަށާއި މިގޮތަށް ތަންތާ ޤުރުއާނުގެ އާޔަތްތައް ހިތުހުރިގޮތަކަށް ކިޔައިއުޅޭ މީހުންނަށް ހެވަށް އެދޭތީއެވެ. ސަލީމަކީވެސް އަދި އެނޫން މީހުންނަކީވެސް އަޅުގަނޑު ކަހަލަ މުސްލިމުންނަށް ވީތީއެވެ. އަޅުގަނޑުގެ ޤާބިލިއްޔަތާއި ލަޔާޤަތު ހުރި މިންވަރަކުން ދަންނަބޭކަލުންގެ ބަސްފުޅުތަކުގެ އަލީގައި ކިއުންތެރިންނަށް ހެއުމަގު ހުށަހެޅުމުގެ ގޮތުންނެވެ. ތަންކޮޅެއް ކުރިން ސަލީމުގެ ނަމުގައި ފޭސްބުކުގައި ޝާއިޢުކުރެވުނު އެއްޗަކަށް އަޅުގަނޑު ރައްދުދިނީމެވެ. އެމައްސަލައާމެދު ސަލީމު އަޅުގަނޑަށް ފޯން ކުރަށްވާފައި އެއީ އޭނާގެ ލިއުމެއް ނޫންކަމަށާއި ފޭކު އެއްޗެއް ކަމަށް ވިދާޅުވުމުން އަޅުގަނޑު އެކަމާ ސަލީމުގެ އަރިހުން މާފަށް އެދުނީމެވެ. އަދި ވަގުތުން އެލިއުން ނެގީމެވެ. މިފަހަރުވެސް މާފަށް އެދޭހާލު، މިއަދުގެ ކުނި ސިޔާސީ ވާހަކައާއި ﷲއާއި ރަސޫލާގެ މޫރިތި ބަސްފުޅު މަސްހުނި ކުރަށް އޭގެ އަގު ވައްޓާ ނުލެއްވުމަށް އިލްތިމާސް ކުރަމެވެ. ޅެންވެރިއެއްގެ ބަސްފުޅެއްގައި ވެއެވެ. "ދީން ވީދާލައިގެން ދުނިޔޭގައި ވީދިފައިވާ ތަންތާ ގަނޑުފޮތި އަޅަން ނޫޅޭށެވެ." މިއީ އަޅުގަނޑުމެން އެންމެން ވިސްނާލަން ޖެހޭ ތެދު ބަހެކެވެ.

ރައްޔިތުން އެހާ ގަމާރެއް ނޫނެވެ.

މަޖިލީހުގައި ޢާއްމު ގޮތެއްގައި ވަރަށް ގިނަ ފަހަރު ރައްޔިތުންގެ ސަޕޯޓު ހޯދުމަށް މެންބަރުން ވާހަކަ ދައްކަވާތަން ފެނެއެވެ. އެއް ޕާޓީ އަނެއް ޕާޓީއަށް ރައްދު ނުދީ ކަމުނުދާނެއެވެ. ތިމާއަށް އިއްޔެ ދެއްކުނު ވާހަކައާއި މިއަދު ދައްކާ ވާހަކަ ފުށުއަރާގޮތް ވިއަސް ވަރިހަމައެވެ. ކިތަންމެ ބޮޑު ދޮގެއް ހަދަން ޖެހުނަސް މައްސަލައެއް ނެތެވެ. ސީދާ އިއްޔެ ތިމާމެން ކުރި ކަމަކާ އިދިކޮޅު ހަދަން ޖެހުނަސް ފަރުވާލެއް ނެތެވެ. ރައްޔިތުން ގުނބޯ ހައްދަން ވެގެންނެވެ. އެހެންނާ ގުނބޯ މިހެއްދެނީ ތިމާމެންގެ އަމިއްލަ ނަފްސެވެ. މިއަދު ރައްޔިތުން އެއަށްވުރެން މާ ހޭލުންތެރިއެވެ.

ސަލީމު ކިޔަވާ ވިދާޅުވި އާޔަތާ ޢިމްރާނާ ހުރީ ކޮން ގުޅުމެއްބާ!

ދެން އޮތީ ސަލީމު މަޖިލީހުގައި ކިޔަވާ ވިދާޅުވި އާޔަތުގެ ވާހަކައެވެ. ހަމަގައިމު ސަލީމު އާޔަތް ވިދާޅުވީ އަޅުކަމެއްގެ ގޮތުގައި ޤުރުއާން ތިލާވަތު ކުރުމުގެ މަޤްޞަދުގައެއް ނޫނެވެ. އެއާޔަތް ވިދާޅުވީ ޢިމްރާނަށް ރައްދު ދެއްވަމުން ޢިމްރާނުގެ ކުށް ހާމަކުރަށްވައި ހުއްޖަތް ޤާއިމު ކުރެއްވުމުގެ ގޮތުން ގެންނެވި ދަލީލަކަށެވެ. ނަޙްލު ސޫރަތުގެ 105 ވަނަ އާޔަތެވެ. إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (މާނައީ: ދަންނާށެވެ. ހަމަކަށަވަރުން ރަސޫލާގެ އިސްތަށިފުޅުގައި ދޮގުއިލްޒާމު އަޅުވައިއުޅޭ ބަޔަކީ اللَّه އާއި އެއިލާހުގެ އާޔަތްތަައް ޤަބޫލު ނުކުރާ މީހުންނެވެ. ޝައްކެއްނެތި ދޮގުވެރިންނަކީ ހަމަ މިބައިމީހުންނެވެ.)

މިއާޔަތް ބާވައިލެއްވުނީ މައްކާގެ މުޝްރިކުން ކީރިތި ރަސޫލާއަކީ ދޮގުވެރިއެއް ކަމާއި ﷲގެ ޙަޟުރަތުން ވަޙީއެއް ބާވައި ނުލެއްވޭ ކަމާއި ﷲގެ ނަންފުޅުގައި އިތުރުފުޅު ހައްދަވާ ވާހަކަ ދައްކަވައި އިތުރު އެކަލޭގެފާނުންގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވަން ފެށުމުން މާތް ﷲ ކީރިތި ރަސޫލާގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވުމުގެ ގޮތުންނާއި ދޮގުހަދާ މީހުންނަނީ ކާފަރުންކަން އަންގަވައި ދެއްވުމުގެ ގޮތުންނެވެ. މިކަން މިއާޔަތުގެ އިސްފަހުގެ އާޔަތްތައް ކިޔާލުމުން ސާފުވާނެއެވެ. އެއީ ނަޙްލު ސޫރަތުގެ 103 އިން 107 އަށެވެ. މިއާޔަތްތަކުގައިވާ ވާހަކަތަކަކީ ޝައިޚު ޢިމްރާނާ ބެހޭ ވާހަކަތަކެއް ނޫނެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދާ ބެހޭ ވާހަކަތަކެއް ވެސް ނޫނެވެ. އަދި ދޮގުހަދާ އެހެން މީހަކާބެހޭ ވާހަކައެއް ވެސް ނޫނެވެ. އެހެންކަމުން ﷲގެ ވަޙީ ބަސްފުޅަކުން މުރާދު ނަގަންޖެހޭނީ ﷲ އެބަސްފުޅަކުން އެންގެވިމުރާދެކެވެ. ނޫންނަމަ އެއާޔަތް ރައްދުވާނީ ހަމައެމީހަކަށެވެ. މާތް ﷲ މިފަދަ ނުރައްކަލުން އަޅުގަނޑުމެން ސަލާމަތް ކުރަށްވާނދޭވެ!

އެންމެ ބިރުވެރި ލާދީނިއްޔަތު:

ސަލީމަކީ އަޅުގަނޑު ދެނެފަރިތަ ރައްޓެއްސެކެވެ. ޒަމާނުއްސުރެން ރައްޔިތުންގެ މަޖިލީހުގައި އުޅުއްވަމުން ގެންދަވާ މަޖިލީހުގެ ހަރުދަނާ މެންބަރެކެވެ. ހުށިޔާރު ވިޔަފާރިވެރިއެކެވެ. އެހެންނަމަވެސް މަޖިލީހުގައި ވާހަކަ ދައްކަވާއިރު ވަރަށް ގިނަފަހަރު ދީނޭ ކިޔުއްވައިގެން ވާހަކަ ދައްކަވައި ހައްދަވައެވެ. މިއީއަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދީނީ މައްސަލައަކަށް ބަހުސު ކުރެވޭހިނދު އެކަމަކާ ބެހޭ މަޢުލޫމާތު ހޯއްދަވައިގެން މެންބަރަކު ދީނީ ގޮތުން އެމައްސަލަ އޮތްގޮތް ތަޅުމުގައިވެސް އަދި ކޮމިޓީ ބަހުސުގައިވެސް ބަޔާންކުރެއްވުމަކީ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް ދައްކާ ކޮންމެ ވާހަކައަކަށް އާޔަތް ކިޔައި ޙަދީޘު ކިޔައި އިސްލާމީ ތާރީޚު އޮޅުން ބޮޅުން އަރުވައި ގަޑުބަޑު ކޮށްލައިގެން ދެއްކުމަކީ އެއްވެސް ޙާލެއްގައި އެކަކަށްވެސް ހުއްދަވެގެންވާނޭ ކަމެއްނޫނެވެ. ތިމާ ބޭނުންމީހަކު ޚާދިލު އިބްނި ވަލީދަށް ހަދައި، ތިމާ ޤަބޫލުކުރާ މީހާ ޢުމަރު އިބްނި ޢަބްދުލް ޢަޒީޒަށާއި ޞަލާޙުއްދީން އައްޔޫބު ކަމަށް ބުނެ، ތިމާ ރުޅި އަންނަ މީހާ ނަމުރޫދާއި އަބޫ ލަހަބަށް ހަދައި، ސުވަރުގެ ދާން ބޭނުން ބަޔަކު ވޯމްއަޕްކުރަން ދިވެހި ޖަޒީރާތަކަށް އައުމަށް ދަޢުވަތުދީ، ނޫޙުގެފާނުންގެ ނައުކޮޅުން ސަލާމަތްތެރިކަން ހޯދިގޮތަށް ތިމާމެންގެ ޕާޓީއަކީ އެނައުކޮޅު ކަމާއި ސަލާމަތްތެރިކަން ހޯދަން ބޭނުން މީހަކު އެޕާޓީއަށްވަނުމަށް ދަޢުވަތުދީ، ޕާޓީގެ ޖަލްސާއަށް ނާންނަ ޢާއްމުންނާއި ޝައިޚުންނާ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށް ބުނެ، މިމޭރުމުން ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށް ހަޖޫ ޖެހުންނޫން ދެވަނަކަމެއް ނޫނެވެ. އަދި މިއަށްވުރެން ބޮޑު ލާދީނިއްޔަތެއް ނޯންނާނެއެވެ.

ﷲގެ ކަލާމްފުޅަކީ ތިމާ ބޭނުން އިރަކު ސައިކިޔާލަން އޮންނަ ރާނީއެއް ނޫނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޝައިޚުންނާއި ސިޔާސީ ބޭފުޅުންނޭވެ! ހަނދުމަ ބަހައްޓަވާށެވެ! ﷲގެ ކަލާމްފުޅަކީ ބޭނުންމީހަކު ބޭނުން ގޮތަކަށް ކުޅެން ބާވައިލެއްވިގެންވާ ބަތްކައްކާއެއް ނޫނެވެ. އެއީ ﷲގެ މުޤައްދަސް ކަލާމްފުޅެވެ. މިގޮތަށް ﷲގެ ކަލާމްފުޅާ ކުޅެއުޅުމަކީ ވަަރަށްބޮޑު ނުރައްކަލެކެވެ. މިޢަމަލަކީ މިހާރަކަށްއައިސް ދީން ކިޔަވައިިގެންތިބި ބައެއްމީހުންގެ ކިބައިންވެސް ފެންނަމުންދާ މަންޒަރެކެވެ. ﷲގެ ކަލާމްފުޅަކީ ތިމާހިތުހުރި ތަނަކަށް ފިޓުކޮށް، ތިމާ ކަނޑުފެތޭ ކޮންމެ ހިނދަކު ސައިކިޔާލަން ބޭނުންކުރާ ރާނީއަކަށް ހަދައިގެން ނުވާނެއެވެ. މިއަށްވުރެން ބޮޑު ބިރުވެރި ކަމެއް މުސްލިމަކަށް ކުރިމަތި ނުވާނެއެެވެ. އިމާމު އަބޫ ދާއޫދާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. ލޮބުވެތި رَسُولُ اللَّهِ H ޙަދީޘު ކުރަށްވާފައި ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ قَالَ فِي الْقُرْآنِ بِرَأْيِهِ فَأَصَابَ فَقَدْ أَخْطَأَ މާނައީ: ﷲގެ ކަލާމްފުޅުގެ މާނަ ކުރުމުގައި ތިމާގެ އަމިއްލަ ރައުޔާ އެއްގޮތަށް ތަފްސީރުކުރާމީހާ އެކުރިމާނަ ރަނގަޅަށް އޮތް ކަމުގައިވިއަސް އޭނާ އެކުރީ ބޮޑުވެގެންވާ ކުށެކެވެ. މާތް ﷲ މިފަދަ ބިރުވެރި ނުރައްކަލުން އަޅުގަނޑުމެން އެންމެހައި މުސްލިމުން ސަލާމަތް ކުރަށްވާނދޭވެ! އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން